2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންއިރު ޤައުމު އޮތް ބިރުވެރި ހާލަތަށް ދައުރު ނިންމާލާއިރު ހެޔޮ ބަދަލު ގެނެސްދެވިއްޖެ ކަމުގެ އިހްސާސް ކުރެއްވޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެންވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ ރައްޔިތުން އެމަނިކުފާނު ރައީސްކަމުގެ އިންތިޚާބު ކުރިއިރު، އޭރު ޤައުމު އޮތް ހާލަތު ތަފާތު ކަމަށެވެ. އެދުވަހު ރައްޔިތުން އެދުނީ މަގުމަތީގެ ނާމާންކަމާއި ހަމަނުޖެހުމާއި ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނެސް ދިނުމަށް ކަމަށާއި، ސަރުކާރާ ޚިޔާލު ތަފާތުވުމުގެ އަގު ޖަލުގެ އަނިޔާއިން ދައްކަން ޖެހުން ނިމުމަކަށް ގެނައުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރީ، ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތައިލުމަށް ކަމަށާއި، ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސްކުރުން ނިމުމަކަށް ގެނައުމަށް ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން މި މަސްއޫލިއްޔަތު އެމަނިކުފާނާ މަތިކުރީ ނުލިބިހުރި ޒަމާންވީ އަސާސީ ޚިދުމަތްތައް ހޯދުމަށް، ޑިމޮކްރަސީއާއި، އިންސާނީ ކަރާމަތާއި މިނިވަން ސިޔާސީ މާޙައުލު ރާއްޖެއަށް ގެނައުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

''އޭރުގެ ބިރުވެރި ޙާލަތު ފިލައިގޮސް، މަގުތަކުގެ އަމާންކަން މިއަދު އިޙްސާސްވޭ. ޚިޔާލު ތަފާތުވެހުރެވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން، އެ މީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި ފަސް އަހަރު ކަށަވަރުކޮށްދީފިން. ނޫސްވެރިންނަށް އޮތް ބިރު އެކުގައި ނައްތާލައިފިން. އެ ދުވަހު ރައްޔިތުން ބޭނުންވި އަސާސީ ޚިދުމަތްތައް މުޅި ރާއްޖެއަށް އާންމުކޮށްފިން.'' ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު ކަމަށާއި، މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން ކަމަށެވެ.

ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުތަކާއި، ވެރިކަން ބަދަލުވެގެންދިޔުން މިގޮތުގައި ހިނގަމުންދާތަން ދިވެހިރައްޔިތުން ދެކޭހިތްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ޤައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

''ސަރުކާރުތައް ބަދަލުވާނެ. ވެރިން އައިސް ގޮސްވާނެ. ޤާއިމްވެ، ދާއިމްވެ، ދެމިއޮންނާނީ ޤައުމާއި ރައްޔިތުން.'' ރައީސްގެ ޚިޠާބުގައި ވިދާޅުވެފަ ވެއެވެ.