ކުޅުދުއްފުށީގެ ތިން މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކޮށްފި

ކުޅުދުއްފުށީގެ މިސްކިތެއްގައި ސޯލާ ޕީވީ ހަރުކޮށްފައި، ފޮޓޯ: ސިޓީ ކައުންސިލް
ކުޅުދުއްފުށީގެ މިސްކިތެއްގައި ސޯލާ ޕީވީ ހަރުކޮށްފައި، ފޮޓޯ: ސިޓީ ކައުންސިލް

ކުޅުދުއްފުށީގެ ތިން މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކުރުމުގެ މަސައްކަތް ނިންމާލެވިފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި އެ ކައުންސިލްގެ ''ފިނިފެހި ސިޓީ'' ޕްރޮޖެކްޓްގެ ދަށން، އެ ސިޓީގެ މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން ތިން މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމާލެވިފައެވެ.

އެ މިސްކިތްތަކަކީ، މަސްޖިދުލް ފިރުދައުސް، މަސްޖިދުލް ހަސަނާތު އަދި މަސްޖިދުލް ޖަމާޢަތު އެވެ. މި މަޝްރޫގެ ދަށުން، މަސްޖިދުލް ހަސަނާތުގައި 25KW، މަސްޖިދުލް ޖަމާއަތުގައި 20KW އަދި މަސްޖިދުލް ފިރުދައުސްގައި 5KW ގެ ސޯލާ ހަކަތަ ނިޒާމު ޤާއިމުކޮށްފަވެއެވެ.

މި މަސައްކަތް ފުރިހަމަކުރެވުމާއެކު، މި ތިން މިސްކިތުގެ ކަރަންޓު ބިލް 0 ހެދި، ދާއިމީ ގޮތެއްގައި ދެ މިސްކިތުގައި އެއާކޯން ޖެއްސޭނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެފަވެއެވެ.

ސިޓީ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މި މަޝްރޫގެ ފުރަތަމަ ފިޔަވަހީގައި 4 މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކުރުމަށް ހަމަޖެހިފަވެއެވެ.

މި ތިން މިސްކިތުގެ މަސައްކަތް ނިންމާލެވުމާއިގުޅިގެން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވެފައި ވަނީ، މި މަޝްރޫއާއެކު ކައުންސިލްގެ ބަޖެޓުން ކަރަންޓަށް ކުރާ ހޭދަ ވަރަށް ބޮޑުތަނުން ކުޑަކުރެވިގެން ދާނެ ކަމަށެވެ. އަދި އެއަރކޯން ހަރުކޮށްފައިވާ މިސްކިތްތައް ދާއިމީގޮތެއްގައި ފިނިކުރެވޭނޭ ގޮތް ހަމަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ، ނިމިދިޔަ އޭޕްރީލް މަހު އެއަރކޯން ހަރުކޮށްފައިހުރި 3 މިސްކިތުގެ ކަރަންޓް ބިލަށް އެކަނި ވެސް ޖުމްލަ 101,368.24 ދިވެހި ރުފިޔާ ޚަރަދުވި ކަމަށެވެ. އަދި އެ މިސްކިތްތަކުގެ ކަރަންޓް ބިލުގެ ޖުމްލަ ވަކިވަކިން މޭޔަރު ވިދާޅުވި ދެއްވިއެވެ. އެއީ މަސްޖިދުލް ހަސަނާތުގެ ކަރަންޓް ބިލަށް 42718.14 ރުފިޔާ އާއި، މަސްޖިދުލް ޖަމާޢަތުގެ ކަރަންޓް ބިލަށް 33989.42 ރުފިޔާ އަދި މަސްޖިދުލް ނޫރުގެ ކަރަންޓް ބިލަށް 24660.68 ރުފިޔާއެވެ.

''ސިޓީ ކައުންސިލްގެ ފިނިފެހި ސިޓީ ޕްރޮޖެކްޓްގެ ތެރެއިން ހިންގަމުންދާ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މި މަޝްރޫއާއެކު ސިޓީ ކައުންސިލުން މުޅިންއަލަށް ތިމާވެއްޓާ ރައްޓެހި ފެހި ހަކަތަ ބޭނުންކުރަން ފެށިގެންދާނެ'' މޭޔަރު ވިދާޅުވެފަވެއެވެ.

އޭނާ ވިދާޅުވިގޮތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އަމާޒަކީ އެ ކައުންސިލްގެ ދަށުގައި ހުރި ގިނައިން ހަކަތަ ބޭނުންކުރާ ތަންތަން ކައުންސިލްގެ މިދައުރުގެތެރޭގައި އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި