މުޖުތަމަޢަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިހަވަންދޫ ކުލަބް ޕޯލްސްޓާއިން "ކާފަމާމަ މައިޒާން" ނަމުގައި މައިޒާނެއް އިހަވަންދޫގައި ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ.
މި ޕްރޮޖެކްޓަކީ ޔޫތު މިނިސްޓްރީން ރަށްރަށުގައި މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ މިނިސްޓްރީން ހުޅުވާލި ފުރުޞަތުގެ ދަށުން ޕޯލްސްޓާއިން ޕްރޮޕޯސަލް ހުށަހަޅައިގެން ކާމިޔާބު ކޮށްފައިވާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓަށް ރާއްޖޭގެ 52 ޖަމިއްޔާއަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު، ޔޫތު މިނިސްޓްރީން ސޯޓްލިސްޓްކޮށް ޕްރޮޖެކްޓް ހަވާލުކުރި 13 ޖަމިއްޔާގެ ތެރޭގައި އިހަވަންދޫ ކްލަބް ޕޯލްސްޓާވަނީ ހިމެނިފައެވެ. ޔޫތު މިނިސްޓްރީން މި ޕްރޮޖެކްޓްތައް ކާމިޔާބުކުރި ޖަމިއްޔާތަށް އިއުލާންކޮށް ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ މި މަހު 8 ވަނަ ދުވަހުގެ ރޭ ބޭއްވި ސިވިލް ސޮސައިޓީ އެވޯޑް ހަފްލާގައެވެ.
އިހަވަންދޫގައި އެރަށު ޕޯލްސްޓާއިން ތަރައްގީކުރަން ނިންމާފައިވާ މައިޒާނުގެ ކުރެހުމެއް
އިހަވަންދޫ އިރުމަތީ ފަރާތު ގަބީލާ ސަރަހައްދުގައި ޕޯލްސްޓާއިން ތަރައްޤީކުރާ މި ޕާކުގައި އުނދޯލި ހަދައި އެލުވުމާއި، ޖޯލިފަތިތައް ބެހެއްޓުމާއި ބާބެކިއު ސްޓޭންޑްތައް ބެހެއްޓުމާއި، އެތަނުގެ މަގުތަކުގައި ބައްތިޖެހުމާއި، ގަސްއިންދައި އެތަންތަނުގައި ބުރު ހެދުމާއި، ހޮޅުއަށި އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މޫދަށް ފައިބާ ސިޑިއާއި ރޭމްޕްގެ ހެދުމާއި އައުޓްޑޯ ލައިބްރަރީއެއް ތަރައްޤީ ކުރުމުގެ އިތުރުން އެތަނުގައި ފިހާރައެއް ވެސް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.
މި ޕްރޮޖެކްޓްގެ ދަށުން ޔޫތު މިނިސްޓްރީން 241000 (ދެލައްކަ ސާޅީސް އެއްހާސް) ރުފިޔާގެ މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ނިންމާފައިވާއިރު، މި ޕްރޮޖެކްޓަށް ޕޯލްސްޓާއިން ކުރާ ޚަރަދާއިއެކު، ޕްރޮޖެކްޓްގެ ޖުމްލަ އަގު 380000 (ތިންލައްކަ އައްޑިހަހާސް) ރުފިޔާއށް ވުރެ މައްޗަށް އަރައެވެ.
މި ޕްރޮޖެކްޓާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން ކުލަބް ޕޯލްސްޓާގެ ރައީސް މުޙައްމަދު ސުޖާޢު ބުނީ މި ޕްރޮޖެކްޓްގެ މައިގަނޑު އަމަލީ މަސައްކަތްތައް ކުރާނީ އެ ކުލަބުގެ މެމްބަރުން ކަމަށާއި، އުންމީދަކީ މި މަސައްކަތްފަށާތާ ހަ މަސްދުވަހުގެ ތެރޭ ނިންމައި މައިޒާން ބޭނުން ކުރަން ފެށޭވަރު ވުން ކަމަށެވެ.
އިހަވަންދޫގައި އެރަށު ޕޯލްސްޓާއިން ތަރައްގީކުރަން ނިންމާފައިވާ މައިޒާނުގެ ކުރެހުމެއް
ސުޖާ އިތުރަށް ބުނީ މި ޕްރޮޖެކްޓް ހިންގުމަށް އިހަވަންދޫ ކައުންސިލުން ވެސް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށާއި، ވުމާއެކު ކައުންސިލަށް ޕޯލްސްޓާގެ ނަމުގައި ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.
އިހަވަންދޫގައި ރަނގަޅު ފެންވަރެއްގެ މައިޒާނެއް ތަރައްޤީ ކުރުމުގެ މަޤުޞަދަކީ ރަށުގެ ކުދިބޮޑު އެންމެން ޖަމާވެ ހިތްއުފާކޮށްލާނެ ރަނގަޅު މާހައުލެއް އެކަށީގެންވާ ވަސީލަތްތަކާއިއެކު ޤާއިމް ކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!