ހާރޫން އަވަސް އަވަހަށް ބުނެލީ ޔަޝްމީއަށް އަޑު އިވޭ ވަރަށެވެ. އަވަސް އަވަހަށް ކައުންޓަރަށް ފައިސާ ދެއްކުމަށްފަހު ހާރޫން ނިކުތް އިރު ޔަޝްމީ ފެންނާކަށް ނެތެވެ. މަގުގެ ދެކޮޅު ބަލައިލުމަށްފަހު ހާރޫން އަވަސް އަވަހަށް ފޯނު ނަގައި ޔަޝްމީއަށް ގުޅާލިއެވެ. ނަމަވެސް އޭނާގެ ފޯނު އޮތީ ނިއްވާލާފައެވެ. ހާރޫން ކަންބޮޑުވީ އެހިސާބުންނެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދެއެވެ.
ހާސް ހިތަކައިގެން ހާރޫން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ޔަޝްމީ ހޯދަން ދާނެ ތަނެއް ނޭނގި ހުރެ، ގޮނޑުދޮށާ ދިމާލަށް އޭނާ ހިނގައިގަތެވެ. އެއާއިއެކު ރާޅު ޖަހާ ފަށުގައި ހުއްޓި ހުރި ޔަޝްމީ ފެނި، ހިތަށް ލިބިފައިވާ ހާސްކަން އެއްކޮށް ފިލައިގެން ގޮއްސިއެވެ. ފަޔަށް ބާރު ލައިފައި ހިނގާފައި ގޮސް ޔަޝްމީގެ އަތުގެ މުލައްދަނޑީގައި އޭނާއަށް ހިފުނީވެސް ނުހަނު ބާރަށެވެ.
" އަހަރެން ކިރިޔާ ބިރުން އަވަދި ނުވީ! ބުނީމެއްނު އެތާ މަޑު ކުރާށޭ"
ހިތްހަމަ ނުޖެހޭ ރާގަކަށް ހާރޫން ބުނެލިއެވެ. އެއާއިއެކު ޔަޝްމީ ހާރޫންގެ އަތް ފޮޅުވާލުމަށްފަހު އެއްގަމަށް އަރަން ހިނގައިގަތެވެ. ޔަޝްމީގެ ފަރުވާކުޑަ ހަރަކާތްތަކުން ހާރޫން އަނެއްކާވެސް ހިތްހަމަ ނުޖެހުނެވެ. ޔަޝްމީގެ ފަހަތުން ހިނގައިގަންނަމުން އަނެއްކާވެސް ވާހަކަ ދެއްކީ ހާރޫންއެވެ،
" ދެން ކިހިނެއްތަ ވެގެން ތިއުޅެނީ؟ އަހަރެން މިރަށަށް މިއައީ ދެމީހުން އެކުގައި ހިތްހަމަ ޖައްސާލަން! އުފާކޮށްލަން.. ގިނަ ދުވަސްތަކެއްގައި ޔަޝްމީ ބަލިވެ އުޅުނީމަ، އެކަންތައްތައް ހަނދާން ނައްތާލަން ހިތަށް ހަމަޖެހުމެއް ހޯދައިދޭން.."
ހާރޫން އަނެއްކާވެސް ޔަޝްމީގެ އަތުގައި ހިފައި އޭނާ ހުއްޓުވިއެވެ. އޭރު ޔަޝްމީގެ މޫނުމަތީގައިވާ އާދަޔާ ޚިލާފް އަސަރުތަކުން ހާރޫންއަށް ކުޑަކޮށް އުނދަގޫވެސް ވިއެވެ.
" ހިތަށް އަރާ އެއްޗެހި އަހަންނަށް ކިޔައިދީބަލަ! އަހަންނާ ހިއްސާކޮށްބަލަ! ކީއްވެގެންތަ ޔަޝްމީއަށް އެހާ ބޮޑު ބަދަލެއް އައިސްގެން ތިއުޅެނީ؟ ހުރިހާ ކަމަކަށް ރުހިގެން އަހަރެން ޔަޝްމީއާއެކު ދިރިއުޅެމުންދާއިރު، ތިގޮތަށް އުޅުނީމަ މި ދިރިއުޅުން އުފާވެރި ވާނެތަ؟ "
ހާރޫން ވާހަކަ ދެއްކީ ވިސްނައިދިނުމުގެ މަޤްޞަދުގައެވެ. ހާރޫންގެ ވާހަކަތައް ނިމުމާއެކު ޔަޝްމީ ފުންނޭވާއެއް ދޫކޮށްލީ ވަރުބަލިވެފައިވާ މީހެއް ފަދައިންނެވެ.
" ތިހެން ބުންޏަސް... އަހަރެންގެ ހިތް މިހާރު ތިކަންކަމެއް ޤަބޫލެއް ނުކުރެޔޭ ހާރޫން.."
ރޮވިފައިވާ އަޑަކުން ޔަޝްމީ ވާހަކަ ދައްކަމުން ހާރޫންއަށް ފުރަގަސް ދިނުމަށްފަހު ކުރިއަށް ހިނގައިގަތެވެ.
" މި ދިރިއުޅުން އަނދިރި ވެއްޖެ! ފަޅުކަން ވެރިވެއްޖެ! އެ އުފާވެރިކަމެއް ނެތް.. އެ ތާޒާކަމެއް ނެތް."
ޔަޝްމީ އެފަދައިން ވާހަކަ ދައްކަން ފެށުމުން ހާރޫންއަށް އިސްޖަހާލެވުނީ ޔަޝްމީގެ ވިސްނުން ތަފާތު ކަމުންނެވެ. ޔަޝްމީއަށް ބަލަހައްޓައިގެން ހުރެ، ލަސް ފިޔަވަޅުތަކެއްގައި ގޮސް ޔަޝްމީއާ ދާދި ގާތުގައި އޭނާ ހުއްޓުނެވެ. އޭރުވެސް ޔަޝްމީ ހުރީ ހާރޫންއަށް ފުރަގަސްދީގެންނެވެ،
" ތިއީތަ ޔަޝްމީ ދެކޭ ގޮތަކީ؟"
ޔަޝްމީއަށް އިވޭވަރަށް ހާރޫން ބުނެލީ އަސަރާއެކުއެވެ. އެއާއިއެކު މޫދަށް ބަލަހައްޓައިގެން ހުރެ، ޔަޝްމީ ދެފަރާތަށް ބޯ ހޫރާލިއެވެ.
" ދައްކާނެ ވާހަކަ އަދިވެސް އެބަހުރި! އަހަރެމެންގެ އުފާވެރި ދިރިއުޅުން ދެން ދުވަހަކުވެސް އަނބުރާ ނުލިބޭނެ! އެއުފާވެރިކަން އަލުން އިއާދައެއް ނުކުރެވޭނެ ހާރޫން.. އަހަރެންގެ ސަބަބުން ހާރޫންއަށް ލިބޭނީ އިތުރު ހިތްދަތިކަމެއް"
ޔަޝްމީ އެހެން ބުނުމާއެކު ހާރޫން މަޑުމަޑުން ޔަޝްމީގެ ގައިގައި ފުރަގަހުން ބައްދާލިއެވެ. އަދި ގުދުވެލާފައި ޔަޝްމީގެ ކޮނޑުގައި މޫނު ޖައްސާލަމުން ބުންޏެވެ.
" ތިހެން ނުބުނެބަލަ! ޕްލީޒް.. ޔަޝްމީ އަހަރެންގާތު ހުންނާތީވެސް އަހަރެން ވަރަށް އުފާވޭ! ތިއަށްވުރެ ވަކި ބޮޑު އުފަލެއް އަހަންނަކަށް މި ދުނިޔެއަކުން ނުލިބޭ! ޔަޝްމީގެ ލޯތްބަށް އަހަންނަށް މިހާރު އާދަ ވެއްޖެ! "
ހާރޫންގެ ވާހަކަތައް އަޑުއަހަން ހުރި ޔަޝްމީ އެއްވެސް އެއްޗެއް ނުބުންޏެވެ. އެހެންކަމުން ހާރޫން، ޔަޝްމީ ބޭނުންވާވަރު އިތުރަށް އަންގައިދެވޭތޯ އޭނާ މަސައްކަތް ކުރިއެވެ.
" އަހަރެން މިދައްކާ ވާހަކަތައް އަޑުއަހައްޗޭ!"
ހާރޫންގެ ވަރުގަދަ ދެއަތުގެ ތެރޭގައި ޔަޝްމީގެ ހަށިގަނޑު ބާރުކޮށްލަމުން ވައިއަޑުން ބުންޏެވެ. ބޭއިޙްތިޔާރުގައި ޔަޝްމީއަށް ބޯ ޖަހާލެވުނެވެ. އޭރު އޭނާގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދެއެވެ.
" ޔަޝްމީއާމެދު އަހަރެންގެ ހިތުގައި ހާއްސަ މަޤާމެއް ދެވުނު ދުވަހުން ފެށިގެން މިއަދާ ޖެހެންދެން އަހަރެންގެ ހިތް އަދިވެސް އޮތީ ހަމަ އެގޮތުގައި! ދިރިއުޅުމަށް އަންނަ ބަދަލަކުން އަހަރެންގެ ހިތެއް ބަދަލެއް ނުވާނެ ޔަޝްމީ! ހެޔޮނުވާނެ އަހަންނާ ދުރަށްދާން މަސައްކަތް ނުކޮށްބަލަ! އަހަރެން މޮޔަވެދާނެ! ތިނޫން އެއްވެސް ކަމެއް އަހަންނަށް މުޙިއްމެއް ނޫނޭ ޔަޝްމީ"
ހާރޫން ޔަޝްމީގެ ކުރިމައްޗަށް އަރާ، އޭނާގެ މޫނުގައި ދެއަތުން ހިފައްޓާލިއެވެ. އެއާއިއެކު ޔަޝްމީ ދެލޯ މަރާލީ ހާރޫންއާ ހަތަރުކަޅި ހަމަކުރަން ބޭނުން ނުވާ ކަހަލަ ގޮތަކަށެވެ. އެމަންޒަރު ފެނި ހާރޫންގެ ހިތަށް އަސަރު ކުރުވި ނަމަވެސް އޭނާ މަސައްކަތް ކުރީ ޔަޝްމީއަށް ވިސްނައިދެވޭތޯއެވެ. ޔަޝްމީގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު އޭނާ އަނެއްކާވެސް ޔަޝްމީގެ ރީތި މޫނަށް ބަލައިލިއެވެ.
" މާޝާﷲ! ހާދަ ފުރިހަމައޭ! ތިއީ އަހަންނަށް ދެއްވާފައިވާ އެންމެ އަގުހުރި ނިޢުމަތް! "
ހާރޫން ލޯތްބާއިއެކު ބުނެލިއެވެ. ނަމަވެސް ޔަޝްމީ ހުރީ ހާރޫންގެ މޫނަށް ބަލައިލާނެ ހިތްވަރު ނެތިފައި ކަހަލަ ގޮތަކަށެވެ.
" އެންމެ ފަހު ވިންދާ ޖެހެންދެންވެސް ދެމީހުންނަށް އެކުގައި އެހާމެ ލޯބިން އުޅެވޭނެ! ޔަޝްމީއަށް ދަރިއެއްގެ އުފާވެރިކަން ހޯދައިދޭން އަހަރެން ބޭނުން.. ވަރަށް ބޭނުން! އެދަރިފުޅު އުރާލައިގެން ޔަޝްމީ އުޅޭތަން ދެކެން އިންތިހާއަށް ބޭނުން.. އެހެންވީމަ އަހަރެން މި ހިތަށް އަރަނީ ކުއްޖަކު ނަގަން! އެޑޮޕްޓް ކުރަން.. އެގޮތް އޯކޭތަ؟ "
ކުޑަކުއްޖަކު ރުއްސަން މަސައްކަތްކުރާ ފަދަ ގޮތަކަށް ހާރޫން ބުނެލިއެވެ. އޭނާ މައުޟޫ ބަދަލުކޮށްލީ، ޔަޝްމީގެ މޫނަށް ހިނިތުންވުން ގެނުވަން ބޭނުންވާތީއެވެ. ޔަޝްމީގެ ޝިކާޔަތަކީ އެއީ ކަމަށް ވާތީއެވެ.
" ނޫން ނޫން! އެވަރުގެ ބޮޑު ޒިންމާއެއް އުފުލަން އެއްބަސް ވާކަށް އަހަންނަކަށް ނުކެރޭނެ.."
ޔަޝްމީ ތެޅިގަނެފައި އެހެން ބުނުމުން ހާރޫން ހީލިއެވެ.
" އެހެންވިއްޔާ އެވިސްނުންވެސް މި ދޫކޮށްލީ! ދެން އެވާހަކަ ނުދައްކަމާ! ހިނގާ ގެއަށްދާން.. މާދަމާ ހެނދުނު ފުރަންވެސް ޖެހޭނެއެއްނު"
ހިތުގައިވާ ބިރުވެރިކަން އެއްފަރާތްކޮށްލަމުން ހާރޫން ވާހަކަ ދެއްކީ ހަމަޖެހޭ ގޮތް ދައްކަމުންނެވެ. ޔަޝްމީ އެއްޗެއް ނުބުނުމުން ހާރޫން އޭނާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ނަމަވެސް ލުތްކެއް ޖަހާފައި ޔަޝްމީ ހާރޫންގެ އަތުން ދޫކޮށްލިއެވެ. ހައިރާންކަމާއެކު ސިހިފައި ހާރޫން ފަހަތް ބަލައިލީ އެހާމެ އަވަހަށެވެ. އޭރު ބާރުބާރަށް ނޭވާލަމުންދާ ޔަޝްމީހުރީ ސީދާ ހާރޫންއަށް ބަލަހައްޓައިގެންނެވެ.
" ކިހިނެއްވީތަ ޔަޝްމީ؟ ކުޑަކުއްޖެއްހެން ނޫޅެބަލަ! އާދޭ ގެއަށްދާން.. މިހާރު އެކެއް ޖަހައިފިއޭ"
ހާރޫން އަނެއްކާވެސް ގޮސް ޔަޝްމީގެ އަތުގައި ހިފިއެވެ. ނަމަވެސް ޔަޝްމީ ގުޑައިވެސްނުލައި ހުރި ފިޔަވަޅުމަތީގައި ހުރީއެވެ.
" ދެން ވާހަކަ ދައްކާނީ ގެއަށް ގޮސް! ހިނގާ ދާން!"
މިފަަހަރު ހާރޫން ބުނެލީ މަޑުމަޑުންނެވެ. ގޮތްދޫނުކޮށް އިރުކޮޅަކު ހުރުމަށްފަހު ޔަޝްމީ ހަތިޔާރު ބެހެއްޓީ މަޖުބޫރުވެގެންނެވެ. އެހެންކަމުން އިތުރަށް ބަހެއް ބުނުމެއްނެތި އޭނާ ހާރޫންއާއެކު ރޫމަށް ދިޔައެވެ.
" ހެނދުނު ހެނދުނާ ލޯންޗް އަންނާނެ! އެހެންވީމަ އަވަހަށް ނިދަންވާނެ އެއްނު"
ކޮޓަރިއަށް ވަދެވުމާއެކު ހާރޫން ބުންޏެވެ. ދެމީހުންގެ ދެމެދުގައި މިރޭ ދެކެވުނު އެއްވެސް ވާހަކައެއް އަލުން އާ ކުރަން ހާރޫން އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ. އެހެންކަމުން އޭނާ ބޭނުންވީ ތަންކޮޅެއް ހަމަޖެހިގެން ހުރެ ޔަޝްމީއާ ވާހަކަ ދައްކާށެވެ. އޭރު ޔަޝްމީ އިނީ އެނދުމަތީގައި އިށީނދެއެވެ.
" ޗޭންޖްކޮށްލަންވީނު! ނިދަން"
ޔަޝްމީ އަތަށް ތުވާލި ދިއްކޮށްލަމުން ހާރޫން ބުންޏެވެ. އެއާއިއެކު ޔަޝްމީ ހާރޫންގެ މޫނަށް ފުން ނަޒަރަކުން ބަލައިލަމުން ތެދުވިއެވެ.
" އަހަރެން.. އަހަރެން ބޭނުމީ ވަރިވާން"
ޔަޝްމީގެ ދޫ ހަރަކާތްކޮށްލީ މަޑުމަޑުންނެވެ. ހާރޫންގެ ކަންފަތުގައި ޖެހުނު ޖުމްލައިން އޭނާގެ ހިތް ބިރުވެރިކަމުން ފުރުނެވެ. ނަމަވެސް ހަމައެކަނި ހިނިތުން ވުމަކުން ފުއްދާލުމަށްފަހު ޔަޝްމީގެ އަތްމައްޗަށް ތުވާލި ލައިދިނެވެ. އަދި ޔަޝްމީގެ ޖުމްލައަށް މާބޮޑު ސަމާލުކަމެއް ނުދީ ވާހަކަ ދައްކަން ފެށިއެވެ.
" ދޭބަލަ ނިދަން ތައްޔާރުވާން.. އަހަރެންވެސް މި އޮށޯވެލަނީ"
ހާރޫން އެހެން ބުނުމާއެކު އަތުގައި އޮތް ތުވާލި ދުރަށް ހޫރާލުމަށްފަހު އަޅައިގެން ހުރި ޝޯލްވެސް ބޮލުން ދަމައިގަނެ ބިންމައްޗަށް ގުޅައަކަށް ޖެހުމަށްފަހު އަޑުގެ ކޮޅަށް ޔަޝްމީ ހަޅޭއްލަވައިގަތެވެ.
" އަހަރެން ދައްކާ ވާހަކަ އިވޭ ކަމަށް ނަހަދަނީ ކީއްވެތަ؟ "
ހާރޫން ދިޔައީ ސިހިގެންނެވެ. އޭރުވެސް ޔަޝްމީ އަވަސް އަވަހަށް ފުން ނޭވާތަކެއް ދޫކުރަމުން ދިޔައެވެ. އޭރު އެނާގެ ދެލޮލުގައިވެސް ވަނީ ރުޅިވެރިކަމެވެ.
" އަހަރެން މިހުރީ ޔަޝްމީއާއެކު އުޅެން! ދެން ކީއްވެ ތިހެން ތިހަދަނީ؟ "
ހާރޫން އަސަރާއެކު މަޑުމަޑުން އަހާލިއެވެ. އެއާއިއެކު ދެއަތުން އިސްތަށިގަނޑުގެ ތެރެއަށް އަތްކޮއްޕާލަމުން ޔަޝްމީ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.
" އޫފް! ކިހާ ވަރަކަށްތަ ކިޔައިދޭންވީ؟ އަހަރެން މި ބުނަނީނު އަހަންނަކީ މިހާރު އެއްވެސް ބޭނުމެއް ހިފޭނެ މީހެއް ނޫނޭ! ހާރޫން ކަހަލަ މުއްސަނދި، ރީތި މީހަކަށް އަންހެން ކުދިން ވާނެ! ހާރޫން އެހެން މީހަކާ އިނދެގެން ދިރިއުޅުން އާބާދުކުރޭ! އެކަމަކު ޕްލީޒް އަހަރެން ދޫކޮށްލާ! އެނގޭތަ ؟ ހާރޫންއާއެކު އެންމެ ދުވަހެއްވެސް... އެންމެ ދުވަހެއްވެސް.. ހޭދަކުރަން އަހަންނަށް ހީވަނީ..ހީވަނީ.. ނޭވާ ތާށިވާހެން! އަބަދުވެސް ހީވަނީ އަހަންނަކީ ކުށްވެރިއެކޭ! ހީވަނީ މީހުންވެސް އަހަންނަށް މަލާމާތްކުރާނެޔޭ! ހާރޫންގެ މުދަލަށް ދަހިވެތިވެގެން ހާރޫން ދަށުކޮށްގެން އުޅެނީއޭވެސް މީހުން ކިޔާނެ.. އަދި ބުނަންތަ؟ ދުވަސްކޮޅަކުން ހާރޫންވެސް ހަމަ އަހަރެން ދެކެ ފޫހިވާނެ.. އެދުވަސް އައުމުގެ ކުރިން އަމިއްލައަށް ދިޔައްޔާ މާ ހިތްހަމަ ޖެހޭނެއެއްނު.. އަދިވެސް ބުނަންތަ؟ އަހަންނަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫނޭ! އަހަރެން ރަށަށް ފޮނުވައިދީ! އަހަރެން ދޫކޮށްލާ! "
މޮޔަޔަކު ވާހަކަ ދައްކާ ފަދައިން ޔަޝްމީ ވާހަކަ ދައްކަމުން ގޮސް އެންމެ ފަހު ޖުމްލައާއެކު ހާރޫންގެ ފައިބުޑަށް ތިރިވީ އާދޭސްކުރާ ފަދައިންނެވެ. އެއާއިއެކު އަވަސް އަވަހަށް ޔަޝްމީގެ ދެކޮނޑުގައި ހިފައި، އޭނާ ނަގަމުން ހާރޫން ވާހަކަ ދައްކަން ފެށިއެވެ.
" ޒައްރެއްގެ މިންވަރަށްވެސް އަހަންނަށް އިތުބާރު ނުކުރަނީތަ؟ ހީވޭތަ ހަމަ ޔަޝްމީ އެހާ ނިކަމެތިކޮށްލާނެޔޭ! ހީވޭތަ މީހުންގެ ތެރެއަށް ޔަޝްމީ ފަޟީޙަތްކޮށްލާނެޔޭ! ހީވޭތަ އަހަންނަށް ޔަޝްމީ ދޫކޮށްލެވިދާނެޔޭ! ނޫނީ އެހެންމީހަކު ދެކެ އަހަންނަށް ލޯބިވެވިދާނެޔޭ! ކޮންމެ ޙާލެއްގައިވެސް ޔަޝްމީ ދުނިޔޭގައި ހުރިހާ ހިނދަކު އަހަރެން ހުންނާނީ ޔަޝްމީއާއެކު! "
ހާރޫން ވާހަކަ ދެއްކީ އަސަރާއެކުއެވެ. ލޯބިވާ އަނބިމީހާގެ އެ ޙާލަތު ފެނި، އޭނާގެ ހިތަށް ވަރަށް އަސަރު ކުރުވިއެވެ.
" އަހަރެން ދޫކޮށްލާ! މިއީ އަހަރެންގެ ނިންމުން.. ހާރޫންގެ ކިބައިން މިހާރު އަހަރެން ބޭނުންވަނީ ވަރި! "
ހުއްޓުން އަރާފައިހުރެ، ޔަޝްމީ ބުނެލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައިހުރީ ހާރޫންއާ ދިމާލަކަށް ނޫނެވެ. އޭނާގެ ދެލޯވެސް ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައިކަން އެދެލޮލުން ހާމަވެއެވެ. ޔަޝްމީގެ މޫނަށް ބަލަހައްޓައިގެން ހުރި ހާރޫންއަށް ޤަބޫލު ކުރަން ދަތިވެފައި ހުރެވުނީއެވެ.
" އަހަންނަކަށް ނެތް ދެން ހާރޫންއާއެކު އުޅެވޭކަށް.. ދެއަނތްބަށް އެހެން މީހަކާ އިންނަން ބޭނުން ނުވަންޏާ އަހަރެން ދޫކޮށްލާ! "
ޔަޝްމީ އެހެން ބުނުމާއެކު ހާރޫން ބާރުބާރަށް ޔަޝްމީ ދުރަށް ކޮއްޕާލިއެވެ. އޭރު ހާރޫންގެ ދެލޮލަށް ކަރުނަ ޖަމާވަމުންދެއެވެ.
"ތިއީ ކޮންކަހަލަ އަންހެނެއް؟ އަހަރެން ގަދަބަހުން މިވަރަށް ކިޔައިދޭއިރުގައިވެސް ގޮތްދުލެއް ނުކުރޭ! ބުނާބަހުގައި ހިފައިގެން ތި ހުންނަނީ އެކައްޗެއް ކިޔާލަ ކިޔާލަ! އޯކޭއޭޭ! އެންމެ ރަނގަޅު! ހަމަ އެންމެ ރަނގަޅު! ތައްޔާރުވޭ! ރަށަށް ދާން ތައްޔާރުވޭ! އަހަރެން މާދަމާ ޔަޝްމީ ގެންގޮސް ޔަޝްމީގެ މައިންބަފައިންނާ ޙަވާލު ކުރާނަން.. އަދި ވަރި ކުރަންވީމަ އެކަންވެސް ކުރާނަން. އެހެން މީހަކާ އިންނަންވިޔަސް އެނގޭނީ އަހަންނަށް! ވަރިކުރަންވީމަވެސް އެނގޭނީ އަހަންނަށް.. "
އެހެން ބުނުމަށްފަހު ހާރޫން ބާރުބާރަށް ނިކުމެގެން ދިޔައެވެ. އޭރު ގަޑިން މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. ބާރުބާރަށް ދޮރު ޖަހާފައި ހާރޫން ނިކުމެގެން ދިޔުމާއެކު ޔަޝްމީއަށް ހުރިތަނަށް ތިރިވެވުނީ އަޑުން އަޑު ނަގައި ރޮމުންނެވެ.
" އަހަރެން ވަރަށް ލޯބިވޭ ހާރޫން..އެކަމަކުވެސް.... އަހަންނަކީ ހާރޫންއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެވޭނެ މީހެއް ނޫނޭ! ޤަބޫލުކޮށްބަލަ! އަހަންނާހެދި ހާރޫންއަށް އަބަދުވެސް ހިތާމަ ކުރަން ޖެހޭނީ.. އެއްވެސް މީހަކަށް ހުރި އުނދަގުލަކަށް ވާކަށް ބޭނުމެއްނޫން.. ބޭނުމެއް ނޫން."
ކުޑަކަކޫމައްޗަށް ތިރިވެ އިނދެ ޔަޝްމީ ރޮމުން ބުނަމުން ދިޔައެވެ. އެކަނިމާއެކަނި އެހެން އިނދެ އޭނާގެ ހިތުގެ އުދާސްތައް ބޭރު ކުރަމުން ދިޔައެވެ.
***
ދިޔަ ބާރުމިނުގައި ގޮސް ހާރޫން ހުއްޓުނީ ގޮނޑުދޮށުގައެވެ. އެންމެ އަމާން، ހަމަހިމޭން މަންޒިލަކަށް އޭނާއަށް އެންމެ ކަމުދަނީ އަބަދުވެސް ގޮނޑުދޮށެވެ. ސާދަވިލޭރޭގެ ރީތި ހަނދުވަރުގެ އަލީގައި އޭނާ މިރޭ ހުރީ މާޔޫސްވެފައެވެ. އިންތިހާއަށް ހިތްދަތިވެފައެވެ. ގޮތް ހުސްވެ، ދީވާނާވެފައެވެ. ޔަޝްމީ އޭނާއާ ދުރަށް ފޮނުވާލުމަކީ ފަހަރެއްގައިވެސް ކުރަން ފަސޭހަ ކަމެއް ނޫނެވެ. ޔަޝްމީ ނުފެނި ދިރިއުޅުމަކީވެސް އޭނާއަށް ކުރަން އުނދަގޫ ކަމެކެވެ. ފުން ވިސްނުމެއްގައި ހާރޫން ދެޖީބަށް އަތްޖަހައިގެން ހުރެ ހިނގަމުން ދިޔައެވެ. ފައިގައި ޖެހުނު ގާބުރިއެއްވެސް، ބޯޅައެއްގައި ޖަހާ އުސޫލުން ބާރުބާރަށް ފައިން ޖަހާ ދުރަށް ހޫރާލީ ރުޅިވެރިކަމާއެކުއެވެ. ހިތަށް ޖަމާވަމުންދާ ޝަކުވާތައް ބޭރުކުރަން ބޭނުންވި ނަމަވެސް ދިރިއުޅުމުގެ ކަންތައްތައް މީހުންނާ ހިއްސާކުރުމަކީ އޭނާ މާ ކުރާހިތްވާ ކަމެއް ނޫނެވެ. އެހެންކަމުން ޝަކުވާތައް ހިތުގައި ބޮނޑިކޮށްގެން ހުރެ އޭނާ ވެލިގަނޑުމަތީގައި އިށީނދެލީ ގެއަށް ދާން ބޭނުން ނުވެގެންނެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
މިވާގޮތުން މިވާހަކަ މިހާރު ކިޔާހިތެއްނުވޭ. މިއޮއްރީތި ވާހަކައަށް ކިހިކިނެތް މިވީ. ހާރޫން ޔަޝްމީ ވަރިނުކުރާތި. ޔަޝްމީ ކީއްވެ ކުއްޖަކު ގެނެސްގެން ބަލަން ހިޔާލު ނުކުރީ. ދަރިންތިބި މީހުން ކުދިން ގެނެސްގެން ބަލާއިރު ދަރިންނެތް މީހުން ކީއްވެ ނުބަލަންވީ.
Yasmee dhen thifaadah noolhe bala.haaroon ehaa loabivaairuves dhen ulhey gotheh.varah foohivey.
Thihen kiyas yashmee akah neeveyne this is a story