ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް ހަތުރުވެރިކަމުގައި އެމްޑީޕީ ރީތިކޮށް ދެބައިވެއްޖެ އެވެ. ހުޅުފަޅައިގެން ގޮސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ މެމްބަރުންނަށް ރައީސް އިބޫ ފެކްޝަނުން ފިޔަވަޅު އަޅަން ފެށުމުން ނަޝީދު ފިޔަވައި ދެން ތިބި ހުރިހާ މެމްބަރުން ޕާޓީން މިއަދު އަމިއްލައަށް ވަކިވީ އެވެ.

ދެން އޮތީ ނަޝީދެވެ. އެމްޑީޕީގެ ސްލޮޓެއްގައި މަޖިލީހުގެ ރައީސްގެ މަގާމުގައި ފުރިހަމަ ބާރުވެރިކަމުގައި ނަޝީދު އަދި އެބަ ހުންނެވި އެވެ. އެކަމަކު މިހާރު މަންޒަރު ފެންނަ ގޮތަށް ބަލާއިރު ދެން ނަޝީދަށް ވެސް ފިޔަވަޅު އެޅުން ވަރަށް ގާތެވެ. އެމަނިކުފާނަށް ފިޔަވަޅު އަޅައިފިނަމަ އެކުވެރިޔާ ގެއްލި, ޕާޓީ ގެއްލި އަދި މަޖިލީހުގެ ރައީސްކަން ވެސް އަތުލާނެ އެވެ.

Ad
d

މިވަގުތު އެންމެންގެ ސަމާލުކަން ހުރީ ނަޝީދަށް ދެން ވާނެ ގޮތާ މެދު އެވެ.

މަޖިލީހުގެ ގޮނޑިތައް ބެހިފައި ހުރިގޮތުން ނަޝީދު މަގާމުން ދުރުކުރުމަކީ ރައީސް އިބޫ ފަޅިއަށް މެޓައެއް ހަފާލުންހާ ފަސޭހަ ކަމެކެވެ. އެމްޑީޕީ ތަމްސީލުކުރާ 66 މެމްބަރުން މަޖިލީހުގައި ތިބިއިރު ނަޝީދުގެ ފެކްޝަނަށް ތާއީދުކުރަނީ އެންމެ 14 މެމްބަރުންނެވެ. ރައީސް އިބޫ ފަޅީގައި ތިބި 50 އަށް ވުރެ ގިނަ މެމްބަރުންނާއި އެމަނިކުފާނަށް ތާއީދުކުރާ އެމްޑީއޭ ހިމަނައިގެން ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ދުރުކުރުމަކީ އެމްޑީޕީއަށް ފަސޭހަ ކަމެކެވެ. އަދި މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ގެއްލުމުގެ ބިރެއް ވެސް ނެތެވެ.

ޕީޕީއެމާއި ޕީއެންސީގައި ތިބި ހައެއްކަ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މަދު މެމްބަރުންނާއި އެމްއެންޕީގެ ތިން މެމްބަރުން ނިކުމެގެން ވެސް ނަޝީދު ސަލާމަތެއް ނުކުރެވޭނެ އެވެ. މަންޒިލް ރީތިކޮށް ފެންނަން އޮތްއިރު މިއޮތްހާ ދުވަހު އެމްޑީޕީ ފަހަތު ފަޔަށް ބަރުވެގެން އޮތީ ކީއްވެގެންކަމާ މެދު ރައީސް އިބޫގެ ސަޕޯޓަރުން އަބަދުވެސް ސުވާލު އުފައްދަ އެވެ.

މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާމަނިކު 2014 ވަނަ އަހަރު އެމްޑީޕީން ވަކިކުރީ މަޖިލީހުގައި ނެގި އެންމެ ވޯޓެއްގައި ޕާޓީގެ ވިޕްލައިނާ ހިލާފްވެގެންނެވެ. އޭރު އެމްޑީޕީއަށް މަޖިލީހުގެ އަގުލަބިއްޔަތެއް ނެތް ޒަމާނުގައި ފިޔަވަޅު އަޅަން ކެރުނުއިރު, އަމުދުން މިހާރު އެކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް އެ މީހުން ދެކެ އެވެ.

ރައީސް އިބޫ ފަޅީގެ މަޖިލިސް ބައެއް މެމްބަރުން މިކަމަށް ގޮވާލާތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަޝީދު ފެކްޝަންގެ މެމްބަރަކަށް ފުރަތަމަ ފަހަރަށް ފިޔަވަޅު އެޅީ އިދިކޮޅު ޕާޓީތަކާ ގުޅިގެން އެ ވާހަކަ ރައީސް އިބޫގެ ސަޕޯޓަރުން ދައްކާތާ އެތައް ދުވަހެއް ފަހުންނެވެ.

އޭގެ އެއް ސަބަބު ކަމުގައި ބެލެވެނީ ސިޔާސީ ހަތުރުންނަށް ވިޔަސް ނަޝީދާއި ރައީސް އިބޫއާ ދެމެދު އޮތް ޒަމާންވީ ގާތްކަމަށްޓަކައި ނަޝީދަށް ފިޔަވަޅު އަޅަން ރައީސަށް ކެރިވަޑައިނުގަތުމެވެ. އަނެއް ގޮތަކީ ސިޔާސީ ގޮތުން ސަރުކާރަށް ޕްރެޝަރުތައް އައިސްދާނެތީ އެވެ. ތިން ވަނަ ގޮތަކީ ނަޝީދަށް ވީތީ ކޮންމެ ކަމެއް ވެސް ވަރިހަމަވުމުގެ އުސޫލެވެ.

ގިނަ ދުވަސްތަކެއް ވަންދެން މަޑުން ތިބުމަށްފަހު އިބޫ ފެކްޝަނުން ފިޔަވަޅު އަޅަން ފެށީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމުގައި ނަޝީދު ފެކްޝަންގެ މެމްބަރުން ބައިވެރިވި ހިސާބުންނެވެ. އަދި ވަރަށް އަވަހަށް ރައީސް އިބޫގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދާނެކަން އިއުލާން ކުރި ހިސާބުންނެވެ. އެކަމަކު ރައީސް އިބޫ މަގާމުން ދުރުކުރަން މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައި އަގުލަބިއްޔަތު ބޭނުންވާނެތީ މިއީ ކުރެވޭނެ ކަމެއްކަން ގަބޫލެއް ނުކުރެވެ އެވެ.

Ad
df

އެމްޑީޕީ މިހާ ބޮޑަށް ދެބައިވި ޒަމާނެއް އެ ޕާޓީގެ ތާރީހު ނުދެކެ އެވެ. އެމްޑީޕީގެ ސަރުކާރެއް އޮވެ އަދި މަޖިލީހުގައި ބޮޑު އަގުލަބިއްޔަތެއް އޮއްވާ އިދިކޮޅު ޕާޓީތަކަށް ވުރެ އަމިއްލަ ޕާޓީ ތެރެއިން އެމްޑީޕީއަށް އަންނަ ހަމަލާތައް މާ ބޮޑެވެ. މިހާރު އޮތީ ތަޅާފޮޅުމާއި ކޯޅުން ބޮޑުވެ, ނަޝީދަށް ޕާޓީގެ އިތުރުން މަޖިލީހުގެ ރައީސްކަން ގެއްލޭ ހިސާބުގަ އެވެ.