ސިލްސިލާ ވާހަކަ: ޝިކާޔަތު (54)

Shikaayathu

ކުރީގެ އަދަދާއިގުޅޭ،

" ނިދަން އޮވެފައިވެސް، ބައެއްފަހަރު ޖެހޭނެ މުޙިއްމު ކަންތައްތަކަށް އިސްކަންދޭން"

ޖާވިދްގެ ޖުމްލައިން ޒޫނާއަށް ބަލައިލެވުނީ ހައިރާންކަމާއެކުއެވެ. އެއާއިއެކު ޖާވިދް ބޯ ޖަހާލަމުން ލޯމަރާލިއެވެ.

" އަހަރެން ނުބުނަނީސް، އަހަރެން ބަލައި އައީމަ ވަރަށް އުފާވެއްޖެ! "

ޒޫނާ މަޑުމަޑުން ބުނެލިއެވެ. އެއާއިއެކު ޖާވިދް ހިނިތުންވަމުން މަގުމައްޗަށް ބަލައިލިއެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުންދެއެވެ. ކުޑައަޅައިގެން ހުރިނަމަވެސް އޭނާ މިހާރުވެސް ހުރީ ވަރަށް ބޮޑަށް ތެމިފައެވެ. އެހެންކަމުން ޒޫނާއަށްވެސް ނުތެމި ގެއަށް ނުދެވޭނެކަން އޭނާއަށް އެނގެއެވެ.

" ހީވަނީ ޒޫނާވެސް ތެމިދާނެހެން.. އެހާވެސް ގަދަޔަށް އެބަ ވެހޭ"

ދުރަށް ބަލަހައްޓައިގެން ހުރެ ޖާވިދް ބުނެލިއެވެ. އޭރުވެސް ކަޅިޖަހައިނުލާ ޒޫނާ ބަލަމުންދިޔައީ ޖާވިދަށެވެ. ޒޫނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ޖާވިދް އަނެއްކާވެސް ޒޫނާއަށް ބަލައިލިއެވެ. އޭރު އޮފީހުގެ ބިއްލޫރި ދޮރުތަކުން ފުރޭނިގެން އައިސްފައި ހުރި އަލިން ޒޫނާގެ މޫނުމަތީގެ ކުލަވަރު ފަނޑުގޮތަކަށް ޖާވިދަށް ފެނުނެވެ.

" ކިހިނެއްވީ؟ "

ޖާވިދް މަޑުމަޑުން އަހާލިއެވެ. އެއާއިއެކު ޒޫނާ އިސްޖަހާލީ ލޯބި ގޮތަކަށް ހީލަމުންނެވެ. އެއަށްފަހު ލަދުން ހުރެ ވާހަކަ ދައްކަން ފެށިއެވެ.

" ތެމުނަސް.... ޖާވިދް ހުންނާނެއެއްނު އަހަރެންގާތު"

ތަފާތު ރާގަކަށް ޒޫނާ ވާހަކަ ދައްކާތީ ޖާވިދްގެ ހިތުގައިވެސް އާދަޔާ ޚިލާފް އޮއިވަރެއް އުފެދޭހެން އޭނާއަށް ހީވިއެވެ.

" އަހަރެން ހުއްޓަސް އަހަންނަށް ކިހިނެއް ހިމާޔަތެއް ދޭން ކެރޭނީ؟ ތިއީވެސް މިހާރު ކޮންމެވެސް ނަސީބުވެރިއެއްގެ ނަންބަރަކަށް ވާނެކަން އަހަންނަށް ހަމަ ޔަޤީން.."

ކުރިއަށް ފިޔަވަޅެއް އަޅަމުން ޖާވިދް ބުނެލިއެވެ. ބޭނުންވީ އެކަމާމެދު ޒޫނާގެ ޚިޔާލު ހުރިގޮތެއް ބަލައިލާށެވެ. ޖާވިދްގެ ޖުމްލައިން ޒޫނާ އަނެއްކާވެސް ހީލި އަޑު އިވުނެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ހީގަނެފައެވެ. އެހެންކަމުން އެއްއަތުން ހަށިގަނޑުގައި ހިފަހައްޓާލަމުން ޒޫނާވެސް ޖާވިދް ފަހަތުން ހިނގައިގަތެވެ.

" ނޫނޭ..ލޯބީގައި އަހަންނަކީ އެހާ ކާމިޔާބު މީހެއް ނޫނޭ.."

އޭރު އެމީހުންނަށް ބޮޑު މަގަށް ނިކުމެވިއްޖެއެވެ.. އޭރުވެސް ވަރަށް ވައިގަދައެވެ. މަގުގެ ދެފަރާތުގައި ހުރި ބޮޑެތި ގަސްތައްވެސް ހުރީ ވަޔާ އެއްކޮޅަށް އަރިވެފައެވެ. ވައިގެ ތެރޭގައި ޒޫނާއަށް ކުޑަ ހިފެހެއްޓޭގޮތެއް ނުވިއެވެ. ޖާވިދަށް ބަލަހައްޓައިގެން ހުރެ، ޒޫނާ މަސައްކަތްކުރީ ކުޑަ ހިފެހެއްޓޭތޯއެވެ. ނަމަވެސް  އަތުން ކުޑަ ދޫވެގެން ދިޔަ ގޮތެއް ނޭނގި އޭނާއަށް ސިހުން ލިބުނެވެ. އެހިނދު ކައިރީގައި ހުރި ޖާވިދް އަވަސް އަވަހަށް ޒޫނާގެ ބޮލާއިދިމާލަށް ކުޑަ ދިއްކޮށްލިއެވެ. އެއްކުޑައެއްގެ ދަށުގައި ދެމީހުން ތިބީ އެކަކު އަނެކަކަށް ކުރިމަތިލައިގެންނެވެ. ދެމީހުންގެ ނަޒަރު ސީދާވެފައި ވާއިރު، ހީލަންވެސް ހަނދާން ނެތްކަހަލައެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ޒޫނާ ލަދުން އިސްޖަހާލަމުން ކުރިއަށް އެނބުރިލިއެވެ. އެއާއިއެކު ޖާވިދްވެސް މަޑުމަޑުން ހިނގައިގަތެވެ. ހަމަހިމޭންކަން ވެރިވެފައިވަނީ ހަމައެކަނި އެދެމީހުންގެ ދެމެދަށްކަން އެމީހުންނަށް ރޭކާލީ ދެނެވެ. އޭރުވެސް ދުންޖަހާފައި ވާރޭ އޮއްސަމުންދެއެވެ.

" ކީއްވެ ނާކާމިޔާބު މީހެކޭ ތިބުނީ؟ "

ޖާވިދް އަނެއްކާވެސް ކުރީގެ މައުޟޫއަށް ދިޔައެވެ. އޭރުވެސް ޒޫނާގެ ތުންފަތުގައިވަނީ ލަދުވެތި ހިނިތުންވުމެކެވެ.

" އެއީ.. އަހަންނަށް ފުރަތަމަ ލޯބިވެވުނީ މީހެއްގެ ފިރިއެއްދެކެ.. އެކަމަކު އަހަރެންގެ ހިތް އެކަން ހުއްޓާކަށް ނޫޅުނު. ހައްތަހާ ބޮޑަށް ލޯބިވެވެނީ... އަދިވެސް ވަރަށް ލޯބިވޭ"

ޒޫނާ ތަންކޮޅެއް ބާރަށް ވާހަކަ ދެއްކީ ވަށައިގެންވާ އަޑުތައް ގަދަކަމުންނެވެ. ޒޫނާގެ ވާހަކަތައް އަޑުއަހަމުންދިޔަ ޖާވިދަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

" އޯހް! އެހެންތަ؟ މީހެއްގެ ދިރިއުޅުމުގެ ތެރެއަށް ވަނުމަށްވުރެ ރަނގަޅުވާނެދޯ ތިހެން ސިއްރުކޮށްލައިގެން ހުއްޓަސް.."

ޖާވިދް ހެމުން ހެމުން ބުންޏެވެ. ޖާވިދަށް އިވޭވަރަށް ޒޫނާވެސް ހީލީ، ޖާވިދްއާ ބައިވެރިވެލުމަށެވެ.

" އެކަމަކު އެއީ މިހާރު ވަރަށް ބޮޑު އެކަނިވެރިއެއް..."

އެހިސާބަށް ބުނެވުނުއިރު ޒޫނާގެ ގެއާ އަރާ ހަމަވެއްޖެއެވެ. އެހެންކަމުން ޒޫނާ ހުއްޓުމަށްފަހު، ޖާވިދަށް ބަލައިލިއެވެ. އޭރު ޖާވިދް ހުރީ އުއްމީދީ ގޮތަކަށް ޒޫނާއަށް ބަލާށެވެ.

" ދެން.. ޝު...ކުރިއްޔާ...."

ބޯ ޖަހަމުން ޒޫނާ އެހެން ބުނެލީ ކުޑަދަށުން ނިކުމެ، ދޮރާށި ދޮށަށް ވަދެފައެވެ. އޭރު ޖާވިދްގެ މޫނުމަތީގައިވެސްވަނީ ހިނިތުންވުމެވެ. ޖާވިދަށް ޒޫނާގެ ހިތުގެ އެދުން ކަށަވަރުވެއްޖެކަން ޒޫނާއަށްވެސް އެނގުނެވެ. އެހެންކަމުން އޭނާ ރަކި ގޮތަކަށް ހެވިފައި ހުރެ އަވަސް އަވަހަށް ދޮރާށި ހުޅުވާ އެތެރެއަށް ދެމިގަތެވެ. އެއާއިއެކު މޫނަށް ބުރާފައި ހުރި ފެންތިކިތައް ފުހެލަމުން ހިނގައިގަތެވެ.

***

ހަވީރުގެ ވަގުތެވެ. ޔަޝްމީއާއި ހާރޫން ތިބީ އަތިރިމަތީގެ ދޮންވެލި ފަސްގަނޑުގައި ޖަހާފައިހުރި ކުޑައެއްގެ ދޮށުގައި ކޮފީބޯށެވެ. އޭރުވެސް ޔަޝްމީ ކޮންމެވެސް ކަމަކާމެދު ފުންކޮށް ވިސްނާކަން ހާރޫންއަށް އެނގެއެވެ. އެހެންކަމުން ހާރޫންގެ ހިތް ތާއަބަދު އޮންނަނީ ތެޅިލަތެޅިލައެވެ. މޫދާދިމާ ދުރު، ބަލަހައްޓައިގެން އިން ޔަޝްމީގެ ދެއަތްމަތީގައި ހާރޫން އަތް ބާއްވާލުމާއެކު ޔަޝްމީ ބަލައިލިއެވެ. އޭރުވެސް އެމޫނުމަތީގައިވަނީ މާޔޫސްކަމެވެ.

" ހިނިތުންވެފައި އަހަންނަށް ބަލައިލީ ކޮން ދުވަހަކު ކަމެއްވެސް ނޭނގެ! މަތިމަރުވެފައި ތިޔަ ހުންނަނީ ކީއްވެތަ؟ "

އަސަރާއެކު ހާރޫން އެހެން ބުނުމާއެކު ޔަޝްމީ ހާރޫންގެ އަތް ދަށުން އަތް ދަމައިގަނެ، އަނެއްކާވެސް ބަލައިލީ ކުރިންވެސް އޭނާ ނަޒަރު ހުއްޓިފައިވާ ދިމާލަށެވެ.

" އަހަރެން އެބަ ވާހަކަ ދައްކަމޭ! "

ގޮނޑީގައި ލެނިލަމުން ހާރޫން ބުންޏެވެ. އެއާއިއެކު ޔަޝްމީ ފުންނޭވާއެއް ދޫކޮށްލިއެވެ. ފަރުވާތެރިކަމާއެކު ޔަޝްމީއަށް ބަލަހައްޓައިގެން އިން ހާރޫންއަށް އިސްޖަހާލެވުނެވެ.

" މަތިމަރު ނުވާންވީ ކީއްވެ؟ އަހަންނަށް އަހަރެންގެ ޙާލަތު އެނގިހުރެ، ހިނިތުންވާނީ ކިހިނެއް؟ "

އެހެން އިނދެ ޔަޝްމީ ބުނެލި ޖުމްލައިން ހާރޫންގެ ހިތަށް ވަރަށް ތަދުވިއެވެ. އެފަދަ އެއްޗެއް ޔަޝްމީގެ ދުލުން ބޭރުކުރާކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނުވެއެވެ. ޔަޝްމީ ހަމައަކަށް އަޅުވާލުމަށްޓަކައި ހާރޫން ކުރުގޮތަކަށް ހިނިގަނޑެއް ޖަހާލިއެވެ. އެއަށްފަހު އަނެއްކާވެސް ޔަޝްމީގެ އަތުގައި ހިފާލަމުން ބުންޏެވެ.

" އޭ! ބަލައިލަބަލަ! އަހަންނާ ދިމާލަށް ބަލައިވެސް ނުލާންތަ ތި އިންނަނީ؟ "

ހާރޫން ނުހަނު ލޯބިން އެހިއެވެ. އެއާއިއެކު ޔަޝްމީ މޫނު އަނބުރާލިއެވެ. އަދި ސުވާލުގެ ނަޒަރަކުން ހާރޫންގެ މޫނަށް ބަލަން ފެށިއެވެ.

" ހިއެއްނުވެ ޔަޝްމީދެކެ އަހަރެން ލޯބިވާވަރު އިތުރަށް ބުނެދޭން ޖެހޭނެ ހެންނެއް! ހިނިތުންވާންވީ ސަބަބު އަހަރެން ބުނެދެންތަ؟"

ހާރޫން ޔަޝްމީގެ އަތަށް ފިތާލިއެވެ. އެވަގުތު ހާރޫންގެ އަތަށް ޔަޝްމީއަށް ބަލައިލެވުނެވެ.

" ލޯބިވާ ވާހަކަ އިތުރަށް ބުނާކަށް ބޭނުމެއް ނޫން! އެކަމަކު އިތުރަށް ބުނެދޭންޖެހޭނެ ބައިވަރު ވާހަކަ އެބަހުރި! އަހަރެން ހީކުރީ އެވާހަކަތައް ކިޔައި ނުދިނަސް ޔަޝްމީއަށް އިޙްސާސްވާނެކަމަށް.. އެކަމަކު.. އާހް... އަޑުއަހައްޗޭ"

ހާރޫން ދެލޯ މަރާލަމުން ބުންޏެވެ. އޭރު ޔަޝްމީއަށް އިނދެވުނީ ހާރޫންގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. ހާރޫން ލޯ ހުޅުވާލުމާއިއެކު ޔަޝްމީ އިސްޖަހާލީ ނުހަނު އަވަށެވެ.

" ފުރަތަމަ ކަމަކަށް ހަނދާނުގައި ބަހައްޓާތި! އަހަރެންގެ އަނތްބެއްގެ ގޮތުގައި ބައިންދާނީ ހަމައެކަނި ޔަޝްމީ! ދެވަނަ މީހަކު ދުވަހަކުވެސް އަހަރެންގެ ޙަޔާތަކަށް ނުގެންނާނަން! ދަރިޔަކު ލިބުނަސް... ނުލިބުނަސް..! މާތްﷲ ދެއްވަވާ ނިޢުމަތްތަކާއި މަޙްރޫމް ކުރައްވާ ނިޢުމަތްތަކާއިމެދު ޝަކުވާ ކުރުމެއް ނޯންނާނެ! އެއީ އަހަރެން ޤަބޫލު ކުރާގޮތް! ޔަޝްމީދެކެ ފުރަތަމަ ލޯބިވެވުނު ދުވަހުން ފެށިގެން، ހިބަކޮށް އަހަރެންގެ ހިތް ޔަޝްމީއަށް ދިނިން! ނޭވާ މިލަނީ ތި ނިޔަނެތި ހަށިގަނޑުގައި ޔަޝްމީގެ ހިތާއި ޖެހިގެން އަހަރެންގެ ހިތްވެސް އޮތްކަން އެނގޭތީ! އަހަރެންގެ ހިތް އަނބުރާ އަހަންނަށް ދޭން ނަހަދައްޗޭ! އެދުވަހަކީ އަހަރެންގެ އެންމެ ފަހު ނޭވާ ދޫކުރާނެ ދުވަސް! "

ހާރޫންގެ ފަހު ޖުމްލައިން ސިހިފައި ޔަޝްމީއަށް އިސްއުފުލާލެވުނެވެ. އޭރު ފެންކަޅިވެފައިވާ ހާރޫންގެ ދެލޯ ފެނި ޔަޝްމީއަށް ބުމައަށް ރޫއަރުވާލެވުނެވެ. ނަމަވެސް އެއްޗެއް ބުނާނެ  ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

" އަހަރެމެން ދެމީހުން ދުރުވާނެކަމަށް ނުވިސްނައްޗޭ! އަހަރެން މިލޯބިވާގޮތަށް ޔަޝްމީދެކެ ލޯބިވާނެ އިތުރު މީހަކު ނުހުންނާނެ!"

އަނެއްކާވެސް ވާހަކަ ދެއްކީ ހާރޫންއެވެ. އެވަގުތު ހާރޫންގެ އަތުގެ ތެރެއިން އަތް ދަމައިގަންނަމުން ޔަޝްމީ ވާހަކަ ދައްކަން ފެށިއެވެ.

" އެހާވަރަށް އަހަރެންދެކެ ލޯބި ނުވޭ! ހާރޫންއަށް ދޭނެ އެއްވެސް އެއްޗެއް އަހަރެންގެ ނެތް"

އެހެން ބުނުމަށްފަހު ޔަޝްމީ އަވަސް އަވަހަށް ތެދުވެ ދުރަށް ހިނގައިގަތެވެ. ދެފަރާތަށް ބޯ ހޫރާލަމުން ހާރޫން ތެދުވީ އިތުރަށް ވިސްނައިދޭނެ ގޮތެއް ނޭނގިގެންނެވެ. އަވަސް ހިނގުމެއްގައި ގޮސް ރާޅުޖަހާ ފަށުގައި ހުއްޓުނު ޔަޝްމީއާ އެއްހަމައެއްގައި ހާރޫންވެސް ހުއްޓުނެވެ. އަދި ދެ ޖީބަށް އަތް ޖަހާލަމުން ބުނެލިއެވެ.

" ޔަޝްމީގެ ފަރާތުން ކުރިންވެސް ލިބެމުންދިޔަ ލޯބި އަހަންނަށް ފުދޭ! އެއީ މި ދުނިޔެއިންވެސް އަހަންނަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާ! ޔަޝްމީއާ ނުލައި އަހަންނަކީ... ކީކޭ ބުނާނީވެސް؟ ނޭނގެ ބުނެދޭކަށް.. ޕްލީޒް! ދެން އެމައުޟޫއަށް ވާހަކަ ނުދައްކަބަލަ! އަހަރެން ހިތް ބިރުގަންނަން ފަށައިފި! އަހަރެން ދޫކޮށްފައި ދާން އުޅޭހެން ހީވަނީ! ދޮގެއްތަ؟ "

ހާރޫން އަސަރާއިއެކު އެހެން ބުނެލީ ޔަޝްމީގެ ދެކޮނޑުގައި ހިފާ، އޭނާއާ ދިމާލަށް އަނބުރާލަމުންނެވެ. އޭރު ޔަޝްމީގެ ދެލޯ ކަރުނައިން ފުރިއްޖެއެވެ. އިސްއުފުލައިގެން، ހާރޫންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ، ޔަޝްމީ ވާހަކަ ދައްކަން ފެށީ ލަސްލަހުންނެވެ.

" ހާރޫން ދޫކޮށްފައި އަހަރެން ދުވަހަކުވެސް ނުދާނަން! އެކަމަކު.. އަހަރެންގެ މި ނުކުޅެދުންތެރިކަން އަހަންނަށް އިޙްސާސްވިޔަ ނުދިނުމަށްޓަކައި،  އެހީވެދެވޭނީ ހަމައެކަނި ހާރޫންއަށް"

ޔަޝްމީގެ ބިރުވެރި ޖުމްލައިގެ އަމާޒަކީ ކޮބައިކަން ހާރޫންއަށް ކޮންމެވެސް ވަރަކަށް އެނގި ހުރެވެސް އޭނާ ސުވާލުކުރިއެވެ.

" ބުނެބަލަ! މިހާރުވެސް ޔަޝްމީއަށް އެކަމެއް އިޙުސާސެއް ނުކުރެވޭނެ! އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތޭ ކިތައް ފަހަރުތަ ބުނާނީ؟ ބޭބީއެއް ނެތިގެން އަހަރެން ޝަކުވާ ކުރާނަމަތާ! ދެން ބުނެބަލަ! ކޮންގޮތަކުން އެހީވެދޭންވީ؟ "

ޔަޝްމީގެ ކޮނޑުގައި ހިފަހައްޓައިގެން ހުރެ، ހާރޫންގެ އަތް ބާރުކޮށްލިއެވެ.

" އިތުރު ކައިވެންޏެއް ކުރަންވީނު! "

ޔަޝްމީގެ އަވަސް ޖުމްލައާއެކު ހާރޫން، ޔަޝްމީ ދުރަށް ކޮއްޕާލުމަށްފަހު ވަގުތުން އޭނާއަށް ފުރަގަސްދިނެވެ. އޭރު ޔަޝްމީ ބާރުބާރަށް ފުންނޭވާތަކެއް ލަމުން ދިޔައެވެ.

" އަހަރެން ޔަޝްމީދެކެ ވާ ލޯބީގެ ބަދަލުގައި އަހަންނަށް ތިހާ ބޮޑު އަނިޔާއެއް ދޭން ހިތަށް އެރުވީތީވެސް އަހަރެން ވަރަށް ދެރަވެއްޖެ! ޔަޝްމީ ތި ދަރަޖައަށް ވެއްޓިދާނެ ކަމަކަށް އަހަރެން ފަހަރެއްގައިވެސް ހިއެއް ނުކުރަން"

ހާރޫން އެހެން ބުނިއިރު ޔަޝްމީ އައިސް އޭނާގެ ފަހަތުގައި ހުއްޓުނެވެ.

" ހާރޫންގެ އުފަލަށް...ޓަކައި"

" ނޫން ނޫން.. ތިއީ އަހަރެންގެ އުފަލަށްޓަކައި ވިސްނާ މީހެއް ނޫން.. އެހެން ނޫންނަމަ އަހަރެން މިހުރިހާ ވާހަކަތަކެއް ދެއްކީމަވެސް ތި ޖުމްލަ ބޭރެއް ނުކުރީސް.. ކިރިޔާވެސް އަހަންނަށް ރަޙުމެއް ކުރާނަމަ.. ތިހެންނެއް ނުބުނީސް.. ޔަޝްމީ އަހަރެންދެކެ ލޯތްބެއް ނުވޭތަ؟ "

ޔަޝްމީއާ ދިމާލަށް އެނބުރިލުމަށްފަހު ހާރޫން ސުވާލު ކުރިއެވެ. އެއާއިއެކު ޔަޝްމީ ގިސްލަމުން ހާރޫންގެ މޭގައި ބޯ ޖައްސާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ވޭ! އަމިއްލަ ނަފްސަށްވުރެ ބޮޑަށް ލޯބިވޭ! އެކަމަކު..."

ވާހަކަ ކުރިއަށް ނުގެންދެވިގެން ޔަޝްމީ ހުއްޓާލިއެވެ. އެހިނދު ހާރޫން ޔަޝްމީގެ ދެކޮނޑުގައި ހިފައި ދުރުކޮށްލިއެވެ.

" ހުއްޓާލާ! ބޭކާރު ކަންކަމާމެދު ނުވިސްނަބަލަ! ހަމަ އެނގެއެއްނު އަހަރެން އެހެންނެއް ނަހަދާނެކަން.. އަހަންނަށް އެނގޭ ޔަޝްމީއަށްވެސް ކެތެއް ނުވާނެކަން.. ޕްލީޒް ދެން އެކަހަލަ ވާހަކަ ނުދައްކައްޗޭ! "

ހާރޫން ޔަޝްމީ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. އެހިނދު އަނެއްކާވެސް ޔަޝްމީ ހާރޫންގެ ގައިގައި ބައްދާލިއެވެ.

***

ގެއާ ހަމައަށް އާދެވުނު އިރު އިރުއޮއްސި އަނދިރި ވެއްޖެއެވެ. އެހެންކަމުން ހާރޫން ޔަޝްމީގެ އަތުގައި ހިފައިގެން އައީ ވަރަށް ބާރަށެވެ. ނަމަވެސް ގޯތިތެރެއަށް ވަދެވުމާއެކު ދެމީހުންނަށްވެސް ހުއްޓެން މަޖުބޫރުވީ ގޭތެރެއިން އަންހެނަކު ރޮއިގަތް އަޑަށެވެ. އެއާއިއެކު ދެމީހުންގެ ހިތަށް ހާސްކަމާއި ނުތަނަވަސްކަން ވެރިވެގަތެވެ. ގެއަށް ވަންނަން ނުކެރި،އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިބެވުނީއެވެ.

" މިރޭ މާ ބާރަށް ތިޔަ ފެލެނީ ކީއްވެތަ؟ މީހުންނަށް އަޑުއިއްވަންތަ؟ މިހިސާބަށް އަންނާނެ މީހަކު ނުހުންނާނެ! އެހެން ނޫނަސް އެމީހުން އެބަތިބި އަތިރިމަތީގައި..ކަލޭގެ ރުއިމުގެ އަޑެއް އެމީހުންނަކަށް ނީވޭނެ.. "

ކުއްލިއަކަށް އިވުނީ ޑީޑީގެ އަޑެވެ. އެއަޑުގައި އެކުލެވިގެންވަނީ ރުޅިވެރިކަމެވެ. ޑީޑީ އެހާ ރުޅި އައިސްގެން ވާހަކަ ދައްކާތީ، ހާރޫންއަށްވެސް ލިބިގެންދިޔައީ ހައިރާންކަމެވެ.

" ހެޔޮނުވާނެ އަހަންނަށް އަނިޔާ ނުކުރޭ! ޑީޑީ ބުނާ ކޮންމެ ކަމެއްވެސް އަހަރެން ކޮށްފާނަން.. އެކަމަކު އަހަންނަށް އަނިޔާ ނުކުރޭ!"

ރޮއިގަނެފައި އަންހެނެއްގެ އަޑު އިވުމާއެކު ހާރޫންއާއި ޔަޝްމީ އިތުރަށް ހާސްވިއެވެ. އަވަސް އަވަހަށް ހާރޫން ކުރިއަށް ޖެހިލުމާއިއެކު ޖެހިލުންވެ ހުރެ ޔަޝްމީ ހާރޫންގެ އަތުގައި ހިފަހައްޓަމުން ދެފަރާތަށް ބޯހޫރާލީ ބިރުންނެވެ. ނަމަވެސް ޔަޝްމީގެ އަތް ފޮޅުވާލުމަށްފަހު ހާރޫންގޮސް ދޮރުކައިރީ ހުއްޓުނެވެ. އެއާއިއެކު ޑީޑީގެ އަޑު މަޑުވިއެވެ.

" އަހަރެން ބުނާކަމެއް އާމާލްއަކަށް ނުކުރެވުނެއްނު! އެމީހުން ފުރާކަށް ދެން ނެތް މާ ގިނަ ދުވަހެއް! އަދި ކަލެޔަށް ތިއުޅެނީ އެމީހުންގެ އަތުން ބައިރުފިޔާއެއްވެސް އަތުލައި ނުގަނެވިގެން.. މަ ބުނީމެއްނު މަންމަނަކަށް ވެގެން އާމާލްގެ ހުރި ފަޤީރުކަން ދައްކައިގެން ކަމަށް ހެދިގެން ލާރި ހޯދާށޭ.. މިފަހަރު މިގެނައީ ބޮޑު މުއްސަންޖެކޭ."

ހާރޫންގެ ކަންފަތުގައި ޖެހުނު ޖުމްލަތަކާއިއެކު އޭނާ ވަގުތުން ޚިޔާލު ބަދަލުވެ، އެނބުރި ހިނގައިގަތީ ޔަޝްމީއާ ދިމާލަށެވެ. ހާރޫން އެނބުރި އައި ސަބަބެއް ނޭނގި، ނުތަނަވެސް ވެފައި ހުރި ޔަޝްމީގެ އަތުގައި ހިފައިގެން ހާރޫން ގޯތިތެރެއިން ނިކުމެގެން ދިޔައެވެ. އޭރުވެސް ވީ ކިހިނެއްތޯ އަވަސް އަވަހަށް ޔަޝްމީ އަހަމުން ދިޔައެވެ.

ރަށުގެ ފުލުހުންނަށް މައުލޫމާތު ރިޕޯޓް ކުރުމަށްފަހު، ހާރޫން އެނބުރި ގެއަށް އައީވެސް ފުލުހުންނާއެކުއެވެ.. އޭރު އެގޭގައި ހުރީ ހަމައެކަނި އާމާލްއެވެ. އޭނާއަށް ފުލުހުން ފެނުމާއެކު ބާރުބާރަށް އައިސް ހިފީ ޔަޝްމީގެ އަތުގައެވެ.

" އަހަރެންގެ ހިތް ބުނި! އަހަރެންގެ ހިތް ބުނި މިހެން މިކަން ވާނެޔޭ! އަހަންނަށް އެނގޭ އިރުއޮއްސޭއިރަށް ތިދެމީހުން މިގެއަށް އަންނާނެކަން.. އަހަރެން އެހާ ބާރަށް ރުއީވެސް އަޑުއިއްވަން ވެގެން.. އަލްޙަމްދުލިﷲ! "

އާމާލްގެ މޫނުމަތީގައި ހުރި ބައެއް ޒަޚަމްތަކުން އޭރުވެސް ލޭ އާދެއެވެ. ފުލުހުން ފެނުމުންވެސް އޭނާ ހުރީ އެހީއަކަށް ބޭނުންވާ ފަދަ ގޮތަކަށް ބަލަހައްޓައިގެންނެވެ.

" އަޅުގަނޑުމެންނާއެކު ތިބޭފުޅާ ސްޓޭޝަނަށް ދާންޖެހޭނީ! މައްސަލަ އޮތީ ރިޕޯޓް ކުރެވިފައި. ދެން އިތުރަށް ތަޙުޤީޤް ކުރެވޭނެ!"

އަންހެން ފުލުސް އޮފިސަރެއް ވާހަކަ ދެއްކިއެވެ. އެއާއިއެކު އޭނާ އަނެއްކާވެސް ބަލައިލީ ޔަޝްމީއަށެވެ.

"  އަހަރެން ބޭނުން މި ދެމަފިރިންގެ ކިބައިން މަޢާފަށް އެދެން.. އެގޮތަށް އޮޅުވާލައިގެން އުޅުނީ މަޖުބޫރުވެގެން.. އަހަންނަކީ މިރަށު މީހެއް ނޫން. ވަންނާނެ ތަނެއް ނެތި ބިކަވެފައި މާލޭގައި އުޅެފައި މިރަށަށް އައީ ވަޒީފާއެއް ލިބޭތޯ! މިއީ ޑީޑީ އަހަންނަށް ދިން ވަޒީފާ! ނުކުޅެދޭ މީހަކަށް ވެގެން މީހުންގެ އަތުން ފައިސާވެސް ހޯދަން ޖެހޭ.. އޭނަ ބޭނުންވާ ވަރަށް ނުލިބެންޏާ އަހަންނަށް ވަރަށް އަނިޔާކުރޭ.. އެކަމަކު މިތަނުން މިނިވަން ވެވޭނީވެސް ދެން ގޮސް ހުންނާނެ ތަނެއްވެސް ހުރެގެން! "

އަސަރާއެކު އާމާލް ކިޔައިދިނެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. Mee dho meena angain nubuni sababakee alhe Eee haadha gosmeehakey. Dhen haaroonu maale dhaany ekuja govaigen kan nenge. Dhen jaavidhu ves vehje ennu zoona ebuni vaahakayaa medhu visnan

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *