ހއ. މާރަންދުއާއި ހއ. ތަކަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި ކޮންޓްރެކްޓްތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
ތަކަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން 15،565 ކިއުބިކް މީޓަރުގެ ބަނދަރު ކޮނުމާއި 161 މީޓަރުގެ ބޭރު ހިލަ ތޮށި ޖެހުމާއި 58 މީޓަރުގެ އެއްގަމު ހިލަ ތޮށި ޖެހުމާއި ސޭންޑްފިލްޑް ބްރޭކް ވޯޓަ ޖެހުމާއި ސޭންޑް ފިލްޑް ބްރޭކް ވޯޓަރ އެތެރެފަރާތު ބްލޮކް ޖެހުމާއި އެއްގަމު ތޮށިޖެހުމާއި ބަނދަރު ލައިޓް ޖެހުމާއި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 46.59 މިލިއަން ރުފިޔާއަށެވެ.
މާރަންދޫ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގެ ދަށުން 9,248.00 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި 45،000 ކިއުބިކް މީޓަރުގެ އައު ބަނދަރު ފުން ކުރުން 1657 ކިއުބިކް މީޓަރުގެ ނެރު ފުން ކުރުމާއި 130 މީޓަރު ބޭރުތޮށި ޖެހުމާއި 60 މީޓަރު ރިވެޓްމެންޓް ޖެހުމާއި 20 މީޓަރު ނެރުފައިކަށި ޖެހުމާއި 17 މީޓަރު ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން 215 މީޓަރު އެއްގަމު ތޮށި ޖެހުމާއި 215 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި މޫރިން ރިންގް ހަރުކުރުމާއި މޫރިން ބޮއި ހަރުކުރުމާއި ބައު ބަނދަރުގެ ވެލި ދެމުމުގެ މައްސަލަ ހައްލުކުރުން ރޭންޕެއް ހެދުމާއި އެކްސެސް ޕްލެޓްފޯމް އެޅުމާއި މަގުބައްތިއާއި ނެރުބައްތި ޖެހުމާއި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 43.98 މިލިއަން ރުފިޔާއަށް 480 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!