ހދ. ނައިވާދޫގެ ބިން ހިއްކުމާއި، އެ އަތޮޅު ފިނޭގެ މަގު ހެދުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓްގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) މަޝްރޫޢުތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނާފައި ވެއެވެ.
މި ގޮތުން ބޮޑު ތިލަދުންމަތިން ހދ. އަތޮޅުގެ ނައިވާދޫގެ ބިން ހިއްކުން މުޅިން އަލަށް ފަށާ މަޝްރޫޢުއެއްގެ ގޮތުގައި ހިމަނާފައިވާއިރު އެރަށުގައި އައުޓް ޑޯ ޖިމެއް ގާއިމު ކުރުން ވެސް އައު މަޝްރޫޢުއެއްގެ ގޮތުގައި ހިމަނާފަވެއެވެ. ނައިވާދޫ ބިން ހިއްކުމަށް ބަޖެޓްގައި ޖަހާފައި ވަނީ 4،600،000 ރުފިޔާ އެވެ. އެރަށުގައި އައުޓް ޑޯ ޖިމެއް އަޅަން 150،000 ރުފިޔާ ހިމަނާފަވެއެވެ.
ފިނޭގައި މުޅިން އަލަށް ފަށާ މަޝްރޫޢުއެއްގެ ގޮތުގައި އެރަށުގެ މަގު ހެދުން ހިމަނާފައިވާއިރު، އެ މަޝްރޫޢުއަށް 4،668،236 ރުފިޔާ ބަޖެޓްގައި ހިމަނާފަވެއެވެ.
މީގެ އިތުރުން ހަނިމާދޫ ދާއިރާގައި ހިމެނޭ ހިރިމަރަދޫގައި އަލަށް ފަށާ މަޝްރޫޢުއެއްގެ ގޮތުގައި ބަނދަރު ބޭރުތޮށިލުމާއި، ބަނދަރު މަރާމާތުކުރުން ހިމެނެއެވެ.
ހަނިމާދޫ ދާއިރާގެ ހަނިމާދޫގެ އެކި މަރުހަލާތަކުގައި ހުރި މަޝްރޫޢުތަކަށް 305 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވާއިރު، ނައިވާދޫގެ އެކި މަރުހަލާތަކުގައި ހުރި މަޝްރޫޢުތަކާއި އަލަށް ފަށާ ދެ މަޝްރޫޢުއަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައެވެ. ފިނޭގައި އަލަށް ފަށާ މަގު ހެދުމާއެކު އެކި މަރުހަލާތަކުގައި ހުރި މަޝްރޫޢުތަކަށް 14 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި ހިރިމަރަދޫގައި އަލަށްފަށާ ބަނދަރުގެ މަސައްކަތާއެކު އެކި މަރުހަލާތަކުގައި ހުރި މަޝްރޫޢުތަކަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!