އަޅުގަޑުމެން ކޮންމެ މީހެއްގެ ވެސް އަބުރާއި އިއްޒަތެއް އޮވެއެވެ. އެއީ އަޅުގަޑުމެން ކޮންމެ މީހަކުވެސް ހިތުގެ އެންމެފުންމިނުން އަގުކުރާ އެއްޗެކެވެ. ތިމާގެ އަބުރާ އިއްޒަތަށް އަރައިގެންފިނަމަ، އެމީހެއްގެ ފެންވަރުންނާއި ގާބިލުކަން ހުރި އެންމެ މަތީދަރަޖައަކަށް އޭގެ ދިފާއުގައި ނިކުތުމަކީ އިންސާނީ ތަބީއަތެވެ. އެއީ އެމީހެއްގެ ހައްގެކެވެ.

ދިވެހިންގެ ތެރޭގައި މުނިފޫހިފިލުވުމުގެ މާގިނަ ކަންތައްތަކެއް ނޯވެއެވެ. އެހެންކަމުން، މުނިފޫހިފިލުވުމުގެ ގޮތުން ފިނިމައިޒާންތަކާއި މިޒަމާނުގައި ކޮފީމޭޒުތައް ދޮށުގައި މީހުންގެ އަބުރާއި ބެހުމާއި ނެތިނުބައިކިޔުމަކީ އާންމުކަމެކެވެ. އެއީ ދިވެހި އާދަކާދައިގެ ތެރޭގައި ހިމެނޭކަމެކެވެ. އަދި ދުލާއިގަލަމުގެ މިނިވަންކަން ވަކިހައްދެއްނެތި ލިބުމުގެ މުނާސަބަތުގައި މިހާރު މިކަންތައްވަނީ އިންތިހާ ދަރަޖަޔަށް އުފުލިގެން ގޮސްފައެވެ. އަބުރާއި އިއްޒަތުގެ ޝަރަފު މިއަދު ދިވެހިންނަކަށް ނެތެވެ. އެއީ ދިވެހިންނަށް ލިބިގެން މިއުޅޭ އާމިނިވަންކަމުގެ ހަގީގަތެވެ.

Ad
rt

މުނިފޫހިފިލުވުމަށްޓަކާ ކޮންމެ މީހަކަށްވެސް ވަގަށް ގޮވަންވީއެވެ. ހިތުހުރި އެއްޗެއް ކިޔަންވީއެވެ. އެއީ ތިމާމެންގެ ދުލުގެ މިނިވަންކަން ކަމުގައި ދެކި އެގޮތަށް ގަބޫލުކޮށްގެންނެވެ. އަމުދުން ކިރިޔާވެސް ތަނަވަސްކަން ހުރި ކޮންމެ މީހެއްގެ ވާހަކަތައް ހަދަހަދައިގެންނެވެ. އެފަދަ ވާހަކަތަކަކީ އަޑުއަހަންތިބޭމީހުންގެ ސަމާލުކަމާއި ޝައުގުވެރިކަން ދަމައިގަތުމަށް ނުހަނު ފަސޭހަ ހަތިޔާރުތަކެވެ. ތިމާގެ އަގުއުފުލިގެން ދިޔުމަށެވެ. ތިމާޔަކީ ކެރޭމީހެއްކަމާއި ޖެހިލުންކުޑަ މީހެއްކަން ދެއްކުމަށެވެ.

މިއީ ދިވެހިރާއްޖެއެވެ. ދިވެހިންނެވެ. މާމާތްބައެކެވެ. ސައްތައިންސައްތަ މުސްލިމުންނަށް ވީތީއެވެ. ދިވެހިންނަށްވީތީ ފަޚުރުވެރިވާންވެސް ވާނެއެވެ!
ލަދުގަނެއެވެ!