މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދުކޮށްފިއެވެ.

ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް ހުށަހެޅީ މި މަހުގެ 1 ވަނަ ދުވަހު އެވެ. އެކަމަކު ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކެންޑިޑެސީ ބަލައިނުގަންނަން އީސީން ވަނީ ހަމަ އެދުވަހު ނިންމައިފަ އެވެ.

Ad
rt

ޖެހިގެން އައި އޯގަސްޓް 2 ވަނަ ދުވަހު ފަތިހު ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިގަނެ އޯގަސްޓް 4 ވަނަ ދުވަހު ވަނީ އެ މައްސަލައިގެ ޝަރީޢަތް ފަށާފައެވެ. އަދި އެދުވަހު މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސް މިއަދު ހެނދުނު 10:00 ގައި ފެށި ޙުކުމް އިއްވާ ޝަރީޢަތުގެ މަޖިލީހުގައި ވަނީ މައްސަލައިގެ ޙުކުމް އިއްވާފައެވެ.

މިއަަދުގެ ޙުކުމް އިއްވާ މަޖިލީހުގައި ފުރަތަމަ އިއްވީ ފަނޑިޔާރު ހުސްނުއްސުޢޫދުގެ ރަޢުޔެވެ. އެ ރަޢުޔުގައި ޖިނާއީ މައްސަލައެއްގެ ކުށުގެ އަދަބަކަށް ކަނޑައަޅާ ޖޫރިމަނާއެއް ނުދައްކާހާ ހިނދަކު އެއީ ސާބިތު ދަރަންޏެއް ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ރައީސް ޔާމީން ދައްކަވަން ޖެހޭ ޖޫރިމަނާގެ ފައިސާ ދައްކަން ދިން މުއްދަތު ހަމަވިރިއިރު، އެ ޖޫރިމަނާ ނުދައްކާކަން މީރާގެ ނޯޓިސް އިން އެނގޭކަމަށާއި، އެހެންކަމުން ޔާމީނުގެ ޝަރުތު ފުރިހަމަނުވާ ކަމަށް އީސީން ކަނޑައެޅީ ރަނގަޅަށް ކަމަށް ވިދާޅުވެފަވެއެވެ.

ފަނޑިޔާރު ސުއޫދުގެ ރަޢުޔަށް އުއްތަމަ ފަނޑިޔާރުގެ އަޙްމަދު މުޢުތަޞިމް ޢަދުނާން އާއި، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އާއި، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއް ސުޢޫދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު މުޙައްމަދު އިބްރާހީމް ވެސް ވަނީ ތާއީދުކޮށްފައެވެ.

އެހެންކަމުން އީސީގެ ނިންމުން ނިންމީ ރަނގަޅަށްކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާކަމަށް ސުޕްރީމް ކޯޓުގެ މިއަދުގެ ޙުކުމްގައި ބުނެފަވެއެވެ.