ހދ.ހަނިމާދޫގައި ހާއްސަ އެހީއަށް ބޭނުންވާ އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
މިއަދު ފުލުހުން ވިދާޅުވީ ހަނިމާދޫއިން ދުވަސްވީ މީހަކަށް އަނިޔާކޮށް ފައިސާތައް ފޭރިގަތްކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު މީހާގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވާ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ހަނިމާދޫގައި އުމުރުން 63 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް އަނިޔާކޮށް ފައިސާ ފޭރިގަތް މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 25 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ.
މި ހާދިސާގައި އަނިޔާ ލިބު ދުވަސްވީ މީހާއަށް އެ ރޭ ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު ޖެހިގެންއައި ދުވަހު ވަނީ އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައެވެ.
އެ ހާދިސާގައި އެ މީހާގެ ބޯފަޅާލުމުގެ އިތުރުން ހަށިގަނޑުގެ އެކިތަންތަނަށް ވަނީ އެކިވަރުގެ އަނިޔާތަށް ދީފައެވެ. އެ މައްސަލާގައި ފުލުން ހައްޔަރު ކުރި މީހާ، ހައްޔަރުކުރި އިރު ލައިގެން ހުރި ޓީޝާޓުގައި ވެސް ގިނަ އަދަދަކަށ ލޭ ހޭކިފައި ހުއްޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!