ހދ. ހަނިމާދޫ އާއި ހއ. އުތީމު އަދި މުރައިދޫގައި ސަރުކާރުން ހިންގި ތަރައްގީއެއްގެ ބައެއް މަޝްރޫޢުތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިފްތިތާހުކޮށްދެއްވައިފިއެވެ.
ރައީސް މި މަޝްރޫޢުތައް އިފްތިތާހްކޮށް ދެއްވީ، މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރިއަށްގެންދަވާ ކެމްޕޭންގެ ތެރެއިން އިއްޔެ އެ ތިން ރަށަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިންނެވެ.
މިގޮތުން އިއްޔެ މުރައިދޫއަށް ވަޑައިގެން ކެމްޕޭން ހަރަކާތްތައް ހިންގެވުމުގެ އިތުރަށް އެރަށުގައި ސަރުކާރުން ތަރައްގީކުރި ފުޓުބޯޅަ ދަނޑާއި، ފެނަކަ އައު އިންޖީނުގެއާ އޮފިސް ޢިމާރާތް ހުޅުއްވައިދެއްވުމުގެ އިތުރުން އެރަށުގެ ފެނުގެ ނިޒާމް ވަނީ އިފްތިތާޙްކޮށް ދެއްވާފައެވެ.
މުރައިދޫގައި ސަރުކާރުން ތަރައްގީކުރި ފުޓްބޯޅަ ދަނޑަކީ، ޓާފް އަޅައި ޒަމާނީފެންވަރަށް ހަދާފައިވާ ފުޓުބޯޅަ ދަނޑެކެވެ. މީގެ އިތުރުން ފެނަކައިން ހއ. މުރައިދޫގައި އިމާރާތްކުރި ފެނަކަ އައު އިންޖީނުގެއާ އޮފީސް އިމާރާތަކީ، ޒަމާނީ ފެންވަރަށް ޢިމާރާތްކޮށްފައިވާ ތަނެކެވެ. މި އިންޖީނުގޭގެ ކެޕޭސިޓީއަކީ، 620 ކިލޯވޮޓް އެވެ. އަދި ފެނަކަ އައު އޮފީސް އިމާރާތަކީ ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޢިމާރާތެކެވެ.
މުރައިދޫއަށް ފަހު އުތީމަށް ވަޑައިގެން ރައީސް ވަނީ އުތީމު ޞިއްޙީމަރުކަޒަށް އަލަށް އިތުރުކުރި ބައި އަދި އެރަށު ޣާޒީ ބަންޑާރައިން ސްކޫލުގައި އިމާރާތްކުރި 4 ކްލާސްރޫމް ހުޅުއްވައި ދެއްވާފައެވެ. އުތީމު ޞިއްޙީމަރުކަޒަށް އަލަށް އިތުރުކުރި އިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓާއި އިދާރީ ޔުނިޓާއި ކައުންސިލިންގ ރޫމުގެ އިތުރުން ގަރާޖެއް ހިމެނެއެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އިއްޔެ އިރު އޮއްސޭކަށްހާއިރު ހަނިމާދޫއަށް ވަޑައިގެން އެރަށުގައި ސަރުކާރުން ތަރައްގީކުރި ބަނދަރާއި، ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައި، ހަނިމާދޫ މަގުހެދުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ވަނީ ފާހަގަކޮށްދެއްވާފައެވެ.
ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ ވަނީ މާލެ ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!