ވިއްސާރަނުވެހި ގިނަދުވަސްތަކެއް ވުމާއި ގުޅިގެން އިހަވަންދޫގެ މަގުތަކުގައި ހިރަފުސް ބޯވެ މަގުތައް ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭތީ އެކަން ހައްލުކުރުމަށްޓަކައި އެ މަގުތަކަށް ފެންޖެހުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމަކީ އިހަވަންދޫ ކައުންސިލާއި އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބެއް ކަމަށްވާ ޕޯލް ސްޓާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން ކްލަބް ޕޯލްސްޓާގެ ރައީސް މުޙައްމަދު ސުޖާޢު ވިދާޅުވެފައި ވަނީ އިހަވަންދޫއަކީ ގިނަ އަދަދެއްގެ ވެހިކަލް ދުއްވާ ރަށަކަށް ވެފައި، ވިއްސާރަ ނުވެހި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އާންމުކޮށް ބޭނުންކުރާ ބޮޑެތި މަގުތަކުގައި ވަރަށް ބޮޑަށް ހިރަފުސް ބޯވެ މަގުތައް ބޭނުންކުރާ އެންމެހާ ފަރާތްތަކަށް އެކަމުގެ އުނދަގޫ ފޯރަމުން އަންނަ ކަމަށެވެ.
އެކަން ހައްލުކުރުމުގެ ގޮތުން މި މަހުގެ 29 އަދި 30 މި ދެ ދުވަހުގެ ރޭ ރަށުގެ ބޮޑެތި މަގުތަކަށް ކައުންސިލާއި ޕޯލްސްޓާ ގުޅިގެން ލޮނު ޖަހާފައިވާ ކަމަށެވެ.
ސުޖާޢު އިތުރަށް ވިދާޅުވެފައި ވަނީ ވިއްސާރަނުވެހި ދިގުލައިގެންދާނަމަ ކޮންމެ ތިންދުވަހަކުން އެއްފަހަރު އެ މަގުތަކަށް ފެންޖެހުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ
މަގުތަކަށް ފެންޖެހުމުގެ މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަނީ ކައުންސިލުގެ މުވައްޒަފުންނާއި ޕޯލްސްޓާގެ މެމްބަރުންނެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް އިރުވާ މޫސުމުގެ އެންމެ ހޫނު ގަދަ ދުވަސްވަރެވެ. ވިއްސާރަ ވެހުން މަދު ދުވަސްވަރަކަށް ވުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރަށްތަކަށް ހިރަފުހުގެ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!