" އަހަރެން ބޭނުން މި ދެމަފިރިންގެ ކިބައިން މަޢާފަށް އެދެން.. އެގޮތަށް އޮޅުވާލައިގެން އުޅުނީ މަޖުބޫރުވެގެން.. އަހަންނަކީ މިރަށު މީހެއް ނޫން. ވަންނާނެ ތަނެއް ނެތި ބިކަވެފައި މާލޭގައި އުޅެފައި މިރަށަށް އައީ ވަޒީފާއެއް ލިބޭތޯ! މިއީ ޑީޑީ އަހަންނަށް ދިން ވަޒީފާ! ނުކުޅެދޭ މީހަކަށް ވެގެން މީހުންގެ އަތުން ފައިސާވެސް ހޯދަން ޖެހޭ.. އޭނަ ބޭނުންވާ ވަރަށް ނުލިބެންޏާ އަހަންނަށް ވަރަށް އަނިޔާކުރޭ. "
އަސަރާއެކު އާމާލް ކިޔައިދިނެވެ. އާމާލްގެ ވާހަކަތަކުން ޔަޝްމީގެ ހިތުގައި ހަމްދަރުދީ އުފެދިގެން ދިޔައެވެ.
" އަހަރެމެންގެ ހިތުގައި އެއްވެސް ނަފްރަތުކަމެއް ނެތް! "
މަޑުމަޑުން ޔަޝްމީ އެހެން ބުނުމާއެކު އާމާލް ހިނިތުންވެލިއެވެ. މާގިނައިރުތަކެއް ނުވެ، ފުލުހުން އޭނާ ގޮވައިގެން ނިކުމެއްޖެއެވެ.
***
ކުއްޔަށް ހިފާފައިވާ ކޮޓަރީގެ ބެލްކަނީގައި ޔަޝްމީ ހުރީ ފުން ވިސްނުމެއްގައެވެ. މިނީބާއިން ކޯކް ދަޅެއް ނަގައިގެން އައިސް ހާރޫން ޔަޝްމީއާ އެއްހަމައެއްގައި ހުއްޓި، ބެލްކަނީގެ ފެންސުގައި ބަނޑުއަޅާލަމުން ބުންޏެވެ.
" ހާދަ ބޮޑު ފިކުރެއްގައި"
ހާރޫން ވާހަކަ ދައްކަން ފެށުމުން ޔަޝްމީ ބަލައިލީ ލުއި ގޮތަކަށް ހީލަމުންނެވެ. އެއާއިއެކު ހާރޫން ނިތް އަރުވާލަމުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. ނަމަވެސް ޔަޝްމީ ކުޑަކޮށް ބޯ ހޫރާލީ، ކަމެއް ނުވެޔޭ ބުނާފަދަ ގޮތަކަށެވެ.
" ކަމެއްވީމައެއްނު އަހަންނަށް އަންގައިވެސް ނުލާ އައިސް މިތާ ތިހުރީ"
ކޯކް ދަޅު ކަނޑާލަމުން ހާރޫން ބުނެލީ ހިނިއައިސް ހުރެއެވެ.
" އަހަރެން ހިތަށް އަރަނީ އާމާލް އުޅެމުން ދިޔައީ ހާދަ ހިތްދަތި ދިރިއުޅުމެކޭ! އަހަރެމެންނަށް އޭނަ ސަލާމަތް ކޮށްދެވުނުކަން ނަސީބެއްނު"
ޔަޝްމީގެ ވާހަކަ ނިމުމާއެކު ހާރޫން ބާރުބާރަށް ހީގަތެވެ. އަދި މަޑުމަޑުން ޔަޝްމީއާ ގާތްވެލުމަށްފަހު ބުނެލިއެވެ.
" އެހެންވެ އަހަރެން ބުނަނީ އަސްލުވެސް ހަމަ ޔަޝްމީ ހާދަހާ މޮޔައޭ! "
ދިމާކުރާފަދަ ގޮތަކަށް ހާރޫން ހެމުން ދާތީ ޔަޝްމީ ގާތަށް ރުޅި އައެވެ. އެހެންކަމުން އޭނާ ހާރޫންއަށް ބަލަމުން ދިޔައީވެސް ރުޅިވެރިކަމާއެކުއެވެ.
" ކިހިނެއްތަ އެނގެނީ އާމާލް އެދެއްކީ ތެދު ވާހަކަ ކަމެއް؟ އެދެމީހުން ގުޅިގެން ކުރާ ވިޔަފާރިއެއް ކަމަށްވެސް ވެދާނެ! ނޭނގެއެއްނު އެއީ އޭނަގެ އަންހެނުން ނޫންކަމެއްވެސް! އެކަހަލަ މީހުން ވަރަށް މޮޅުވާނެ މީހުން މަޅީގައި ޖައްސަން.. "
އަތުގައި އޮތް ދަޅުން އެތިފޮދެއް ބޯލަމުން ހާރޫން ބުނެލިއެވެ. ނަމަވެސް ޔަޝްމީ ހުރީ އެވާހަކަ ޤަބޫލު ކުރާ ގޮތަކަށްނޫނެވެ.
" އަނތްބަކަށް އެވަރެއް ނުކުރާނެ! އަހަންނަށް ހަމަ އާމާލްއާމެދު ވިސްނެނީ"
ޔަޝްމީ ބުންޏެވެ. އޭރު ހާރޫން ދިޔައީ ލަސްލަހުން ބޯ ޖަހަމުންނެވެ.
" އަހަރެމެން ދެން އެކަމާ ކީއް ކުރާނީ؟ ފުލުހުން އެކަންތައް ތަޙްޤީޤް ކުރާނެތާ! "
ހާރޫން ދުރަށް ބަލައިލިއެވެ. އޭރުވެސް ޔަޝްމީ ދިޔައީ ހާރޫންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަމުންނެވެ. އިރުކޮޅެއްގެ ހަމަހިމޭން ކަމަށްފަހު، ޔަޝްމީ ވާހަކަ ދައްކަން ފެށިއެވެ.
" މިރަށުން ދާން ބޭނުންވަނީ އެމައްސަލަ ވަކި ގޮތަކަށް ނިމުނީމަ! "
ޔަޝްމީ ލަސްލަހުން ބުނެލިއެވެ. އޭނާގެ އެ ޖުމްލައިން ހާރޫންއަށް ސިހުން ލިބުނެވެ. އަތުގައި އޮތް ދަޅު ފައިބުޑުގައި ބަހައްޓަމުން އޭނާ ޔަޝްމީއާ ދިމާލަށް އެނބުރިލިއެވެ. އަދި ޔަޝްމީގެ މޫނުގައި ދެއަތުން ހިފަހަައްޓާލިއެވެ. އެއާއިއެކު ޔަޝްމީގެ ނަޒަރު ހުއްޓުނީ ސީދާ ހާރޫންގެ ދެލޮލަށެވެ.
" މަގޭ ލޯބިވާ އަންހެނުން.. ނިކަން ވިސްނާލަބަލަ! އަހަރެމެންނާ އެއްވެސް ގުޅުމެއް ނުވާ، ނުވެސް ދަންނަ ބައެއްގެ ކަންކަމުގައި ވިސްނާ، އަހަރެމެންގެ ހަކަތަ އެކަމަށް ހުސްކުރާނެކަމެއް ނެތް! އަހަންނަށް ހަމަ ޔަޤީން އެ އަންހެން ކުއްޖާވެސް އެކަމުގައި އޮންނާނީ ގޯސް ހަދާފައި.. ޔަޝްމީ! ހަމްދަރުދީވާންވެސް ވަކި ކަހަލަ ކަންތައްތަކެއް ހުންނާނެ.. އަހަރެމެންނަށް މި ދިމާވި ކަންކަމަކީ އަހަރެމެން އެމީހުންގެ ފަހަތުން ދުވަން ޖެހޭނެ ކަންކަމެއް ނޫން"
ހާރޫން ވާހަކަ ދެއްކީ ޔަޝްމީއަށް ވިސްނޭނެ ގޮތަށެވެ. ނުހަނު ލޯބިންނެވެ. ނަމަވެސް އޭނާއަށް އަނެއްކާވެސް ސިހުން ލިބުނީ ޔަޝްމީ ހާރޫންގެ ދެއަތް ފޮޅުވާލައި އޭނާއަށް ފުރަގަސް ދިނުމުންނެވެ.
" އަބަދުވެސް ބުނާނެ އަހަރެންގެ ހިތްހަމަ ޖެހުމަށް ހާރޫން ވަރަށް ވިސްނަމޭ! އެކަމަކު.. މިއަދު އަހަރެންގެ އުފަލަށްޓަކައި އަހަރެން ބުނާގޮތަށް ކަންތައްތައް ކުރަން ހާރޫންއަށް އުނދަގޫ ވެއްޖެ! އަހަންނަށް އެނގޭ ދެން ކޮންމެ ކަމެއްވެސް ދާނީ ހަމަ މިގޮތަށްކަން.. ހާރޫންއަށް މިހާރު މުޙިއްމުވަނީވެސް ހަމައެކަނި ހާރޫންގެ އުފާ!"
ޔަޝްމީގެ ފަހު ޖުމްލައިން ހާރޫން ތެޅިގަތެވެ. އޭނާ އަވަސް އަވަހަށް ޔަޝްމީގެ ކޮނޑުގައި ހިފާ، އޭނާއާ ދިމާލަށް އަނބުރާލިއެވެ. އެއަށްފަހު ޔަޝްމީގެ އަތުގައި ހިފާލަމުން ފިރުމާލިއެވެ.
" ކޮންކަހަލަ ވާހަކަތަކެއް ތި ދައްކަނީ؟ ކޮންމެ ކަމެއްވެސް ދެން... ދާނީ މިގޮތަށޭ ތިބުނީ ކީއްވެ؟ ޔަޝްމީ އަހަންނަށް ޝައްކު ނުކުރައްޗޭ! އަހަރެން ޔަޝްމީއާމެދު ފަރުވާކުޑަކޮށްފާނެޔޭ ހީ ނުކުރައްޗޭ! ހަމަ ތެދެއް މިބުނީ! އަހަންނަށް އެއްވެސް ބަދަލެއް ނާދެޔޭ.. އަހަންނަށް އަދިވެސް މުޙިއްމުވަނީ ޔަޝްމީ.. ޔަޝްމީއަށްޓަކައި އަހަރެން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނަން"
ހާރޫން ޔަޝްމީގެ އަތުގައި ބޮސް ދިނުމާއެކު ޔަޝްމީ އަވަސް އަވަހަށް އަތް ދަމައިގަތެވެ. އަދި ހިތްހަމަ ނުޖެހޭ ގޮތް ދައްކާލަމުން ބުނެލިއެވެ.
" އެހެންވިއްޔާ މަޑުކޮށްލަންވީނު! އާމާލްއަށް ވާގޮތެއް ބަލައިލަން ބޭނުން.. އޭނަ އެ ދައްކަނީ ތެދު ކަމަށް ވަންޏާ އޭނައަށް ކޮންމެވެސް ވަރެއްގެ އެހީއެއްވެސް ދެވިދާނެއެއްނު"
ޔަޝްމީ އެހެން ބުނުމާއެކު ހާރޫން ހިނިތުންވެލިއެވެ. އެއަށްފަހު ޔަޝްމީ ގެނެސް އޭނާގެ މޭގައި ޖައްސާލަމުން ބުރަކަށީގައި ފިރުމާލިއެވެ.
" މައްސަލައެއް ނޯންނާނެ! ކަމަނާ ވިދާޅުވި ވަރަކަށް އެހީވެވޭނެ! އެކަމާ ނުވިސްނާ! މަގޭ އަންހެނުން ހާދަ ރަނގަޅޭ"
ހާރޫންގެ އަޑުގައި އެކުލެވިފައިވާ އުފާވެރިކަން ޔަޝްމީއަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އޭރު އޭނާގެ މޫނުމަތީގައިވަނީ އުދާސްކަމެވެ. ހާރޫންގެ މޭގައި މޫނު ޖައްސާލައިގެން ހުރެ، ޔަޝްމީ ދެލޯ މަރައި ބާރުކޮށްލާ، ދަތްތަކަށް ބާރުކޮށްލިއެވެ.
***
ޖާވިދް އިނީ ކޮމްޕިޔުޓަރ ކައިރީގައެވެ. ފެންނަ ފެނުމަށް އޭނާ ކުރަމުންދަނީ ވަރަށް ބޮޑު މަސައްކަތެކެވެ. ފައިލެއް ހިފައިގެން ޒޫނާ އެތެރެއަށް ވަތްކަމެއްވެސް ޖާވިދަކަށް ނޭނގުނެވެ. އެހެންކަމުން ޒޫނާ މަޑުމަޑުން ތުއި ގޮތަކަށް ހީލިއެވެ. އެއާއިއެކު ސިހިފައި ޖާވިދް ފަހަތް ބަލައިލިއެވެ. އެވަގުތު ހެވިފައި ހުރި ޒޫނާ ފެނި، ހިތަށް ހަމަޖެހުން ލިބުނުކަން ޖާވިދަށް އިޙްސާސް ކުރެވުނެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ކޮޅަށް ތެދުވެ ޓައި ރީތި ކޮށްލިއެވެ.
" ނުވެސް އެނގުނު އައިކަމެއް! ވަރަށް އިރު ވެއްޖެތަ ހުންނަނީ؟"
ހެވިފައި ހުރެ ޖާވިދް ބުނެލިއެވެ. އެއާއިއެކު ޒޫނާ ދެފަރާތަށް ބޯ ހޫރާލަމުން ފައިލް ދިއްކޮށްލިއެވެ.
" ނޫނޭ.. ހަމަ ދެންމެ މިވަނީ! ޔައުމިއްޔާތައް ޗެކް ކޮށްފައި ސޮއިކޮށްލަން ވެގެން މިގެނައީ.."
ކުރިއަށްވުރެ ދެމީހުން އެކުވެރި ވެފައި ވާތީ ޒޫނާވެސް މިހާރު ޖާވިދާ ވާހަކަ ދައްކަނީ ތަންކޮޅެއް ގާތް ގޮތަކަށެވެ. އެއީ ޖާވިދަށްވެސް ކަމުދާގޮތެވެ.
" އޯހް! ހަނދާންވެސް ނެތް.. އެހެންނުވާނީ! މުސާރަ ޝީޓްތައް ހަދާ ދުވަސްކޮޅު ވަރަށް ބިޒީ ވާނެ"
" މިރޭ ބިޒީތަ؟ "
ޒޫނާ އެހެން ބުނެލުމާއެކު ޖާވިދް އެއްމިޔަކަނުން ހީލިއެވެ.
" ނޫން! އާދައިގެ މަތިން މިރޭވެސް ވަރަށް ފޫހި ރެޔަކަށް ވާނެހެން ހީވަނީ! އަނެއްކާ އަހަންނަށް ދަޢުވަތެއް ދެނީތަ؟ "
ފައިލް މޭޒުމަތީގައި ބާއްވަމުން ޖާވިދް ދެޖީބަށް އަތް ޖަހާލިއެވެ. ޖާވިދް ވާހަކަ ދައްކާ ގޮތުން އޭނާވެސް ޒޫނާއަށް ޝަޢުޤުވެރިވާކަން ޒޫނާއަށް މިހާރު އެނގެއެވެ. އެހެންކަމުން ޒޫނާ ހުންނަނީ ވަރަށް ބޮޑަށް ހުޝިޔާރު ވެގެންނެވެ.
" އަނެއްކާ އަހަރެން ދޭ ދަޢުވަތު ޤަބޫލު ކުރާނަންތަ؟ "
ޒޫނާ ލަދުރަކި ގޮތަކަށް އަހާލިއެވެ. އެއާއިއެކު ޖާވިދް ތަންކޮޅަކަށް ހިނގާލުމަށްފަހު ޒޫނާއާ ތަންކޮޅެއް ގާތުގައި ހުއްޓުނެވެ.
" ކީއްވެ ނުކުރަންވީ ؟ "
ޖާވިދް އެހެން ބުނުމާއެކު ދެމީހުން ހަތަރުކަޅި ބައްދަލްވިއެވެ. އޭރުވެސް ދެމީހުންގެ މޫނުމަތީގައިވަނީ ސިއްރުން ފުރިފައިވާ ހިނިތުންވުމެކެވެ.
" މިރޭ.. ދިހަގަޑި ބައިގައި އަހަރެންގެ ގެއަށް.."
ޒޫނާ ލަސްލަހުން އެހެން ބުނުމަށްފަހު އަވަސް އަވަހަށް ޖާވިދަށް ފުރަގަސްދީ، ދޮރާއިދިމާލަށް ހިނގައިގަތެވެ. ހެވިފައި ހުރެ ބޮލުގެ ފުށްކިބައިގައި ދެފަހަރަކު ޖަހާލަމުން ޖާވިދް އަނެއްކާވެސް ގޮސް އިށީނީ ކޮމްޕިޔުޓަރ ކައިރީގައެވެ.
***
ރޭގަނޑުގެ ދަން ވަގުތެކެވެ. ހާރޫންއާއި ޔަޝްމީ ތިބީ ރެސްޓޯރެންޓެއްގެ އަސްކަނިދަށުގައި ހުރި މޭޒެއް ކައިރީގައެވެ. ދެމީހުންގެ ވާހަކަ މަދެވެ. އަތުގައި އޮތް ފޯނާ ކުޅެން ޔަޝްމީ އިންނަތާ ކިތަންމެ އިރެކެވެ. ގެނައި ކޮފީތަށިވެސް ހުސްނުކޮށް އޭނާ އިނީ ހާރޫންއަށް މާ ބޮޑު ސަމާލުކަމެއް ނުދީއެވެ.
" މިރޭ ކީއްވެތަ މާ ވަރަކަށް ފޯނާ ކުޅެނީ؟ އެހެންޏާ ފޯނު ނުވެސް ގެންނަމެއްނު"
ފެންތަށި ދަމާލުމަށްފަހު ހާރޫން ސުވާލު ކުރިއެވެ. އެއާއިއެކު ޔަޝްމީ ހާރޫންއަށް ބަލައިލުމަށްފަހު އުނގުމަތީގައި އޮތް ކުޑަ ދަބަސްގަނޑުގެ އެތެރެއަށް ފޯނު ކޮއްޕާލުމަށްފަހު ކޮފީތަށީގައި އަތް ޖައްސާލިއެވެ.
" ފޫހިވާތީވެ.."
" މިހާރު އަހަރެން އިނަސް ހިތްހަމައެއް ނުޖެހޭތަ؟ "
ހާރޫން ހައިރާންވެފައި އެހެން ބުނުމުން ޔަޝްމީ އިސްޖަހާލިއެވެ. އިރުކޮޅަކު އެހެން އިނދެލުމަށްފަހު އަނެއްކާވެސް އިސް އުފުލައި ހާރޫންއަށް ބަލައިލިއެވެ.
" ހިތްހަމަޖެހޭ! އެކަމަކު.. ހާރޫންވެސް ފޫހިވާނެއެއްނު އަބަދު އަހަންނާ ވާހަކަ ދައްކާލަ ދައްކާލަ ހުންނަން.. އިތުރު ކަމެއް ވާނީއެއް ނޫން"
ޔަޝްމީ މަޑުމަޑުން ބުންޏެވެ. އެހިނދު ހާރޫން ދެފަރާތަށް ބޯ ހޫރާލަމުން ތަންކޮޅެއް ރުޅި އައިސް ވާހަކަ ދައްކަން ފެށިއެވެ.
" ޕްލީޒް ޔަޝްމީ! ދެން އަބަދު ތިކަހަލަ ވާހަކަ ނުދައްކަ ފާނަންތަ؟ އަހަރެން ކީކޭ ކިޔައިގެންތަ ޔަޝްމީގެ ވިސްނުން ތިހިސާބަށް ދާންވީ؟ "
ހާރޫންގެ ޖުމްލަތަކަށް ރައްދެއް ނުދީ އުޅެނިކޮށް މާދުރުން ޔަޝްމީގެ ނަމުން ގޮވާއަޑަށް ދެމީހުންނަށްވެސް އެދިމާލަށް ބަލައިލެވުނީ އެއްފަހަރާއެވެ. އޭރު އެމީހުންނާ ދިމާލަށް އާމާލް އާދެއެވެ.
" އާމާލް؟ "
ހައިރާންވެފައި ޔަޝްމީއަށް ބުނެލެވުނެވެ. އޭރު އޭނާ އައިސް އެމީހުންނާ ދާދި ގާތުގައި ހުއްޓިއްޖެއެވެ. އެއާއިއެކު ޖީބުގައި އޮތް ފޯނު ނަގައި ހާރޫން އަވަސް އަވަހަށް ފޯނާ ކުޅެން ފެށިއެވެ. ހީވާ ގޮތުން އޭނާ ބޭނުންވަނީ މާބޮޑު ޝައުޤުވެރިކަމެއް ނެތްކަން ޔަޝްމީއަށް ދައްކާށެވެ.
" ޑީޑީ ހައްޔަރު ކޮށްފި! އޭނަ ހުރިހާ ކަމަކަށް އިޢުތިރާފްވެސްވި"
އާމާލް ފުރަތަމަވެސް ބުނެލީ އެހެންނެވެ. އެއާއިއެކު ޔަޝްމީ ގަދަކަމުން ހިނިތުންވެލީ، ހާރޫންދެކެ ޖެހިލުންވެ އިނދެއެވެ.
" އިށީ...އިށީންނަންވީނު! "
ޔަޝްމީ އާގަންނަމުން ބުނެލީ ވަގުވަގަށް ހާރޫންއަށް ބަލައިލަމުންނެވެ. ހާރޫން ހިތްހަމަ ނުޖެހިދާނެތީ އޭނާ އިނީ ނުހަނު ކަންބޮޑުވެފައެވެ.
" ދެން ކޮންތާކު ތިއުޅެނީ؟ "
ޔަޝްމީ އެހިއެވެ. އާމާލް އަވަސް އަވަހަށް ދެކޮނޑު ހިއްލާލަމުން ހާރޫންއަށް ބަލައިލިއެވެ.
" ރައްޓެއްސެއްގެ ގޭގައި މިހުރީ.. އޭނަވެސް ބުނި އަވަހަށް ޖޮބެއް ހޯދައިގެން ދާށޭ.. ޖާގައިގެ ދަތިކަމުން ގިނަ ދުވަހު ހުންނަން ވަރަށް އުނދަގުވާނެ އެއްނު. އެހެންވެ ވަޒީފާއެއް ލިބޭތޯ މި ބަލަނީ"
އާމާލް މަޑުމައިތިރިކަމާއެކު ކިޔައިދިނެވެ. އެއާއިއެކު ޔަޝްމީ ވަގުލޮލަކުން ހާރޫންއަށް ބަލަމުން ދިޔައެވެ. ނަމަވެސް ހާރޫން އެއްވެސް އެއްޗެއް ނުބުންޏެވެ.
" ހާރޫންގެ ރިސޯޓުން އާމާލްއަށް ވަޒީފާއެއް ނުލިބޭނެތަ؟"
ޔަޝްމީ ތަންކޮޅެއް ބާރަށް އެހެން ބުނެލުމާއެކު ހާރޫން ބަލައިލިއެވެ. އަދި ފޯނު މޭޒުމަތީގައި ބޭއްވުމަށްފަހު ހިނިތުންވެލިއެވެ.
" ކީކޭ؟ ވަރަށް މުޙިއްމު މީޓިންގއެއް ފަށައިގެން ވައިބަރ އިން މި ވާހަކަ ދައްކަނީ! އެހެންވެ ދެންމެ ތި ދެއްކި ވާހަކަތަކެއް އަޑެއްވެސް ނީވުނޭ"
ހާރޫން ހެވިފައި އިނދެ ބުންޏެވެ. އޭރު ޔަޝްމީ އިނީ ކޮންމެވެސް ވަރަކަށް ހިތްހަމަވެސް ނުޖެހިފައެވެ. ނަމަވެސް އޭނާ ބޭނުންވާގޮތް އަނެއްކާވެސް ތަކުރާރުކޮށްލިއެވެ.
" މިބުނީ އާމާލްއަށް ވަޒީފާއެއް ނެތްތޯ ލިބޭކަށް"
ޔަޝްމީ އެހެން އެހުމުން ހާރޫންއަށް ބޭއިޙްތިޔާރުގައި އާމާލްއަށް ބަލައިލެވުނެވެ. އޭރު އޭނާ އިނީ ހާރޫންގެ ޖަވާބު އަޑުއަހަން ކެތްމަދުވެފައި ކަހަލަ ގޮތަކަށް ބަލަހައްޓައިގެންނެވެ.
" އާ..މާލްއަށް ދޯ؟ އަންހެން ކުދިންގެ ޕޯސްޓްތައް މިހާރު ހަމަ ފުލް ވާނެ! ދެން އެކޮޅަށް ގޮސް ބަލައިލަން ޖެހޭނީ"
ހާރޫން އެހެން ބުނެލީ ޔަޝްމީއަށް ބަލައިލަމުންނެވެ. އޭރުވެސް ޔަޝްމީގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.
" އަހަރެންގެ ފޯނު ނަންބަރު ނަގަންވީނު! އޭރުން ޖޮބެއް ހަމަ ޖެހުނީމަ ގުޅާލެވޭނީ"
ދެމީހުންގެ މޫނަށް ވަކިވަކިން ބަލައިލަމުން އާމާލް ބުނެލިއެވެ. ޔަޝްމީ މަޑުމަޑުން އިނުމުން ހާރޫންއަކަށް އެއްޗެއް ނުބުނެ އިންނާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ އާމާލްގެ ނަންބަރު ސޭވް ކޮށްލިއެވެ.
" ދެން ދަނީ ޔަޝްމީ! ވަރަށް ބޮޑަށް ޝުކުރިއްޔާ"
ޔަޝްމީ ހިނިތުންވެލުމާއެކު އާމާލް ތެދުވެގެން ދިޔައެވެ. އޭރު، ހާރޫން އިނީ ޔަޝްމީ ދޭނެ ހަމަލާއެއްގެ އިންތިޒާރުގައެވެ.
" ހަމަ ގަސްތުގައި އެކުއްޖާއަށް ވަޒީފާއެއް ހޯދައި ނުދިނީ"
ތެދުވަމުން ޔަޝްމީ ބުނެލިއެވެ. އެއާއިއެކު ހާރޫންވެސް ތެދުވެއްޖެއެވެ.
" އަހަންނަށް އެނގޭ ތިކަހަލަ ކޮންމެވެސް އެއްޗެއް ބުނެލާނެކަން! ދެން ވަރަށް އުނދަގޫ ކަމެކޭ އެއީ.. ހަމަ ހުރެފައި މީހަކު ގެނެސް ރިސޯޓަކަށް ނުލެވޭނެދޯ"
ހާރޫން ރުންކުރު ގޮތަކަށް އެހެން ބުނުމާއެކު ޔަޝްމީ މަގުމައްޗާއިދިމާލަށް ހިނގައިގަތެވެ.
" އަހަރެން މި އަންނަނީ ބިލް ދައްކާފައި! ތިތާ މަޑުކުރޭ"
ހާރޫން އަވަސް އަވަހަށް ބުނެލީ ޔަޝްމީއަށް އަޑު އިވޭ ވަރަށެވެ. އަވަސް އަވަހަށް ކައުންޓަރަށް ފައިސާ ދެއްކުމަށްފަހު ހާރޫން ނިކުތް އިރު ޔަޝްމީ ފެންނާކަށް ނެތެވެ. މަގުގެ ދެކޮޅު ބަލައިލުމަށްފަހު ހާރޫން އަވަސް އަވަހަށް ފޯނު ނަގައި ޔަޝްމީއަށް ގުޅާލިއެވެ. ނަމަވެސް އޭނާގެ ފޯނު އޮތީ ނިއްވާލާފައެވެ. ހާރޫން ކަންބޮޑުވީ އެހިސާބުންނެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދެއެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
މިހާރު ޔަސްމީހީވަނީ އަބަދުވެސް ހާރޫނުދެކެފޫހިވެގާހުންނަހެން ރުޅިއައިސް
mihaaru kon faadakah e yashmee eulhen feshy…
ދެން ޔަޝްމީ މިހާރު ތިއުޅެނީ ކޮންފާޑަކަށް. ހާރޫންގާތު ބުނެވިއްޖެ ދޯ ދެވަނަ ކައިވެންޏެއް ކުރަން. އެކަމަކު ހާރޫން އެކަން ނުކުރީއޭ ކިޔާފަ ތިގޮތައް ފިރިމީހާ ދުރުކޮއްނުލާ. ތިހެން އުޅެންޏާ ހަމަ އަސްލުވެސް ހާރޫން ފޫހިވެދާނެ ޔަޝްމީދެކެ.
Iyyege baivess nulibey kiyaalan
بسم الله الرحمان الرحبم
SALAA HAALU KIHINEH
UNMEEDHU KURANEE RANGALHU VAANE KAMAH
V.SALAAM