ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7000ރ. ގެ އެލަވަންސެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ނިންމަވައިފިއެވެ.

މާލޭގައި ހުންނަ އެމްޑީޕީ ހުވަދޫ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހިލޭ ޑިގްރީ އާއި ސްކޮލަޝިޕްތަކާއި ރަށްރަށުގެ ސްކޫލްތަކުގެ އުމްރާނީ ތަރައްގީ އާއި ރަނގަޅު ޓީޗަރުންނާއި ޕްރިންސިޕަލުން ހޯދުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

Ad
rt

ރައީސް ވިދާޅުވި ގޮތުގައި މި ފަސް އަހަރުގެ ތެރޭގައި އެކިކަންކޮޅުތަކުގައި 1،200 އަށް ވުރެ ގިނަ ކްލާސް ރޫމް އަޅައި 80 އަށް ވުރެ ގިނަ މަލްޓިޕާޕަސް ހޯލް އަޅައި ވަނީ ނިންމައިފައެވެ. އަދި ޕްރިންސިޕަލުން ތަމްރީންކޮށްގެން އެކި ރަށްރަށަށް ގެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ ތެރެއިން ބައެއް ޕްރިންސިޕަލުންނަށް ދިމާވާ އެއް ކަމަކީ އަމިއްލަ ރަށް ދޫކޮށް އެހެން ރަށެއްގައި ދިރިއުޅެން ޖެހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންވެ، ގެދޮރު ކުއްޔަށް ހިފަން ޖެހި، އެކަމަށް ބޮޑު ހަރަދެއްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމަށް ހައްލެއް ހޯދައި ދިނުމަށް ނިންމާފައިވާ ކަން ރައީސް މިރޭ ވަނީ އިއުލާން ކުރައްވައިފައެވެ.

"އަޅުގަނޑުމެން އެކަމަށް ހައްލެއް ހޯދައި ދިނުމަށް މިހާރު ވަނީ ނިންމާފައި. އެގޮތުން އަމިއްލަ ރަށް ނޫން ރަށުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް އެލަވަންސެއްގެ ގޮތުގައި 7،000ރ. ދިނުމަށް ވަނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.

މި އެލަވަންސަކީ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ވަޒީފާ އަދާކުރާ ޕްރިންސިޕަލުންނަށް ދޭ "ރޫރަލް ރިޓެންޝަން ޕޮލިސީ"އެކެވެ. ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް މީގެ ކުރިން އެލަވަންސްގެ ގޮތުގައި 9،000ރ. ދިނެވެ. އެކަމަކު، މިދިޔަ އަހަރުގެ މެއި މަހު އަމަލުކުރަން ފެށި ވަޒީފާގެ އާ އޮނިގަނޑުގައި ރަށުން ބޭރުގެ އެކޮމަޑޭޝަން އުނި ކުރުމާއެކު، އެ އެލަވަންސް ދިނުން ހުއްޓުނެވެ.