މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފިއެވެ.
ޔާމީންގެ ކެންޑިޑެސީ ފޯމު އިއްޔެ ހުށަހެޅުން ކެންޑިޑޭޓަކަށް ވުމަށް ޤާނޫނުއަސާސީގައި ބުނާ ޝަރުތު ޔާމީންގެ ހަމަނުވާ ކަމަށް އީސީން ވަނީ ނިންމާފައެވެ.
އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅިކަން ޔާމީންގެ ޤާނޫނީ ޓީމުގެ އިސް މެންބަރު، އަދި ޔާމީންގެ ރަނިންމޭޓް މުހައްމަދު ޖަމީލު އަހްމަދު ފަތިހު ވަނީ ވިދާޅުވެފައެވެ.
ޔާމީންގެ ކެންޑިޑެސީ ފޯމު އިއްޔެ އީސީއަށް ހުށަހެޅުމުން އެ ފޯމު ބަލައިނުގަތުމަށް ނިންމި ސަބަބެއްގޮތުގައި އީސީގެ ނިންމުމުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީނުގެ މައްޗަށް އައިސްފައިވުމާއެކު، ޔާމީން އެ ހުކުމް ތަންފީޒުކޮށް، ނިމިފައި ނުވާ ކަން އެ މަނިކުފާނު ހުށަހަޅުއްވާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގޭތީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، ކަމަށެވެ.
އީސީސީގެ މިނިންމުމާއެކު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި އީސީގެ އެ ނިންމުން ސައްހަނޫން ކަމަށް ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދާނެކަމަށް ވެސް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!