ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު މާއްޓޭ ސްޕޯޓްސްއާއި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ހަނިމާދޫ ޖާގަ ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ހަނިމާދޫއިން މާއްޓޭ ސްޕޯޓްސްގެ މައްޗަށް ކުރި ހޯދީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

Ad
rt

މިއަދު މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލުން ޖާގަ ލިބެންއޮތްއިރު، މި މެޗުގައި ހަނިމާދޫ ޓީމްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގައި ހަނިމާދޫއިން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ މެޗުގެ ހަވަނަ މިނެޓުގައި މާއްޓޭ ސްޕޯޓްސްގެ ޝަފްރާހް އަހްމަދު އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

ހަނިމާދޫ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެއެވެ. ހަނިމާދޫގެ ދެވަނަ ލަނޑު 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަލީ ހުސެއިން އެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސްމިނެޓްތެރޭ ހަނިމާދޫ ޓީމަށް ތިންވަނަ ލަނޑު ޖަހައިދިނީ މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ވެސް ހޮވުނު އެ ޓީމްގެ ޖޯޒީ ނަމްބަރު 12، އަލީ ހުސެއިން އެވެ.

މެޗުގައި ހަނިމާދޫ ޓީމަށް ހަތަރުވަނަ ލަނޑު 63 ވަނަ މިނެޓުގައި ޖަހައިދިނީ އަހްމަދު ޒަޔާންއެވެ. ހަނިމާދޫން ހަތަރު ލަނޑުގެ ލީޑެއްގައި އޮއްވައި މާއްޓޭ ސްޕޯޓްސް އިން ވަނީ 72 ވަނަ މިނެޓުގައި ލަނޑުޖަހައި ސުން ކަނޑުވާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހުސެއިން އަބްދުﷲ ރަޝީދެވެ. ހަނިމާދޫ ޓީމްގެ ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭ ކާމިޔާބު ކޮށްދިނީ މުޙައްމަދު ޚާލިދެވެ.

މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ނޮޅިވަރަމް ހުވާސް އާއި ހިރަފުސް ސްޕޯޓްސް ކުލަބެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ.