" ސަޕްރައީޒް!...."
ހެވިފައި އެތެރެއަށް ވަތް ނަދާފެނި ޒައިންއަށް ތެޅިގަނެވުނެވެ. އުޝާއަށްވެސް ކުއްލިއަކަށް ދުރަށް ޖެހިލެވުނެވެ. ނަދާގެ ފަހަތުން ހެވިފައި އަމީރާއާ ފަހުމީވެސްވަނީ ހެމުންނެވެ.
ޒައިންއާ އުޝާ އެހާ ގާތުން ފެނުމުން ނަދާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހެވިފައިވާ އޭނާގެ މޫނުމަތި ބަދަލްވެގެން ދިޔަގޮތް އުޝާއަށް ރަނގަޅަށް ފެނުނެވެ. ޒައިން އަވަސް އަވަހަށް އުޝާއާ ދުރަށް ޖެހިލަމުން ކޮޅަށް ތެދުވިއެވެ. ކުއްލިއަކަށް ނަދާ ފެނުމުން އޭނާއަށް ލިބުނީ ހައިރާންކަމެވެ. ހުއްޓުން އަރާފައި ހުރި ޒައިންގެ ކުރިމައްޗަށް އަރާ ނަދާ ވާހަކަ ދައްކަންފެށިއެވެ.
" ބީރައްޓެއްސަކާ ދިމާލަށް ބަލާ ގޮތަށް މަށާ ދިމާލަށް ބަލަން ތިހުރިއްޔޯ؟"
ދެބުމަ ހިއްލާލަމުން ނަދާ ބުނެލިއެވެ. އޭރުވެސް ގޮނޑީގައި އިން އުޝާ ކަރު ހިއްލައިގެން އެމީހުންނަށް ބަލަން އިނެވެ.
" މާ ބޮޑަށް ސަޕްރައިޒްވީ!"
ގަދަކަމުން ހީލަމުން ޒައިން ބުނެލިއެވެ.
" ނަދާ އަންނަކަން މަންމަމެންނަށްވެސް އެނގުނީ މިއަދު ހަމަ! ދަރިފުޅު އަވަހަށް ތާޒާ ވެލައިގެން އަންނަން ދާންވީނު! "
ނަދާގެ ބުރަކަށީގައި އަތް ޖައްސާލަމުން އަމީރާ ބުނެލިއެވެ. އެއާއެކު ޒައިން ތެޅިގަތެވެ.
" މާނިޙްވެސް އުޅެނީ މިގޭގަ! ނަދާ އަންނަކަން ކުރިން އެނގުނު ނަމައެއްނު! އޭނައަށް އަދި ތަނެއްވެސް ނުލިބޭ!"
އަމީރާގެ މޫނަށް ބަލާލަމުން ޒައިން ބުނެލިއެވެ.
" މާނިޙްއަށް އުޝާގެ ކޮޓަރީގައިވެސް އުޅެވިދާނެއެއްނު! އުޝާއަށް އޯކޭ ވާނެ ކޮންމެ މީހަކު އުޅުނަސް ދޯ އުޝާ؟"
މަލާމާތުގެ ރާގަކަށް ނަދާ އެހެން ބުނުމާއެކު އުޝާގެ މޫނުމަތި މިލާމޯޅިވިއެވެ. ހަމައެއާއެކު ހައިރާންވެފައި ޒައިންއަށްވެސް ބަލާލެވުނީ ނަދާގެ މޫނަށެވެ. އަމީރާއާ ފަހުމީވެސް ހުރީ ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރާފައެވެ. އެފަދަ ގޮތަކަށް ނަދާ، އުޝާއަށް ދިމާކޮށްފާނެކަމަކަށް އެކަކުވެސް ހިއެއް ނުކުރެއެވެ. ކުއްލިއަކަށް އުޝާ ތެދުވެއްޖެއެވެ. އޭރު އޭނާހުރީ ފެންކަޅިވެފައެވެ. އެންމެންގެ މޫނަށް ވަކިވަކިން ބަލާލުމަށްފަހު އުޝާ ހިނގައިގަތީ ސިޑިއާ ދިމާލަށެވެ.
" ނަދާ ދެން ތީ ކޮންކަމެއް؟ އެކަހަލަ އެއްޗެއް ބުނާކަށް ނުވާނެއެއްނު!"
އުޝާ ދިޔުމާއެކު ޒައިން ނުރުހުން ފާޅުކުރިއެވެ. ވަރުބަލިކަމާއެކު ނަދާ ގޮނޑީގައި އިށީންނަމުން ވާހަކަ ދައްކަން ފެށިއެވެ.
" ދެން މަޖަލަކަށް އެއްޗެއް ބުންޏަސް އެހާ ކަންދައްކަން ޖެހޭތަ؟"
" މަޖަލަށް ބުނަން ޖެހޭ އެއްޗެއްސާ ބުނަން ނުޖެހޭ އެއްޗެހި ނޭނގޭވަރުގެ ކުޑަކުއްޖެއްތަ ތީ؟"
ތަންކޮޅެއް ބާރަށް ޒައިން ބުންޏެވެ. އެއާއެކު އަމީރާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
" ދެން އެކަންތައް އެ ނިމުނީނު! ޒައިން ދެން މާނިޙްއާ ވާހަކަ ދައްކައިގެން ގޮތެއް ނިންމާ! "
އިތުރަށް މަޑުނުކޮށް އަމީރާ ކޮޓަރިއާ ދިމާލަށް ހިނގައިގަތުމުން ފަހުމީވެސް ފަހަތުން ދިޔައެވެ.
" މާނިޙްއަށް ގުޅާފަ ބުނޭ އެއްޗެހިތައް ބަލާ އަންނަން! އަހަރެން ވަރަށް ވަރުބަލި! ބޭނުން އަވަހަށް ފެންވަރައިގެން އޮށޯވެލަން.."
ނަދާ އެހެން ބުނުމުން ޒައިން އިތުރަށް ވީ ފޫއްސެވެ. އަތުގައި އޮތް ފޯނަށް ބަލާލަމުން އޭނާ ބުންޏެވެ.
" އަންގާވެސް ނުލާ އަންނައިރު ނަދާއަށް ހަމަ ރަނގަޅަށް އެނގޭނެ މާނިޙް އުޅޭކަން! ހަމަ ކުއްލިއަކަށް އޭނަ ގާތު ނިކުންނާށޭ ބުނަން ކެރޭނެތަ؟"
ޒައިން ކަންބޮޑުވުން ފާޅުކުރިއެވެ. ނަމަވެސް ނަދާ އެކަމާ އެއްވެސް ފަރުވާލެއް ނުބެހެއްޓިއެވެ.
" ދެން މަ ވީ އަލުން ލަންކާއަށް ދާންތަ؟ ނޫނީ މިގޭގަ ހުންނާނެ ތަނެއް ނެތިގެން ސިޓިންގރޫމްގަތަ މަ އޮންނަންވީ؟ އަޖައިބު!"
" އެހެންނެއް ނުބުނަމެއްނު! މަ މާނިޙްއާ ވާހަކަ ދައްކާނަން... ހިނގާ ރޫމަށް! އޭނަ ވީ އަދި ބޭރުގަ!"
ނަދާގެ ފޮށި ހިފައިގެން ޒައިން ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެވުމާއެކު ނަދާ އަވަސް އަވަހަށް ޒައިންގެ ބުރަކަށީގައި ތަތްވެގަތެވެ. ނަމަވެސް ޒައިންއަށް ހުރީ ނަދާ ފެނުމުން ވަރަށް ބޮޑަށް އުނދަގޫވެފައެވެ. ހީވާގޮތުން ނަދާ އައުމުން އޭނާ އެއްވެސް ވަރަކަށް އުފަލެއްވެސް ނުވެއެވެ.
" ބުނެބަލަ! އަހަރެން ފެނުމުން އުފާވިތަ؟"
ޒައިންގެ ކުރިމަތީގައި ހުއްޓެމުން ނަދާ އަހާލީ ނުހަނު ލޯބިންނެވެ. އޭރުވެސް ޒައިންގެ މޫނުމަތިން ފެންނަނީ ފޫހިކަމުގެ އަސަރުތަކެވެ.
" ދެން ނޭހިޔަސް އެނގެއެއްނު އުފާވާނެކަން!"
ޒައިން ދިން ޖަވާބު ނަދާއަކަށް ކަމަކު ނުދިޔައެވެ. އޭނާ ވަގުތުން ދުރަށް ޖެހުނެވެ. އަދި ޒައިންއަށް ފުރަގަސް ދެމުން ހަށަންބަދެލިއެވެ.
" އަހަރެން މިގެއަށް ވަތް ވަގުތު ފެނުނު މަންޒަރުންވެސް އަހަންނަށް އެނގުނު އަހަރެން ފެނުނީމަ ޒައިން އުފާނުވާކަން! ޒައިންގެ މޫނުމަތިންވެސް އެނގުނު ހާސްވިވަރު! "
ނަދާ އެހެން ބުނުމުން ޒައިން ނަދާގެ އެއް ކޮނޑުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ.
" މިހާރު ކީކޭ ކިޔަން ތިއުޅެނީ؟ ބުނަން ބޭނުންވާ އެތި ސާފުކޮށް ބުނެބަލަ!"
ޒައިންގެ އަޑު ހަރުކަށިވެގެން ދިޔައެވެ. ޖެހިލުންވި ނަމަވެސް ނަދާ ބޭނުންވީ އޭނާ ހިތަށް އެރިގޮތަށް ޒައިންއާ ދިމާލަށް ބުނެލާށެވެ.
" އުޝާއާ އެހާ ގާތުގަ އިންނަން ޖެހުނީ ކީއްވެ؟އާނ އާނ އަހަރެން ނެތީމަ ޓައިމްޕާސްކޮށްލަން ރަނގަޅުވާނީވެސް އެކަހަލަ އަންހެނެއް! "
" ނަދާ! "
ޒައިންއަށް ބުނެވުނީ ވަރަށްވެސް ބާރަށެވެ. އުޝާއާ ދިމާލަށް އެއްޗެހިކިޔާ އަޑު އަހަން ޒައިންއަށް ހަޤީޤަތުގައިވެސް ވަރަށް އުނދަގޫވިއެވެ.
" ލަންކާއެއް ނޫން، އެމެރިކާއަށް ދިޔަޔަސް ކަލޭ ނުވާނެ ރަނގަޅެއް! އަދި ބުންޏެއްނު ރަނގަޅުވާން ވެގެންނޭ ދިޔައީ! "
މަލާމާތުގެ ރާގަކަށް އެހެން ބުނުމަށްފަހު ޒައިން ނިކުންނަން ހިނގައިގަތެވެ.
***
އޮކްސިޖަން ރެސްޓޯރެންޓް ކައިރީގައި ސައިކަލް މަޑުކޮށްލުމަށްފަހު ޒައިން މާނިޙްއަށް ގުޅާލިއެވެ. އެތެރެއަށް ވަންނަން ބުނުމުން ޒައިން ފޯނު ޖީބަށް ލަމުން އެތަނަށް ވަނީ މާނިޙް ހޯދަމުންނެވެ.
" މަ ދެން ނިކުންނަންތާ ޖެހޭނީ! އެކަމާ ހާސްނުވޭ އަހަރެން އަންޑަސްޓޭންޑްވެޔޭ! ކުދިން ބަހައްޓާ ގެއެއް ހޯދަންވީ.. "
މާނިޙް ބުނެލިއެވެ.
" އެކަމަކު އޭރުން ތިންހާހެއްހާ ރުފިޔާ ދާނެދޯ!"
ޒައިން ކަންބޮޑުވުން ފާޅުކުރިއެވެ. އެއާއެކު މާނިޙް އެއްމިޔަކަނުން ހީލިއެވެ.
" އޭ އެބައޮތް ރަނގަޅުގޮތެއް! އުޝާ ވިހޭމަ އޭނަ ގާތު އިންނަން އަހަންވީދޯ! އޭރުން ތިގޭގަ މަށަށްވެސް އުޅެވޭނެ އެއްނު! ރީތިރީތި އަނތްބަކާ ލޯބިލޯބި ދަރިއެއްވެސް ލިބުނީނު!"
ހިނިގަނޑެއް ޖަހާލަމުން މާނިޙް ބުންޏެވެ. އޭނާގެ އެ ޖުމްލަތަކުން ޒައިންއަށް ވަރަށް ބޮޑަށް އުނދަގޫވެއްޖެއެވެ. ޒައިންގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. ހާސްވެ މީހާ ފިނިވެގެން ދިޔައެވެ.
" ކަޑަތަ މީތި؟ އެގޮތް ސަޅިއެއްނު! އަހަރެން ކުރިންވެސް ބުނީމެއްނު އުޝާއާ މަ ލައިކްވެޔޭ! ދެން ކަލޭ އެކަން ކުރަން އުޅުނީމަ ދޫކޮށްލީ އަސްލު.. އޭ ޒައިން ހިތްހަމަ ޖެހެންޏާ އިނގޭ މީތި ވޯރކް ކުރޭތޯވެސް ބެލޭނީ!"
" ތީ ހަމަ ސީރިއަސް އެއްޗެއްތަ؟ "
ޤަބޫލުކުރަން ދަތިވެގެން ޒައިން އެހިއެވެ. ކޮފީ ކޯވަރެއް ދަމާލަމުން މާނިޙް ބޯޖަހާލީ ދުރަށް ބަލާލަމުންނެވެ..
" ނޭނގެ ! ސީރިއަސް ވާންވީ ކަންނޭނގެ! އެގޮތް ރަނގަޅުހޭ މަމިއަހަނީ! އައިޑިއާއެއް ދީބަލަ! އޭރުންނެއްނު ޓްރައިއެއް ދެވޭނީވެސް.."
މާނިޙް ހުރީ ދޫކުރާ ގޮތަށް ނޫންކަން އެނގުމުން ޒައިންގެ ހިތްމަރުވާން އުޅުނު ކަހަލައެވެ. އޭނާ ބޭނުންވީ އަވަހަށް އެމައުޟޫ ބަދަލުކޮށްލާށެވެ.އެހެންކަމުން ޒައިން ބާރުބާރަށް ހޭންފެށިއެވެ.
" ހިއެއްނުވެ އޭނަ އޯކޭ ވާނެހެންނެއް! އޭ ތިއެއްނޫނޭ މަ ގެއަށް ދާއިރަށް ނޮޅާލާނެ! ކަލޭ މިރޭވެސް ނިދާނެ ތަނެއް ހޯދަންޖެހޭނެއެއްނު!"
" އާނ އެބުނާހެން! ދާންވީދޯ ދަބަސްގަނޑު ނަގަން! މަގޭ ކަޒިންއެއް އުޅޭނެ މާލޭގަ! އެގޭގަ ހުރެވޭތޯ ބަލާނީ! ދެން ޕްރޮޖެކްޓްތަކުގެ ލާރިގަނޑު ލިބުނީމައެއްނު ތަނެއް ނެގޭނީވެސް!"
ވެއިޓަރއަށް ހަނާ އަޅާލަމުން މާނިޙް ބުނެލިއެވެ.
***
ފެންތައްޓެއް ހިފައިގެން އުޝާ އިނީ ސޯފާގައި ޓީވީ ބަލާށެވެ.
" ތިހެން ދެފައި އެލުވާލައިގެން އިންނާތީއޭ ފައި އެހާ ބޮޑަށް ދުޅަވަނީ! މި ގޮނޑިއަށް ފައި ލައިގެން އިނދެބަލަ!"
ކުއްލިއަކަށް އުޝާ ސިއްސައިގެން ދިޔައީ ދާދި ގާތުން އިވުނު ޒައިންގެ އަޑަށެވެ. ޓީވީއަށް ގެއްލި ހުސްވެފައި އިނުމުން ޒައިން އައިކަންވެސް އޭނާއަކަށް ނޭނގުނެވެ. ގުދުވެލާފައި ޒައިން އުޝާގެ ދެފައިގައި ހިފާ ގޮނޑިއަށް ލައިދިނެވެ.
" ހާދަ ޚިދުމަތްތައް ރަނގަޅޭދޯ!"
ޒައިންއާ އުޝާ ސިހުނީ ނަދާގެ އަޑުންނެވެ.
" ތިމާގެ އަނބިމީހާއަށް ނުކޮށްދޭ ޚިދުމަތްތަކެއްވިއްޔަ މިހާރު މި ފެންނަމުންދަނީ!"
ސޯފާގައި އިށީނދެ އެއްފައި މައްޗަށް އަނެއްފައި ލަމުން ނަދާ ބުނެލީ ޒައިންއަށް ބަލާލަމުންނެވެ.
" މައްސަލައެއް ކަމަކަށް އަހަރެން ނުދެކެން.. ބަލިމީހުންނާ ގަދަ ފަދަ މީހުން ވަކިކުރަން އަހަންނަށް އެނގޭ!"
އެތަނުގައި އިނދެއްޖެނަަމަ ނަދާއާ ދެބަސްވާން ޖެހޭނެކަން އެނގުމުން ޒައިން އިތުރަށް މަޑެއް ނުކުރިއެވެ. ދިޔަގޮތަށް އެރީ މައްޗަށެވެ. ހަމަ އެހާ ބާރަށް އޭނާގެ ފަހަތުން ނަދާވެސް ދިޔައެވެ. އެމަންޒަރު ބަލަން ދެރަވެފައި އުޝާ އިނެވެ.
" މިފަހަރު ލަންކާއަށްގޮސް އައި ފަހުން އެކަމަނާ އުޅުއްވަނީ އެއް ދަރަޖަ މަތީގަ"
އިސްޖަހާލައިގެން އިން އުޝާ ސިހުނީ ފަހުމީގެ އަޑަށެވެ. ބައްޕަ އެކަހަލަ އެއްޗެއް ބުނެފާނެކަމަކަށް އުޝާހިއެއްވެސް ނުކުރެއެވެ.
" އަހަރެން އަޅައެއް ނުލަން.. ވަރަށް ދެރަވާ އެއްޗެހި ބުނެލާ!"
" އާނ ދަރިފުޅު ނޫން އެހެން ކުއްޖެއްނަމަ މިގޭތެރޭގަ މިހާރު ވަރަށް އަޑު ހުރީސް! ބައްޕަވެސް މި ހުންނަނީ ހައިރާންވެފަ ހަމަ! ނަޒީރަކީ ބައްޕަގެ ދުވަސްވީ އެކުވެރިއެއް ނޫންނަމަ މިހާރު ޒައިންގާތު ބުނެފީމުސް ވަކިވާށޭ! އެސޮރަކަށް އަޅައެއްލަނީއެއް ނޫން.. ބައްޕަ މި ހުންނަނީ އެއްޗެއް ނުބުނަންވެގެން.."
ހިތުގައި ހުރި އުދާސްތައް ފަހުމީއަށް ބޭރުކޮށްލެވުނެވެ.
" އަޅާނުލާ ބައްޕާ! އަދި ކޮންމެވެސް ދުވަހަކުން ނަދާއަށް ވިސްނޭނެ! " ފަހުމީ ހިތްހަމަ ޖައްސައިދިނުމަށްޓަކައި އުޝާ ބުނެލިއެވެ.
***
ޒައިން މަސައްކަތު ދިޔުމާއެކު ނަދާ އޭނާގެ މަންމައަށް ގުޅާލިއެވެ. އަދި އެނދުމައްޗަށް ވެއްޓިގަނެގެން އޮވެ ވާހަކަ ދައްކަން ފެށިއެވެ.
" މަންމަ ބުނީ ހަމަ ތެދެއް! އަހަރެން އައިއިރު ޒައިންއާ އުޝާ ވަރަށް ބޮޑަށް ރައްޓެހިވެފަ ތިބީ! ކުރީގަ ޒައިން ބަލާވެސް ނުލާނެ އުޝާއަށް. އެކަމަކު މިހާރު އެބަ ފެނޭ ތަފާތު މަންޒަރުތައް! "
" ރަންމެދަށް ބަލިވެ އިނދެގެން އެހެން މީހުންގެ ފިރިން ވާވައްދަން އެއުޅެނީ! އޭރުން ވިހެއީމަ ދަރިޔަށް ހަރަދު ކުރާނެ މީހުން ތިބޭނެ އެއްނު! އެކަހަލަ އަންހެނުން ވަރަށް މަކަރުވެރިވާނެ!"
ސާމިޔާ ބުނެލިއެވެ. މަންމަގެ އެ ޖުމްލަތަކުން ނަދާގެ ލޭ ކެކިގެން ދިޔައެވެ.
" ކުޅަދާނައެއްނޫން އެހެން ވާކަށް! ޒައިންއަށް ލާހިކެއްނޫން އެންމެ ބައިރުފިޔާއެއްވެސް ޚަރަދު ކުރާކަށް! އެއީ ޒައިންގެ މަންމަމެންގެ ޒިންމާއެއް. މަ ހިތަށް އަރާ އެއީ ދެން އެމީހުން ކީއްކުރަން ކުރި މޮޔަ ކަމެއްބާއޭ! އިތުރަށް ޚަރަދު ކުރުން ނޫން ކަމެއް ނުވާނެ!"
ނަދާ އެހެން ބުނުމާއެކު ސާމިޔާވެސް އިތުރުކޮށްލިއެވެ.
" އަމީރާމެން އެތިބެނީ އެކުއްޖާއާ ހެދި ގޮސް ހުސްވެފަ! ދަރިފުޅުދެން އެކަމާ ވިސްނާނެކަމެއްނެތް! މަންމަ މި ބުނާގޮތަށް ކަންތައްކުރޭ! މަގުފަހިކޮށް ނުދޭތި ޒައިންއާ އުޝާ އެއްތަންވާން! ޒައިންއާވެސް ޒުވާބު ނުކޮށް ލޯބިން އުޅޭ! އެހެން ނޫނީ ޒައިން ފޫހިވެދާނެ! "
ނަދާ ފޯން ބޭއްވީ މަންމަގެ ވާހަކަތައް ކަނުލާ އަޑުއެހުމަށްފަހުގައެވެ. ކުރިއަށް އޮތްތަނުގައި އޭނާ ކަންތައް ކުރަންވީގޮތްވެސް މަންމަ ކިޔައިދީފިއެވެ.
***
" މީރުތަ؟ އަހަރެން ހަމަ ޒައިންއަށް ޚާއްސަކޮށް މި ކެއްކީ! "
ވައިޓްސޯސް ޕާސްތާ ކާންއިން ޒައިންގެ ކުރިމަތީގައި އިނދެ ނަދާ ބުނެލިއެވެ. އެއާއެކު ޒައިން ހީލަމުން ބޯޖަހާލިއެވެ.
" ހަމައެކަނި ބޯތަ ޖަހާލަނީ؟ އަހަރެން ނޭހިޔަސް މީރޭ ބުނެލާނަަމަ އަހަރެންވެސް އުފްފާ..."
" އުޝާ؟"
ނަދާގެ ޖުމްލަ ނުނިމެނީސް ޒައިންގެ ލޮލުގައި އަޅައިގަތީ ސިޑިމަތީގައި ހުއްޓުން އަރާފައި ހުރި އުޝާއެވެ. ނަދާގެ ވާހަކަތަކަށް ސަމާލުކަން ދިނުމެއްނެތި ޒައިން ތެދުވެގެން ގޮސް ދުވެފައި ސިޑިން އެރިއެވެ. ނަދާއަށް އެދިމާލަށް ބަލަހައްޓައިގެން އިނދެވުނީ ރުޅިވެރި ލޮލަކުންނެވެ.
" ކިހިނެއްވެފަ ތިހުރީ؟"
" ތަންކޮޅަކަށް ފޭބިތަނާ ފައި އައްސިވާކަހަލަ ގޮތެއްވަނީ! އެހެންވެ ފައި އަޅަން ނުކެރިފަ މިހުރީ!"
އުޝާ އެހެން ބުނުމުން ޒައިން އޭނާގެ އަތް ދިއްކޮށްލިއެވެ. އަތުގައި ހިފައިގެން ފޭބޭތޯ ބެލުމަށެވެ. އުޝާ މަޑުމަޑުން ޒައިންގެ އަތުގައި ހިފާލީ ޖެހިލުންވެ ހުރެއެވެ. ނަދާ ރުޅި އަޔަސް އޭނާއަށް އިތުރު ގޮތެއް ނެތެވެ.
" ބަލައިގެން އަންނައްޗޭ! "
ޒައިން އެހެން ބުނުމަށްފަހު މަޑުމަޑުން ތިރިއަށް ފައިބަންފެށިއެވެ ދެމީހުން އައިސް ކާމޭޒުކައިރީ ހުއްޓުމާއެކު ނަދާ ކޮޅަށް ތެދުވިއެވެ.
( ނުނިމޭ)
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (19)
*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!