ޕްރޮގްރެސިވް ކޯލިޝަނުން ރުހިއްޖެނަމަ، އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރުމަށް އެއްބަސްވެއްޖެއެވެ.

މިގޮތަށް އެއްބަސްވެފައި މިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ބައްދަލު ކުރެއްވުމަށްފަހުގައެވެ.

Ad
rt

ޖުމްހޫރީ ޕާޓީގެ މައި ހަރުގެ، މ. ކުނޫޒުގައި މިއަދު 13:15 ހާއިރު ބޭއްވި މި ބައްދަލުކުރެއްވުމަށްފަހު، ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވީ ތިން ޕާޓީއަށް އެއްބަސްވެވުނު ކަމަކީ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއަކާއި އެއްބަސްވެވޭ ކެންޑިޑޭޓަކު ހޯދަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ. އަދި އެ ކަމުގައި އިިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރުހުން ވެސް މުހިންމު ކަމަށް ގާސިމް ވިދާޅުވިއެވެ.

ނާޒިމް އާއި ނަޝީދު، ފޮޓޯ: ޖޭޕީ

މީގެ އިތުރުން ގާސިމް ވިދާޅުވީ އެ ތިން ޕާޓީން ޕީޕީއެމް އާއި އެމްއާރުއެމް އާއެކުގައި ވެސް ވާހަކަ ދައްކާނެ ކަމަށާއި އެމްއެންޕީ، ދަ ޑިމޮކްރެޓްސް އަދި ޖޭޕީން ވެސް ބޭނުންވަނީ އެއް ކެންޑިޑޭޓަކު ނެރެން ކަމަށެވެ.

މިއަދުގެ ަބއްދަލުކުރެއްވުމުގައި "ދަ ޑިމޮކްރެޓްސް" ގެ ފަރާތުން ބައިވެރިވެވަދައިގެންނެވި ނަޝީދު ވެސް ވިދާޅުވީ ހުރިހާ ޕާޓީއަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރުން ތިން ޕާޓީއަށް ވެސް އެއްބަސްވެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އެމްއެންޕީގެ ރައީސް ނާޒިމް ވިދާޅުވީ ގައުމުގެ ހާލަތު މިހާރު ގޮސްފައި އޮތް ހިސާބުން ރައީސް ސާލިހުގެ ވެރިކަން ނިންމަން ޖެހޭ ކަމަށާއި އެ ކަމަށްޓަކައި ވެސް އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެވިފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ސާލިހުގެ ވެރިކަން ނިންމުމުގައި ރައީސް ޔާމީނަކީ ޕާޓީތަކުން އެއްބަސްވެވަޑައިންނަވާ ކެންޑިޑޭޓް ކަމުގައި ހަމަޖެއްސެވުމަކީ އެ ޕާޓީން އެދޭ ގޮތް ކަމަށެވެ. އަދި ސާލިހުގެ ވެރިކަން ނިންމުމުގައި ޕާޓީތަކުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެ ކޯލިޝަނުން މަރުޙަބާ ކިޔައި ޝުކުރު އަދާކުރާ ކަމަށެވެ.