މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ "ކަށަވަރު ޕްރޮމޯ" ފަށައިފިއެވެ.
މި ޕްރޮމޯޝަން ފައްޓަވައިދެއްވީ މިއަދު ކަށަވަރު ޝޯރޫމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ސީއީއޯ އަދަމް އާޒިމްއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުމަށް ކޮންމެ އަހަރަކު ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓުތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނާއި، ސްޓާން އައިޓަމްސްއާއި، ސްކޮޓް ބޭޑަ ރެސިން އާއި ސްކޮޓް ބޭޑަ ޖެލްކޯޓްސް އަދި ޕިގްމެންޓްސްއާއި ޔަންމާ ޖެންސެޓްސްއާއި ސްޕެއާ ޕާޓްސްއާއި އެކްސަސަރީޒްއާއި އިންޑަސްޓްރިއަލް ގޭހާއި މެރޯލް އަދި ލުބްރިކަންޓްސްއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮމޯޝަނުގެ މުއްދަތުގެ ތެރޭގައި ކުރާ ކޮންމެ 5,000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. ޕްރޮމޯޝަން ނިމުމުން ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ 175 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ކަށަވަރު ޕްރޮމޯ 2023" އަމާޒުކޮށްފައިވާނީ އޮޑިވެރިންނާއ،ި މަސްވެރިންނާއ،ި އިންޖިނޭރުންނާއ،ި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައ،ި މާލޭ ބަނދަރު ސަރަހައްދާއި ހުޅުމާލޭ ބަނދަރު ސަރަހައްދާއި ތިލަފުށީ ޑޮކްޔާޑް އަދި ރ. އަލިފުށި ރ. ވާދޫ ތ. ހިރިލަންދޫޫ ތ. ތިމަރަފުށި ތ. ދިޔަމިގިލި ދ. ކުޑަހުވަދޫ ކ. މާފުށި ކ. ގުޅި އަދި ފުވައްމުލަކު ސައިޓުތަކުގައި އައުޓްޑޯ އިވެންޓް ބޭއްވުމާއި ޒިޔާރަތް ކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނި ގޮތުގައި އެކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ހަރަކާތްތައް ރާވައި، ހިންގަމުންދާކަން އެ ކުންފުނިން ފާހަގަކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!