ނަސްރުގެ ދުވަހެއް ފާހަގަކުރާއިރު ޢަޒުމަކަށް ހަދަންވީ މި ޤައުމުގެ ކަރާމަތާއި ދިވެހިންގެ މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. މިއަދު ފާހަގަ ކުރަމުން ދަނީ ރާއްޖޭގެ 36 ވަނަ ނަސްރުގެ ދުވަހެވެ.

Ad
rt

ރައީސްގެ މިއަދުގެ ޚިދުތާބުގައި ވިދާޅުވެފައި ވަނީ، ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން، އެއް ރޫޙެއްގައި އެއް ޢަޒުމެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ހޭލުންތެރިވުން ކަމަށެވެ.

ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިންނާ ކުރިމަތިވި ބިރުވެރި ހާދިސާގައި، ދިވެހިންނަށް ނަޞްރު ލިބުމުގެ ސިއްރަކީ، މި ގުޅުމުގެ ހަރުދަނާ ކަން ކަމަށާއި، ދުޝްމަނުންގެ ބަޔަކު ހަތިޔާރާއެކު މާލެ އަރައި، އެ ދުވަހު ހިންގި ޢުދުވާނީ ޢަމަލުތައް ނާކާމިޔާބުކޮށްލެވުނީ، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު ގުޅިގެން ކުރި މަސައްކަތާއި ޖިހާދުގެ ސަބަބުންކަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެދުވަހު ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވުނީ، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، މިނިވަންކަމަށްޓަކައި ޤުރުބާންވުމުގެ ރޫޙު ދިވެހިންގެ ކިބައިގައި ވަރުގަދަކަމުން ކަމަށް ވެސް ވިދާޅުވިއެވެ.

'މިފަދަ ދުވަހެއް ފާހަގަކުރާ އިރު، އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ މި ޤައުމުގެ ކަރާމަތާއި ދިވެހިންގެ މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ތިބެ، ފަރުދީ މަޞްލަޙަތުގެ މައްޗަށް ޤައުމީ މަޞްލަޙަތު އިސްކުރުމަށް'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވެފައިވާގޮތުގައި، އަޅުގަނޑުމެން މަސައްކަތް ކުރަންވީ، އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމުގެ ރޫޙު އަށަގެންނެވުމަށެވެ. އަދި އަޅުގަނޑުމެންގެ ޅަދަރިންގެ ހިތްތަކުގައި ޤައުމީ ލޯބި އާލާކޮށް، ޤައުމީ މަޞްލަޙަތު އިސްކުރުމުގެ ސިފަ އެކުދިންގެ ކިބައިގައި ހަރުލެއްވުމަކީ، މިފަދަ ދުވަހެއް ފާހަގަކުރުމުގެ ވަރަށް މުހިންމު ބޭނުން ކަމަށް ވިދާޅުވިއެވެ.