" ތަންކޮޅަކަށް ފޭބިތަނާ ފައި އައްސިވާކަހަލަ ގޮތެއްވަނީ! އެހެންވެ ފައި އަޅަން ނުކެރިފަ މިހުރީ!"
އުޝާ އެހެން ބުނުމުން ޒައިން އޭނާގެ އަތް ދިއްކޮށްލިއެވެ. އަތުގައި ހިފައިގެން ފޭބޭތޯ ބެލުމަށެވެ. އުޝާ މަޑުމަޑުން ޒައިންގެ އަތުގައި ހިފާލީ ޖެހިލުންވެ ހުރެއެވެ. ނަދާ ރުޅި އަޔަސް އޭނާއަށް އިތުރު ގޮތެއް ނެތެވެ.
" ބަލައިގެން އަންނައްޗޭ! "
ޒައިން އެހެން ބުނުމަށްފަހު މަޑުމަޑުން ތިރިއަށް ފައިބަންފެށިއެވެ ދެމީހުން އައިސް ކާމޭޒުކައިރީ ހުއްޓުމާއެކު ނަދާ ކޮޅަށް ތެދުވިއެވެ. ނަދާގެ އެ ޢަމަލުން އުޝާގެ އިތުރުން ޒައިންއަށްވެސް ލިބުނީ ކުއްލި ސިހުކެވެ.
" އުޝާއަށް ކިހިނެއްވީ؟"
އުޝާއާ ޒައިން ހީކުރި ގޮތާ ޚިލާފަށް ނަދާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ. އޭރުވެސް ނަދާ ހުރީ އުޝާގެ މޫނަށް ބަލަހައްޓައިގެންނެވެ.
" ނޭނގެ ފާޑެއްގެ ގޮތެއްވެގެން...."
އުޝާ ގޮނޑި ދަމާލަމުން ބުނެލިއެވެ. އުޝާ އިށީނުމާއެކު ޒައިން ވާހަކަ ދައްކަން ފެށިއެވެ.
" ނަދާ އެބަހުރި ވަރަށް މީރުކޮށް ވައިޓްސޯސް ޕާސްތާ ހަދާފަ! ކާންވީނު"
" އުޝާ ޖެހޭނެ ރަނގަޅަށް ކާން! މިހާރު މާ ކުޑަކޮށް ކަނީ.. "
ޒައިން ވާހަކަ ދައްކާ ނިމުމާއެކު ފަހަތުން އައިސް ހުއްޓުނު އަމީރާވެސް ޒައިންއާ އެއްބައިވެލިއެވެ.
" މިހާރު ޖެހޭނެ ދެމީހުންނަށް ވާވަރަށް ކާން! މިހާރު ހޮޑެއްވެސް ނުލެވެއެއްނު! ބުނެބަލަ ކާހިތްވާ އެއްޗެއް! މަންމަ މިހުންނަނީ އުޝާ ނުކާތީ ވަރަށް ކަންބޮޑުވެފަ!"
އަމީރާ އުޝާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އޭރުވެސް އެމީހުންގެ ވާހަކަތައް އަޑުއަހަން ނަދާއިނެވެ.
" މިރޭ ސުޕެއް ބޯލާނީ! މާ ގިނައިން ކޭމަ ހޮޑުލަވަނީއޭ.." އަމީރާއާ ދިމާލަށް ބަލާލަމުން އުޝާ ބުނެލިއެވެ.
" އެންމެން އެކިޔަނީ ކާށޯ ކާށޯ! ހޮޑުލެވުނަސް އުޝާ ވާނެ ކާން!" މަލާމާތުގެ ރާގަކަށް ނަދާ ބުނެލިއެވެ. އޭރު އޭނާގެ ހިތުގައި ހަސަދައިގެ އަލިފާން ރޯވަމުންދެއެވެ. ނަދާ އެހެން ބުނުމުން އަމީރާ ފެށީ ހޭށެވެ.
" ކާށޭ ކިޔަސް ކާހިތް ނުވަންޏާ އަސްލު ނުކެވޭނެކަން މަންމައަށް އެނގެޔޭ! ޒައިންއަށް ބަނޑުބޮޑުއިރުގައިވެސް ބައްޕަ ހުންނާނީ ރުޅިގަދަވެފަ މަންމަ ނުކައިގެން..! އަދި ނަދާ ބަލިވެ އިންނަ ދުވަހަކުން ޒައިން އުޅޭނެ ގޮތެއްވެސް ނޭނގެއެއްނު..." އަމީރާ ބޭނުންވީ ނަދާ ހިތްހަަމަ ޖައްސާލާށެވެ.
" މަންމަ ބުނެބަލަ މަންމަގެ ފިރެހެންދަރި ގާތު މާމަ ދަރިއެއް ބޭނުންވާ ވާހަކަ! އަހަރެން މިހާރުވެސް ވަރަށް ބޭނުން ލޯބިލޯބި ކުއްޖެއް!"
ނަދާ އެހެން ބުނުމާއެކު އުޝާއާ ޒައިންއަށް އިސް އުފުލާލެވުނީ އެއްފަހަރާއެވެ.
" ތެދެކޭ ޒައިން! މިހާރު ދަރިން ހޯދާ ޢުމުރޭ ތީ! މަންމަ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޒައިންއަށް ބައްޕާއޭ ކިޔާ ގޮވާލާނެ ދަރިއެއް މިގޭތެރޭގައި އުޅޭ ދުވަސް.. "
އަމީރާ ހިނިތުންވެފައި އެހެން ބުނެލުމާއެކު ނަދާ ޒައިންއަށް ބަލާލަމުން ހީލިއެވެ.
" މާ ގިނަ ދުވަހެއް ނުވާނެ ތި ދުވަސް ދައްކަވާނެ! އިންޝާﷲ"
ޒައިން އެހެން ބުނެލީ އުޝާއަށް ބަލާލަމުންނެވެ. އުޝާއަށް ހިނިތުންވެލެވުނީ އޭނާގެ ބަނޑުގައި އަތްޖައްސާލަމުންނެވެ. ނަމަވެސް އެޖުމްލައިން އެންމެ ބޮޑަށް އުފާވީ އެއުއްމީދުގައި އިން ނަދާއެވެ.
****
" އަޅެ ހަމަ ތެދެއްތަ އޭރު ބުނީ؟ ޒައިން ބޭނުންތަ ބޭބީއެއް؟"
ކޮޓަރިއަށް ވަދެވުމާއެކު ނަދާ އަވަސް އަވަހަށް ބުނެލިއެވެ.އެއާއެކު ޒައިން ހޭންފެށިއެވެ.
" ދެން މަންމަ ދެރަކުރާކަށް ނުވާނެއެއްނު! އަހަރެން އަދި ރެޑީއެއް ނޫންކަން ނަދާއަށް އެނގެއެއްނު.."
" ދެން... ބޭބީއެއް ބޭނުން..." ޒައިންގެ ބުރަކަށީގައި ތަތްވެގަންނަމުން ނަދާ ބުނެލިއެވެ.
" ހޫމް.. ދެން އަހަރެން ވިސްނާނަން ތިކަމާ.." ނަދާ ކުރު ނުކުރުމުން ޒައިން އަވަސް އަވަހަށް ބުނެލިއެވެ. އެއާއެކު ޒައިންގެ ފޯން ރިންގްވާންފެށިއެވެ.
" އޯކޭ އެބަ ދަން.."
އެހެން ބުނުމަށްފަހު ޒައިން ދޮރާ ދިމާއަށް ހިނގައިގަތުުމުން ނަދާ އެހިއެވެ.
" އަނެއްކާ ދަނީ؟"
" ނުދަމޭ ބޭރަކަށް. މާނިޙް މިގެއަށް އައިސް ގުޅީމަ މިދަނީ"
ފަސްއެނބުރި ބަލާލަމުން އެހެން ބުނުމަށްފަހު ޒައިން ކޮޓަރިން ނިކުތެވެ. ސިޑިން ފޭބިއިރު މާނިޙްއާ އުޝާ ސޯފާގައި ތިއްބެވެ. ދެމީހުންވެސް ތިބީ ވަރަށް ބޮޑަށް ހެވިފައިކަމުން ކޮންމެވެސް ވާހަކައެއް ދެކެވިއްޖެކަން ޒައިންއަށް އެނގުނެވެ.
" ހާދަ ވަރަކަށް ހެވިފަ ތިތިބީ؟"
މާނިޙްގެ ކުރިމަތީގައި ހުރި ސޯފާ ގޮނޑީގައި އިށީންނަމުން ޒައިން ބުނެލިއެވެ. އެއާއެކު މާނިޙް ކަތި ނަޒަރަކުން އުޝާއަށް ބަލާލިތަންވެސް ޒައިންއަށް ފެނުނެވެ.
" މާނިޙް ދައްކާ ވާހަކައިން ހެވުނީ..." އުޝާ އެހެން ބުނުމުން ޒައިންއަށް އަނެއްކާވެސް މާނިޙްއާ ދިމާލަށް ބަލާލެވުނެވެ.
" ތެދެއް! ކީކޯ ކިޔައިގެން ތިއުޅެނީ އަނެއްކާ!" އެނގެން ބޭނުންވެފައި ހުރި ވަރުން ޒައިންއަށް އަހާލެވުނެވެ. އެއާއެކު މާނިޙްވެސް ބާރަށް ހޭންފެށިއެވެ.
" މަ ބުނީ އުޝާ ދެން މީހަކާ ނީންނާނަންހޭ! އުޝާ ބުނީ ކާކުހޯ ދެން އުޝާއާ އިންނާނީ.. ބޭބީއެއް އޮތީމަ އެއްވެސް މީހެއް ނީންނާނެއްނޫންހޯ! މަ ބުނެފިން ދެން ކާކުހޭ ބޭނުން ނުވާނީ ކޯސްޓްކިރުދަޅަކާއެކު ހިލޭ ބިއްލޫރި ތައްޓެއް! ދޮގެއްތަ މިބުނީ؟"
މާނިޙް އެހެން ބުނުމުން އަނެއްކާވެސް އުޝާ ހޭންފެށިއެވެ. ހެމުން ހެމުން އޭނާ މާނިޙްއަށް ބަލަމުންދާތީ ޒައިންއަށް އުނދަގޫވާންފެށިއެވެ. އެކަން ފޮރުވަން ގަދަކަމުން ކަހަލަ ގޮތަކަށް ޒައިންވެސް ހީލިއެވެ.
" މި މާނިޙް ކިޔާފާނެ ކޮންމެ ފަދަ އެއްޗެއްވެސް! އަނެއްކާ އެދަރިޔަށް ބިއްލޫރިތަށި ނުކިޔާތި!"
އުޝާއަށް ބަލާލަމުން ޒައިން އެހެން ބުނުމާއެކު އުޝާ މައިތިރިވިއެވެ.
" އޭ! ވަރަށް އަވަހަށް އެބަ ނިމޭ ދިހަބުރީގެ އިމާރާތެއް! އެތަން ލިބިފަ އެބައޮތް ވައިރުއަޅަން! އަދި އިތުރަށް މީހަކު ނަގައިގެން މަސައްކަތްފެށޭނީ.. ހިނގާބަލަ ކޮފީއަކަށް އަރަން އެވާހަކަ ދައްކާލަން."
މާނިޙް އެހެން ބުނުމާއެކު ޒައިންއަށް ބަލާލެވުނީ ފޯނަށެވެ. މިވަގުތު އޭނާ ބޭރަށް ދިޔައްޔާ ނަދާ ރުޅި އަންނާނެކަން އެނގޭތީ ހިތް ނުތަނަވަސްވިއެވެ. ނަމަވެސް މާނިޙްގެ އެދުމަށް ފުރަގަސްދެވޭކަށެއްވެސް ނެތެވެ.
" މިގަޑީގަތަ؟ މިރޭ ކިހިނެއްވާނެ؟ ކުޑަ ކަަމަކު ނަދާއަށް ހެލްޕެއްވާން އުޅެފަ މިއައީވެސް.." ޒައިން ބުންޏެވެ.
" އޯހް! އެހެންތަ؟ ޒައިންއަށް ނުދެވެންޏާ އުޝާ ހިނގާ މަށާއެކު ކޮފީއަކަށް ޖައްސާލަން! އަބަދު ގޭގަ ތި އިންނަނީ! މަށަކަށް ހިއެއްނުވެ މާލެ އައިފަހުން އުޝާ ބޭރަށް ދިޔަހެންނެއްވެސް.. ބަނޑުބޮޑުވީމަ ޖެހޭނެ ވަރަށް މައިންޑް ފްރެޝްކުރަން.. ހިތްހަމަ ޖައްސާލާ ، ޤުދުރަތީ ރީތި މަންޒަރުތައް ބަލާލާ ތާޒާ ވައި ޖައްސާލަންޖެހޭނެ! އުޅޭ ދާން.."
މާނިޙް އެހެން ބުނުމާއެކު އުޝާއަށް ބަލާލެވުނީ ޒައިންއަށެވެ. އޭރު ޒައިން އިނީ ނުދާށޭ ބުނާފަދަ ގޮތަކަށް އުޝާއަށް ބަލަހައްޓައިގެންނެވެ. އެހެންކަމުން އެކަމަށް އެއްބަސްވާކަށް އުޝާއަކަށް ނުކެރުނެވެ.
" ޒައިން! އާދެބާ!"
ކުއްލިއަކަށް އެންމެންނަށް ސިޑިއާ ދިމާލަށް ބަލާލެވުނީ ނަދާގެ އަޑަށެވެ. ނަދާ ފެނުމާއެކު އުޝާގެ ވިސްނުން ވަގުތުން ބަދަލުވިއެވެ.
" އަންނާނަން ކުޑަކޮށް ރެޑީވެލައިގެން... " އުޝާ އެހެން ބުނުމާއެކު ޒައިންއަށް ލިބުނީ ކުއްލި ސިހުމެކެވެ. ފަހަރެއްގައިވެސް އުޝާ މާނިޙްއާއެކު ހިނގައިދާނެކަމަކަށް ޒައިން ހިއެއް ނުކުރެއެވެ. ކަންބޮޑުވާފަދަ ބެލުމަކުން އޭނާއަށް އަދިވެސް ބެލެނީ އުޝާއަށެވެ.
" ދެން އާދެބަލަ! އަހަރެންގެ އަތުން ބިއްލޫރި ވާސް ތަޅައިގެން ގޮސްގެންނޭ! "
ތަންކޮޅެއް ބާރަށް ނަދާ އެހެން ބުނުމުން ޒައިން ތެދުވިއެވެ.
" އޯކޭ ބަޑީ! އަހަރެން މިދަނީ އިނގޭ ދެން އުޝާ އައީމަ..."
ޒައިންއާ އެކު އުޝާ ތެދުވުމުން މާނިޙް ބުނެލިއެވެ. ޒައިން އޯކޭއޭ ބުނެ އަވަހަށް ހިނގައިގަތެވެ. ފަހަތުން އުޝާވެސް ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ދާށެވެ.
****
ޒައިންއަށް އިރުއިރުކޮޅުން ގަޑިބެލެނީއެވެ. މާނިޙްއާއެކު އުޝާ ދިޔަފަހުން ގަޑިއެއްގެ އިރުވެއްޖެއެވެ. މިހާރު އިރުއޮއްސެނީއެވެ. އޭރު ޒައިންއާއެކު ސިޓިންގރޫމްގައި ނަދާވެސް އިނީ ޓީވީ ބަލާށެވެ.
" ކޮބާ މަންމަމެން؟" އާދައިގެ ގޮތަކަށް ނަދާ އަހާލިއެވެ.
" ބައްޕަޔާ ދެމީހުން ބާޒާރުކުރަން ނިކުތީ.." ޒައިން ޖަވާބު ދިނެވެ. ހަމަ އެއާއެކު ކުއްލިއަކަށް ސިޓިންގރޫމް ދޮރު ހުޅުވުނު އަޑު އިވި ދެމީހުންނަށްވެސް އެދިމާލަށް ބަލާލެވުނެވެ. އެތެރެއަށް ވަދެގެން އައި އުޝާއާ މާނިޙް ފެނި، އެންމެ ޝައުޤުވެރިކަން އުފެދުނީ ނަދާއެވެ. ކަނދުރާ ހިއްލައިގެން އޭނާ އެދިމާލަށް ބަލަން އިނެވެ. އުޝާގެ އަތުގައި ހުދުކުލައިގެ ފިނިފެންމަލެއް އޮތުމުން އެއްޗެއް ބުނަން ނޭނގިފައި ޒައިންއަށްވެސް އިނދެވުނީ ބަލާށެވެ.
" އޭ! މާނިޙް! އުޝާގޮވައިގެން ކޮންތާކަށްގޮސް ތިއައީ؟"
އުޝާ ގެއަށް ލައިފައި އަނބުރި ދާން ނިކުމެ ނިކުމެ ހުރި މާނިޙްއަށް މިފަހަރު ގޮވީ ނަދާއެވެ. އެމީހުން ފެނުމާއެކު ހެވި ދިލިފައި މާނިޙް ސޯފާއާ ދިމާލަށް މިސްރާބުޖެހިއެވެ. އޭރު އުޝާހުރީ ސިޑީގެ އެއްވަނަ ހަރުފަތުގައެވެ.
" މިއައީ ދުއްވާލާފަ ދޯ އުޝާ!"
މާނިޙް ފަހަތް ބަލާލަމުން އުޝާއަށް ދޯ އެއްލިއެވެ. އުޝާ ބޯޖަހާލީ މާނިޙްއަށް ހިނިތުންވެލަމުންނެވެ. އެއަށްފަހު އޭނާ ސިޑިން އަރައިގެންދިޔައެވެ.
" ވައިޓްރޯސްގެ މާނައަކީ ކޮބާތަ؟"
ނަދާ އަނެއްކާވެސް އަހާލިއެވެ. ރަކިވެފައި ހުރި ފާޑަކަށް މާނިޙް ހުރީ ހީލަހީލައެވެ.
" ނަދާދެން ތިވަރަށް ދިމާނުކޮށްބަލަ! ދޯ މާނިޙް" ހިނިއައިސް ހުރެ ޒައިން ވާހަކަ ދެއްކިއެވެ. ޙަޤީޤަތުގައި ޒައިންހުރީ ކަންތައްތައްވީގޮތް އެނގެން ބޭނުންވެފައެވެ.
" ވެދާނެދޯ ސާފު ތެދުވެރި ލޯބި ކަމަށްވެސް..."
ބާރު ހިނިގަނޑެއް ޖަހާލަމުން މާނިޙް ބުންޏެވެ. ހަމަ އެވަގުތެވެ. ދޮރުން އެތެރެއަށްވަތް އަމީރާއާ ފަހުމީއަށްވެސް އެއަޑު އިވުނެވެ.
" ކާކުތަ ސާފު ތެދުވެރި ލޯބި ވެގެން މިއުޅެނީ؟"
ކޮތަޅުތައް ހިފައިގެން ސޯފާއާ ދިމާލަށް ހިނގައިގަންނަމުން އަމީރާ ވާހަކަ ދެއްކީ މަޖާ ރާގަކަށެވެ. އޭނާގެ ފަހަތުން އައި ފަހުމީވެސް ހުރީ ކޮންމެވެސް ވަރަކަށް ހެވިފައެވެ.
" ދެން ކުދިވެރިން ދައްކާ ވާހަކަ އަޑުނާހަބަލަ އަމީ! " ފަހުމީ އެހެން ބުނުމާއެކު އެންމެން އެއްފަހަރާ ހޭންފެށިއެވެ.
" މިގޭތެރޭގަ މާފޮޅޭވަސް ދުވާތަ މަންމާ! މާނިޙް އެއައީ އުޝާ ގޮވައިގެން ބުރެއް ޖަހާލަން ގޮސް! އުޝާގެއަށް އައި އިރު ފޮޅުވި މާތަކުން މަލެއްވެސް އޮތް އަތުގަ! އެހެންވެ މީނަޔާ ދިމާކޮށްލަނީމި!"
ނަދާ ބޭނުންވީ، ތަންކޮޅެއް ރަނގަޅަށް އެވާހަކަ ދައްކާލާށެވެ. ކައްކާ ކައްކާ ވަރުބޮޑުކޮށްލާށެވެ. އެންމެން އުޝާއާހެދި އުޅޭތީ އެކަމާ ނަދާގެ ހިތުގައި ވަނީ މާކުރިންވެސް ހަސަދައާ ނަފްރަތު އުފެދިފައެވެ.
" ނާހަމަ ތެދެއްތަ؟ އަނެއްކާ މާނިޙް ކޮންކަހަލަ ޖާދޫއެއް ދައްކައިގެންތަ އެކޮއި ބޭރަށް ތި ގެންދިޔައީ؟ "
އަމީރާގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ.
" އޭ ދެން މަ ދަނީ! އެންމެން ހަމަ ދިމާކުރެޔޭ އެބަ...."
އަތުގައި އޮތް ފޯނުން ގަޑި ބަލާލުމަށްފަހު މާނިޙް ފަހަތަށް ފަހަތަށް ޖެހިލަމުން ބުނެލިއެވެ.
" ޒައިން މަ ގުޅާނަން އިނގޭ ފަހުން.. މިރޭ ވާނެ ކޮފީއަކަށް ދާން..."
އަތުގެ އިޝާރާތުން ގުޅާނެ ކަމަށް ބުނެ މާނިޙް ހިނގައިގަތެވެ. މާނިޙް ދިޔުމާއެކު އަމީރާ ސޯފާގައި އިށީނީ ވަރުބަލިކަމާއެކުއެވެ.
" އެއީ ވަރަށް ރަނގަޅު ކުއްޖެއް! އެދެކުދިން ގުޅޭނެ ނަމަ ކިހާ ރަނގަޅު!"
އަމީރާ އެހެން ބުނެދާނެތީ މާކުރިންވެސް ޒައިން އިނީ ހިތްބިރުގަނެފައެވެ. އުޝާގެ ދިރިއުޅުމާމެދު މަންމަ ވިސްނާވަރު ޒައިންއަށް އެނގެއެވެ.
" މާނިޙް ކަހަލަ މީހެއްގެ ފަރާތުން ހިއެއްނުވެ އުޝާއަށް އެކަހަލަ ހުށަހެޅުމެއް އަތުވެދާނެހެންނެއް! މިހެން މިބުނީ އުޝާއެ އިން ޙާލަތުން.. މާނިޙްއަކީ ކިޔަވައިގެން ހުރި ޤަދަރުވެރި މީހެއް.."
ވަރަށް ފުންކޮށް ވިސްނާލުމަށްފަހު ފަހުމީ ބުނެލިއެވެ. އޭރުވެސް އެއްޗެއް ނުބުނެ ޒައިން އިނެވެ.
" ބަލަ އަހަރެންގާތު ފަހުމީ އިންނަން އެހީ އަހަރެން ކޮންމޮޅެއް ވެގެންތަ؟ ހުރިހާވެސް އެއްޗަކީ ހިތޭ..."
ލާނެތްފާޑަކަށް އަމީރާ އެހެން ބުނުމުން ނަދާ ބާރުބާރަށް ހޭންފެށިއެވެ. ފަހުމީގާތަށްވެސް އެހާ ހިނިއައެވެ. ނަމަވެސް ޒައިންގެ މޫނުމަތިން ފެންނަނީ ފޫހިކަމުގެ އަސަރުތަކެވެ.
" ދަރިފުޅާ ހިނގާބަލަ މަންމައާއެކު މި އެއްޗެހިތައް ކަބަޑުތަކަށް އަޅައިދޭން.. ބަދިގެ ސާމާނު ގަނެގެން މިއައީ.."
ނަދާގާތު އަމީރާ އެހެން ބުނުމާއެކު ޒައިން ތެދުވީ މައްޗަށް ދާށެވެ. މަންމައާއެކު މިވަގުތު ނަދާ ބިޒީވާނެކަން އެނގޭތީ އޭނާގެ މިސްރާބު ހުރީ ސީދާ އުޝާގެ ކޮޓަރިއަށެވެ. ޓަކި ޖަހާލުމާއެކު އުޝާ ދޮރުހުޅުވިއެވެ.
" ކީއްކުރަން؟" ހާސްވެފައި އުޝާ ސުވާލުކުރިއެވެ. އެއާއެކު ޒައިން އަވަސް އަވަހަށް އެތެރެއަށް ދެމިގަތެވެ.
" ޒައިން.. މީހަކަށް ފެނިދާނެޔޭ.. ނިކުމޭ މިތަނުން.. އެންމެން އެއުޅެނީ ގޭގައޭ.." ކުރިއަށްވުރެ ބޮޑަށް އުޝާ ހާސްވެއްޖެއެވެ. ނަމަވެސް ޒައިން ހުރީ ނިކުންނަ ގޮތަކަށް ނޫނެވެ.
" އަހަރެން ހިއެއް ނުކުރަން މާނިޙްއާއެކު އުޝާ ގޮސްދާނެކަމަކަށް... " ޒައިން އެހެން ބުނެލީ ސީދާ އުޝާގެ ދެލޮލަށް ބަލަން ހުރެއެވެ.
" އަހަރެން ޤަބޫލުކުރަން މި ދަރިފުޅުގެ ސަބަބުން ޒައިން އަހަންނަށް މިހާރު ވަރަށް ކެއަރ ކުރާކަން.. ހަމަ އެގޮތަށް އަހަރެން ޤަބޫލުކުރާގޮތުގަ އަހަރެންގެ މިނިވަންކަމަކާ ޒައިންއަކަށް ދެނެއް ނުބެހެވޭނެ! އެހެރަފެންނަ ކޮޓަރީގައި އެހެން އަންހެނެއް ގޮވައިގެން އުޅޭއިރު މަގޭ ހިތަށް ކުރާނެ އަސަރު ޒައިންއަށް ނުވިސްނެނީތަ؟ އަހަރެންގެ ކުރިމަތީގައި އޭނާއަށް ޚިދުމަތްކޮށްދީ ހަދާއިރު އަހަރެން ދެރަވާނެވަރު ނޭނގެނީތަ؟ އެއްތަށިމަތީގައި ކައިބޮއި ހަދާ، އެއް ފުރާޅެއްގެ ދަށުގައި މިއުޅެނީ ހިތަށް ކުޅަދާނަވެގެންނެއް ނޫނޭ! އަހަރެން ހަމަ އެންމެ ފަހަރަކު ޒައިންގެ ރައްޓެއްސަކާއެކު ބޭރަށް ދިޔައީމަ އެކަން ކުށްވެރިކުރަން ތިއުޅެނީ؟ "
ބޭރަށް އަޑު އިވިދާނެތީ އުޝާ ވާހަކަ ދެއްކީ މަޑުންނެވެ. ނަމަވެސް އެހާމެ އަވަހަށެވެ. އޭނާގެ ވާހަކަ ނިމުމާއެކު އަވަސް ޚަރަކާތްތަކާއެކު ޒައިން އުޝާގެ ދެކޮނޑުގައި ހިފުމަށްފަހު އޭނާއާ ކައިރި ކޮށްލިއެވެ.
" އެއީ މާނިޙް ކޮން ހައިޞިއްޔަތަކުން ދިން ފިނިފެންމަލެއް؟ ކީއްކުރަން އެމަލުގަ ހިފީ؟ " އިސްއުފުލާ ޒައިންއަށް ބަލަހައްޓައިގެން ހުރި އުޝާގެ މޫނާ، މޫނު ގާތްކޮަށްލަމުން ޒައިން ބުންޏެވެ.
" އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް ޒައިންއަށް ކޮންކަމެއްތަ؟ "
ލޯމަރާލަމުން އުޝާ ބުނެލިއެވެ. އެއާއެކު ޒައިން އިތުރަށް އުޝާއާ ގާތްވެލިއެވެ.
" އަހަންނަށް އުނދަގޫވަނީ ކީއްވެކަމެއް ނޭނގިގެން މިއުޅެނީ...." ޒައިންގެ އަޑުވެސް މަޑުވެއްޖެއެވެ.
" ކީއްވެ؟ " އަސަރާއެކު އުޝާ އަހާލިއެވެ. އެއާއެކު އަނެއްކާވެސް ޒައިން އުޝާއާ ގާތްވެލިއެވެ. އެހިނދު ދެހަށިގަނޑުގެ ހޫނުކަން އެކަކު އަނެކަކަށް އިޙްސާސްކުރެވެން ފެށިއެވެ.
" ނޭނގެ! އުނދަގޫވަނީ.. ބޭނުމެއް ނޫން އުޝާ އެހެން މީހަކަށް ލިބޭކަށެއް..ބޭނުމެއް ނޫން އަހަރެންގެ ދަރިފުޅު އެހެން މީހަކަށް ބައްޕަ ކިޔާކަށެއް! "
ޒައިންއަށް ބޭއިޙްތިޔާރުގައި އުޝާގެ ގައިގައި ބައްދާލެވުނެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (20)
*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!