މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ބޭރުގެ ހަތަރު ޤައުމެއްގައި ވޯޓު ފޮށި ބެހެއްޓޭވަރަށް މީހުން ރަޖިސްޓަރީ ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކުރައްވައިފިއެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މިހާތަނަށް ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައި ވަނީ ބޭރުގެ ހަތަރު ޤައުމެއްގައި ކަމަށެވެ.
އެ ޤައުމުތަކަކީ. އިންޑިއާ އާއި މެލޭޝިއާ އާއި އިނގިރޭސިވިލާތް އަދި ސްރީލަންކާ އެވެ. އެ ޤައުމުތަކުގައި ވޯޓުލުމަށް ބޭނުންވާ އަދަދަށް މީހުން ރީ-ރަޖިސްޓާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
''ސިންގަޕޫރު، ތައިލޭންޑް، އަބޫދާބީ އަދި ޖަޕާނުގައި ވޯޓުފޮށި ބެހެއްޓޭވަރަށް ވޯޓުލާ މީހުން އަދި ރަޖިސްޓަރީ ވެފައިނުވޭ.'' ހަބީބު ވިދާޅުވިއެވެ.
ހަބީބު މިހެން ވިދާޅުވެފައިވާއިރު، އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރުމަށް އީސީން ދިން ސުންގަޑި މިއަދުގެ ނިޔަލަށް ހަމަވާނެއެވެ.
ސްރީލަންކާގައި ވޯޓުފޮށި ބަހައްޓަނީ ވެރިރަށް ކޮލަންބޯގައެވެ. މެލޭޝިއާގައި ވެސް ވޯޓުފޮށި ބަހައްޓާނީ ވެރިރަށް ކުއާލަންޕޫރުގައެވެ. ޔޫކޭގައި ވެސް ވެރިރަށް ލަންޑަންގައި ވޯޓުފޮށި ބަހައްޓަން ނިންމާފައިވާއިރު އިންޑިއާގައި ވޯޓުފޮށި ބަހައްޓާނީ ޓްރެވެންޑްރަމްގައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!