ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ޖޭޕީ ދޫކޮށް ރައީސްގެ ފަހަތަށް އަރަން ފަށައިފިއެވެ.
އެ މެމްބަރުން ރައީސް ސާލިހަށް ތާއީދު ކުރައްވައި، ޖޭޕީން ވަކިވާން ފަށާފައި މިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން އެކަނި ވާދަކުރަން ނިންމައި، އެ ޕާޓީގެ ކެންޑިޑޭޓެއް ނެރެން ނިންމުމާއި ގުޅިގެންނެވެ.
އެގޮތުން މިހައިތަނަށް ޖޭޕީ އިން ވަކިވެ، ރައީސްއަށް ތާއީދު ކުރައްވަން ނިންމަވާފައިވަކަން ރަސްމީކޮށް އިއުލާންކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ސަމީރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ހިމެނެއެވެ. އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު ވެސް ހިމެނެއެވެ.
މީގެ އިތުރުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައިމިނަތު މުހައްމަދު ސަލީމް (ސޯނީ) ވެސް މިހާރުވަނީ ޖޭޕީ އިން ވަކިވެފައެވެ.
ހަމަމިއާއެކު ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވެސް ރައީސް ސާލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރެން ފަށާފައެވެ.
މައުސޫމަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރު ކަމުގައި މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އިސްބޭފުޅުން ތިއްބަވާ ސޯޝަލް މީޑިއާގެ ގްރޫޕްތަކުންނާއި، އާންމު މެމްބަރުން ހިމެނޭ ގުރޫޕްތަކުން ވެސް މައުސޫމް ވަނީ ނުކުންނަނާވަފައެވެ. އެހެންނަމަވެސް މައުސޫމް، ރައީސް ސާލިހަށް ތާއީދު ކުރައްވަން ނިންމެވިކަން ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!