މަދަރުސާތަކުގެ ބޮޑު ބަންދަށްފަހު، ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
މިއަދު ފެށުނު ދިރާސީ އާ އަހަރާއި ގުޅިގެން ތައުލީމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށީ 84200 އެއްހާ ދަރިވަރުންނާއެކުއެވެ. އެ ދަރިވަރުންގެ ތެރެއިން ސަރުކާރު ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދަކީ 73078 އެވެ. މީގެތެރެއިން 24000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަނީ މާލެ ސަރަޙައްދުގައެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިއިރު ސަރުކާރުގެ 216 ސްކޫލެއްގައި ކިޔަވައިދޭނެއެވެ. މީގެތެރެއިން 156 ސްކޫލަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައްކެވެ.
ދިރާސީ އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވާފައިވާއިރު، ޓީޗަރުން ވެސް ހަމަކޮށްފައިވާ ކަމަށް ތައުލީމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. މި އަހަރު ސްކޫލްތަކުގައި ކިޔަވައިދެނީ 6،516 ދިވެހި ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުންނެވެ.
މި ދިރާސީ އަހަރުގެ ކިޔެވުން ކުރިއަށްދާނީ އޮގަސްޓްމަހުގެ 6 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖޫންމަހުގެ 13 ވަނަ ދުވަހަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!