އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރަން ޖެހޭ ކަަމަށް އެމްޑީޕީން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވޭތީ އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ.
ނަޝީދުގެ މައްސަލަ އޮތުމުން މުއިއްޒު ހުވާކުރައްވަން ހުރަހެއް ނެތް ކަމަށް ދައުލަތުން އިއްޔެ ބުނެފަިއވެ އެވެ.
ނަމަވެސް މިއަދުގެ އަޑުއެހުމުގައި އެމްޑީޕީގެ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ އިތުބާރު ނެތް ކަމުގެ ގަރާރެއް ހުށަހަޅާފައިވާ ވަގުތު އިތުރު އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް ގަވާއިދުގައި ބުނާ ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިހާބީ ރައީސް ހުވާކުރައްވަން ބާއްވާ ޖަލްސާގެ އެޖެންޑާގެ އެންމެ ކުރީގައި އިތުބާރު ނެތް ކަމުގެ މައްސަލަ ހިމަނަން ޖެހޭނެ ކަމަށެވެ.
އެކަމަށް ރައްދު ދެއްވައި، ދުސްތޫރީ މައްސަލައަށް ތަދައްހުލްވި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވަކާލާތު ކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ އިންތިހާބީ ރައީސް ހުވާކުރުމުގެ ކަންކަމަށް ހުރަސް ނޭޅޭނެ ކަމަށާއި އެކަންކަމަށް ހައްލު ލިބެން ޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!