ށ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން ރާވާ ހިންގާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް، މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން އެ އަތޮޅު ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދިން ޖަމިއްޔާތަކުން ހިންގާ ޕްރޮޖެކްޓްތައް ނިމުމަކާއި ގާތައް އައިސްފައިވާކަމުގައި އެ ކައުންސިލުން ހާމަކޮށްފިއެވެ.

އެ ކައުންސިލުން މި ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ތިން ޖަމިއްޔާއަކީ މާއުނގޫދޫ އެސޯސިއޭޝަން ފޯ އައިލެންޑް ޑިވެލޮޕްމަންޓް (އެމްއޭއައިޑީ)، މިލަންދޫ ސްޕޯޓްސް ކްލަބްގެ އިތުރުން ފުނަދޫގެ ޔުނިޓީ ސްޕޯޓްސް އެކަޑަމީއެވެ.

Ad
rt

މި ތިން ޖަމިއްޔާގެ ތެރެއިން ކޮންމެ ޖަމިއްޔާއަކަށް 75000 (ހަތްދިހަ ފަސްހާސް) ރުފިޔާ، ވަނީ ފޯރުކޮށްދީފައެވެ. އެއީ ޖުމްލަ 225،000 ރުފިޔާގެ އެހީއެވެ.

މި ޕްރޮގްރާމްގެ ދަށުން ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އެ ރަށު ސްކޫލުގައި ތަރައްޤީކުރި ރީޑިން ޕާކްގެ މަސައްކަތް މިހާރުވަނީ ނިންމައި ރަސްމީކޮށް އެތަން ހުޅުވާފައެވެ.

ށ. އަތޮޅު ކައުންސިލްގެ މާލީ އެހީތެރިާކަމާއެކު ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އެރަށު ސްކޫލްގައި ތަރައްގީ ކުރި ރީޑިން ޕާކު، ފޮޓޯ: ޔުނިޓީ ސްޕޯޓްސް އެކަޑަމީ

މި ޕްރޮގްރާމްގެ ދަށުން މާއުނގޫދޫ އެސޯސިއޭޝަން ފޯ އައިލެންޑް ޑިވެލޮޕްމަންޓް (އެމްއޭއައިޑީ) އެ ރަށުގައި މަދިރި ކޮންޓްރޯލް ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަށް ބޭނުންވާ އެންމެހާ މެޝިނަރީސް ރާއްޖެއިން ބޭރުންގަނެ މިހާރު ވަނީ ޝިޕިންގ މަރުހަލާގައެވެ.

މި ޕްރޮގްރާމްގެ ދަށުން މިލަންދޫ ސްޕޯޓްސް ކުލަބުން ކުރިއަށް ގެންދާ ހޭންޑްބޯލް ކޯޗިންއާއި ރެފްރީ ޓްރެއިނިން ޕްރޮގްރާމް ނިންމައި މިހާރު ކުރިއަށްދަނީ އެ ކުލަބުގެ އެކަޑަމީގައި ހޭންޑްބޯލް ޓްރެއިނިން ހަދަމުންދާ ކުދިންނަށް އެ ކުޅިވަރާއި ގުޅޭގޮތުން ފުރިހަމަ ކުރަންޖެހޭ ސެޝަންތައް ފުރިހަމަ ކުރުމުގެ މަރުހަލާއެވެ.

ށ. އަތޮޅު ކައުންސިލްގެ މާލީ އެހީތެރިާކަމާއެކު މާއުނގޫދޫ އެސޯސިއޭޝަން ފޯ އައިލެންޑް ޑިވެލޮޕްމަންޓް (އެމްއޭއައިޑީ) އިން އެރަށުގައި ހިންގަން ނިންމާފައިވާ މަދިރި ކޮންޓްރޯލް ކުރުމަށް ބޭނުންވާ މެޝިންތައް ރާއްޖެއިން ބޭރުން ގެނެސްފައި، ފޮޓޯ: އެމްއޭއައިޑީ

މި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ށ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ވިދާޅުވެފައި ވަނީ އެ ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދިން ތިން ޖަމިއްޔާގެ ތެރެއިން ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އެ ރަށު ސްކޫލުގައި ތަރައްޤީކުރި ރީޑިން ޕާކް ނިންމައި މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށާއި، އަދި މީގެ އިތުރުން މާއުނގޫދޫ (އެމްއޭއައިޑީ) ޖަމިއްޔާއިން އެ ރަށުގައި މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަށް ބޭނުންވާ އެންމެހާ މެޝިނަރީސް ރާއްޖެއިން ބޭރުން ގަނެ މިހާރު ޝިޕް ކޮށްފައިވާ ކަމަށާއި، އެ ތަކެތި މި މަހު ފަހުކޮޅު ނުވަތަ އަންނަ ޖަނަވަރީގެ ކުރީކޮޅު ރާއްޖެ އަންނާނެ ކަމަށެވެ. މީގެއިތުރުން މި ޕްރޮގްރާމްގެ ދަށުން މިލަންދޫ ސްޕޯޓްސް ކުލަބުން ހިންގާ ހޭންޑްބޯލް ކޯޗިންއާއި ރެފްފީ ޓްރެއިނިންގެ އިތުރުން އެ ކުލަބުން ހިންގާ އެކަޑަމީގައި ހޭންޑްބޯލް ތަމްރީންތައް ހަދަމުން އަންނަ ކުދިންނަށް މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ސެޝަންތައް ވެސް މިހާރު ނިމުމަކާއި ގާތަށް އައިސްފައިވާ ކަމަށެވެ.

ށ. އަތޮޅު ކައުންސިލްގެ މާލީ އެހީތެރިާކަމާއެކު މިލަންދޫ ސްޕޯޓްސް އިން ކުރިއަށް ގެންދާ ހޭންޑް ބޯލް ކޯޗިން އަދި ރެފްރީން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: މިލަންދޫ ސްޕޯޓްސް ކުލަބު

ސިޔާންޓޭ އިތުރަށް ވިދާޅުވެފައި ވަނީ މި ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ފޮރުކޮށްދެވުނު ތިން ޖަމިއްޔާއިން ވެސް އެކަށީގެންވާ ގޮތެއްގައި އެ ޕްރޮޖެކްޓްތައް ހިންގަމުން އަންނަ ކަމަށާއި، އެކަންކަން ހިނގާ ނުހިނގާ ގޮތް އެ ކައުންސިލުން ވެސް ކައިރިން ބަލަމުން އަންނަ ކަމަށެވެ.

ށ. އަތޮޅުގައި ހިންގަމުން އަންނަ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ މުޖްތަމަޢު ބާރުވެރިކުރުމާއި، އިޖްތިމާޢީ ތަރައްޤީއާއި އިޖްތިމާއީ ރޫޙް އަލާކޮށް ދިރުވުމަށް ށ.އަތޮޅުގެ މަދަނީ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.