ކުރީގެ ޢަދަދާއިގުޅޭ،

" ނޭނގެ! އުނދަގޫވަނީ.. އުޝާ އެހެން މީހަކަށް ލިބޭކަށް ބޭނުމެއް ނޫން! އަހަރެންގެ ދަރިފުޅު އެހެން މީހަކަށް ބައްޕަ ކިޔާކަށްވެސް ބޭނުމެއް ނޫން!"

Ad
rt

ޒައިންއަށް ބޭއިޙްތިޔާރުގައި އުޝާގެ ގައިގައި ބައްދާލެވުނެވެ. އެހިނދު ވެރިވެގަތީ ހަމަހިމޭން ވަގުތުކޮޅެކެވެ. އެކަކު އަނެކަކުގެ ނޭވާގެ އަޑު ފިޔަވާ އިތުުރު އެއްވެސް އަޑެއް ނީވެއެވެ.

" އާހް! ..." ކުއްލިއަކަށް އުޝާއަށް ދުރަށް ޖެހިލެވުނީ ސިހިގެންނެވެ. ދެލޯބޮޑުކޮށްގެން ހުރެ ބަނޑުގައި ފިރުމާލަ ފިރުމާލަ އޭނާއަށް ހުރެވުނީ ކުރެވުނު އިޙްސާސަކުންނެވެ.

" ބޭބީ... ބޭބީ... ކިކެއް ޖަހާލައިފި! ފުރަތަމަ ފަހަރަށް! "

ވަރަށް އުނދަގުލުން އުޝާ ބުނެލިއެވެ. އެއާއެކު ކަންބޮޑުވެފައި ހުރި ޒައިންއަށްވެސް ލިބުނީ ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެކެވެ. އޭނާއަށް އުޝާގެ ބަނޑުގައި އަތްޖައްސާލެވުނެވެ.

" ބައްޕިކަން އެނގުނީ ކަންނޭނގެ ދޯ! "

ލޯތްބާއިއެކު ޒައިން އެހެން ބުނެލުމާއެކު ހެވިފައިހުރި އުޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

" ވެދާނެ ބައްޕަކަން އެނގުނީކަމަށް! އެކަމަކު މިދަރިފުޅަކަށް ނޭނގޭނެ ދޯ، ދުނިޔެއަށް އުފަން ވުމަށްފަހު، ބައްޕާއޭ ކިޔާ ގޮވާލާނެ މީހަކު ނުހުންނާނެކަމެއް! އަދި ބައްޕަ އުޅޭނީ ދަރިފުޅަށް ފިލައިގެން ކަމެއްވެސް ނޭނގޭނެދޯ! "

އުޝާ އެހެން ބުނުމުން ޒައިންވެސް ދެެރަވެއްޖެއެވެ.

" ޒައިން އަހަންނާ ކައިރިވާން މަސައްކަތް ނުކޮށްބަލަ! މިހާރު ތީ މީހެއްގެ ފިރިއެއް! ކޮންމެ ދުވަހަކު އަހަންނަކީ އެކަނިވެރިއެއްކަން އެކި ގޮތްގޮތުން އަހަންނަށް އިޙްސާސްކޮށް ނުދީބަލަ!"

އަނެއްކާވެސް އުޝާ ބުނެލިއެވެ. މިފަހަރު އޭނާގެ އަޑުގައި ހިތްހަމަ ނުޖެހުން އެކުލެވިގެންވާކަން ޒައިންއަށް ފާހަގަ ކުރެވުނެވެ.

" އަހަންނަކަށްވެސް ނޭނގެ މިވާގޮތެއް! ދުވަހެއް ދުވަހަކަށް އަހަންނަށް އުޝާ މުޙިއްމުވާން ފަށައިފި!" ލަސްލަހުން ޒައިން ބުންޏެވެ.

" ނޫން ޒައިން! ތިހެން ނުބުނޭ! އަހަރެން އެންމެ ޙާލުގައި ޖެހުނު ދުވަހު ޒައިންއަށް އަހަންނަކީ އެއްވެސް މީހަކަށް ނުވި! އަހަރެން ދުނިޔެއަށް ގިނަކޮށްލީ! އަހަރެން އެކަނިކޮށްލީ! އެވަރު ނުފުދިގެން އެހެން މީހަކާ ކައިވެނިކޮށް އަހަރެން ޒައިންގެ ޙަޔާތުން ބާކީ ކޮށްލީ!"

ހިތުގައި އާވެއާވެ ހުރި ހުރިހާ އުދާހެއް އުޝާ ބޭރުކޮށްލިއެވެ.

" ޕްލީޒް އުޝާ! އަހަންނަށް އަބަދު އަބަދު އަހަރެންގެ ކުށް ހަނދާންކޮށް ނުދީބަލަ! އަހަރެން އެކަމާ މިއަދު ވަރަށް ދެރަވަމޭ! އަހަންނަށް އެނގެޔޭ އަހަންނަށް ކަންތައްކުރެވުނީ ވަރަށް ގޯސްކޮށްކަން... އަހަރެން ކިހާވަރަކަށް މަޢާފަށް އެދެފިން! "

އަސަރާއެކު ޒައިން ބުންޏެވެ. އޭރުވެސް އުޝާ ހުރީ ސީދާ ޒައިންގެ ކުރިމަތީގައެވެ. ވާހަކަ ދައްކަން ބޭނުންވެފައެވެ.

" މަޢާފް؟ ކިތަންމެ ވަރަކަށްވެސް އެދެވިދާނެ! އަހަންނަށް މަޢާފް ކުރުމަކީ އުނދަގޫކަމެއްވެސް ނޫން! އެކަމަކު... ޒައިން މަޢާފަށް އެދުމަކުން ނޫނީ އަހަރެން މަޢާފް ކުރުމަކުން އަހަރެންގެ މި ޙާލަތަށް، މި އެކަނިވެރިކަމަށް ބަދަލެއް އަންނާނެތަ؟ މުޅި ޢުމުރަށް އަހަންނަށް ޙިމާޔަތްދޭނެ މީހަކު ވަކި އަންނާނެތަ؟"

އުޝާ ބުންޏެވެ. އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ޒައިން ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. އޭނާ ކުޑަކޮށް ފަހަތަށް ޖެހިލުމާއެކު އުޝާ އަނެއްކާވެސް ބުނެލިއެވެ.

" އަހަންނަށް ރަނގަޅީ ޒައިން އަހަރެންގެ އެއްވެސް ކަމަކަށް ބާރުނުފޯރުވިއްޔާ! އަދި އަހަންނަށް އެއްވެސް ކަމެއްގައި އެހީވެސް ނުވިއްޔާ! އެކަންކަމާ ނަދާ ރުޅި އަންނަކަންވެސް އަހަންނަށް އެނގޭ! "

އެންމެ ފަހު ބަހަކަށް އުޝާ އެހެން ބުނުމުން އިތުރަށް އެއްޗެއް ނުބުނެ ޒައިން ނިކުމެގެން ދިޔައެވެ. ޒައިން ދިޔުމާއެކު އުޝާ އަނެއްކާވެސް ބަނޑުގައި ފިރުމާލިއެވެ. އަދި އެނދުގައި އިށީނުމަށްފަހު ދާދި ދެންމެއަކު ދެއްކުނު ވާހަކަތަކާއިމެދު ވިސްނަން ފެށިއެވެ.

***

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުންދެއެވެ. އުޝާ މިހާރު އިނީ ވިހަން ކައިރިވެފައެވެ. އެކަމަށްޓަކައި އެންމެ ތައްޔާރުވަމުންދަނީ އަމީރާއެވެ. ފިހާރަތަކަށް ދާ ކޮންމެ ފަހަރަކު ބޭބީއަށް ކޮންމެވެސް އެއްޗެއް ގެނެއެވެ. މިއަދުވެސް އޭނާ އެއައީ ދަރިފުޅަށް ބޭނުންވާ ބައެއް ސާމާނު ގަނެގެންނެވެ.

" ކިހާ ލޯބި މި ޓީޝާޓްކޮޅުތައް! މަންމައަށް ހަމަ ރީތިވެގެން ގަނެލީ! "

ކޮތަޅު ހާވާލަމުން އަމީރާ އުޝާއަށް ދައްކާލީ އޭނާ ގަތް ސާމާނެވެ. ހެވިފައި އިނދެ އުޝާ އެ އެއްޗެހި ބަލަމުން ދިޔައެވެ.

" ހޫމް.. ވަރަށް މަޑުމަޑު ދޯ! ވަރަށް އަރާމްވާނެ މިއެއްޗެހި.."

ހެދުންކޮޅުތަކުގައި އަތްޖައްސާލަމުން އުޝާ ބުނެލިއެވެ. ހަމައެވަގުތެވެ. ދޮރު ހުޅުވާލާފައި ނަދާއާ ޒައިން އެތެރެއަށްވަނެވެ. އޭރު ނަދާ ހުރީ ޒައިންގެ އަތުގެ މުލައްދަނޑީގައި ހިފައިގެންނެވެ. އުޝާ ފެނުމާއެކު އޭނާ އިތުރަށް ޒައިންއާ ކައިރިވެލިއެވެ.

" އޯހް! ބޭބީ ޝޮޕިންއެއް ކޮށްގެންތަ ތިއުޅެނީ؟ "

އަމީރާއަށް ބަލާލަމުން ނަދާ ބުނެލިއެވެ. ޒައިން ބަލާލީ އުޝާއަށެވެ.

" އާނ ދެން މިކަންތައްތައް ކުރާކަށް ވަގުތެއްވެސް މިހާރަކު ނެތް! މިހާރުވެސް އެއިނީ ރިހިލަ ރިހިލާ! އަދިވެސް ބައެއް އެއްޗެހި ނުގަނެވޭ! "

ވަރުބަލިކަމާއެކު އިށީނދެލަމުން އަމީރާ ބުނެލިއެވެ. އެއާއެކު އުޝާ ހިނިތުންވެލަމުން ވާހަކަ ދައްކަން ފެށިއެވެ.

" މަންމާ! ތިވަރު ރަނގަޅޭ މިހާރު.. މާގިނަ އެއްޗެހިތަކެއް ގަންނާނެ ކަމެއް ނެތޭ! "

" ނޫނޭ! މަންމަ ނޫނީ ވަކި ކާކު ހުރީ ދަރިފުޅުގެ ބޭބީއަށް އެއްޗެހި ގަނެދޭން؟ މަންމަ ދެރަވަނީ އުޝާ މާގިނަ ކަންތައްތަކަށް ވިސްނާތީ!"

އަމީރާ އެހެން ބުނުމުން އުޝާ އިސްޖަހާލިއެވެ. އޭރުވެސް ނަދާ އާ ޒައިން އެތަނުގައި ތިއްބެވެ. ކުއްލިއަކަށް ދޮރުގައި ޓަކިޖަހާލި އަޑަށް ޒައިން ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަނީ މާނިޙްއެވެ. މާނިޙް ފެނުމާއެކު ޒައިންއަށް ކުޑަކޮށް އުނދަގޫވިއެވެ.

" ކުޑަމީހާގެ އެއްޗެހި ގަނެލީތަ؟ މިހާރު ހުރިހާ ކަމެއް ނިމުނީތަ އަމީރައްތާ!"

މޭޒުމައްޗަށް ނަގާފައިހުރި އެއްޗެހިތައް ފެނުމާއެކު މާނިޙްއަށްވެސް އަހާލެވުނީ އެކަމާ ބެހޭގޮތުންނެވެ.

" ނޫނޭ! އަހަންނަށް ފެންނަ ވަރަކުން އެއްޗެހި ގަންނަމުން މިދަނީ! އުޝާ ބޭނުމެއް ނުވެޔޭ އެއްވެސް އެއްޗެއް ގަންނަން ދާކަށް!" އަމީރާ ޖަވާބު ދެމުން އުޝާއަށް ބަލާލިއެވެ. އޭރުވެސް އޭނާ އިނީ އިސްޖަހާލައިގެން ދެރަވެފައެވެ. ފާޑަކަށް ހެވިފައި ހުރެ ނަދާ ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދާއިރު، ޒައިންއަށްވެސް ހުރެވުނީ ނެގިމަޑުވެފައެވެ.

" އެހެން ކަމަކު ނުދާނެއެއްނު! އުޅޭ ހަވީރު އެންމެން ދާން ބޭރަށް! ބޭބީގެ ޝޮޕިންއަށް.."

މާނިޙް ބޭނުންވީ އުޝާ ހިތްހަމަ ޖައްސައިދޭށެވެ.

" ހަވީރުން އަހަރެމެން މިއުޅެނީ ޕާރޓީއަކަށް ދާންވެގެން ދޯ ޒައިން؟. މާނިޙް ދާންވީނު އުޝާ ގޮވައިގެން! "

ނަދާ އިންކާރުކުރުމުގެ ގޮތުން ބުނެލީ މަލާމާތުގެ ރާގަކަށެވެ. މާނިޙްއަށް އުޝާގެ މޫނަށް ބަލާލެވުނީ އެކަމާމެދު އުޝާގެ އެއްވެސް އިޢުތިރާޟެއް އޮތްތޯއެވެ.

" ދެން ރަނގަޅުވާނެ އެއްޗެއް ނުގަތަސް! މަންމަ ގަނެފައި ހުރި އެއްޗެހި ހަމަ ރަނގަޅޭ!"

އުޝާ މަޑުމަޑުން ތެދުވަމުން ބުނެލިއެވެ.

" އަހަރެން ވަރަށް ދެރަވޭ އުޝާގެ ޙާލަތާމެދު! ތިކުއްޖާގެ ބައްޕައަށް ނޭނގެނީތަ ތިކަން! އުޝާ ނުބުނަންތަ؟"

ނަދާ އަބަދުވެސް ބަލަނީ އެންމެންގެ ތެރޭގައި އުޝާ ލަދުގަންނަވާލެވޭތޯއެވެ. ކަންތައްވީވެސް އެހެންނެވެ. ނަދާ އެހެން ބުނުމާއެކު އުޝާއަށް ބަލާލެވުނީ ޒައިންގެ މޫނަށެވެ.

" ކީއްކުރަން ބުނަންވީ؟ އެކަންތަކުގެ ވާހަކަ ދެން ދައްކާނެ ކަމެއް ނެތޭ! "

މިފަހަރު ވާހަކަ ދެެއްކީ އަމީރާއެވެ. އަމީރާ އެއްޗެއް ބުނުމުން ޚުދު ނަދާ ޖެހިލުންވިއެވެ. މޭޒުމަތީގައި ހުރި އެއްޗެހި އަވަސް ޚަރަކާތްތަކާއެކު ކޮތަޅަށް އަޅަމުން ދިޔަ ގޮތުން އޭނާ އެހުރީ ހިތްހަމަ ނުޖެހިފައިކަން އެންމެންނަށްވެސް އެނގުނެވެ.

" އަބަދު އަބަދު ތިކަހަލަ ވާހަކަ ދައްކާ އެއްޗެއް ނޫނޭ! އުޝާ މިގޭގަ އެއުޅެނީ ޙާލެއްގައެއް ނޫން! އަހަރެމެން އެންމެންވެސް މިތިބީނު! "

ފަހު ބަހަކަށް އެހެން ބުނުމަށްފަހު ކޮތަޅު ހިފައިގެން އަމީރާ ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. މިފަހަރު ލަދުގަތީ ނަދާއެވެ. މާނީހްއަށްވެސް ހުރެވުނީ އެއްޗެއް ބުނަން ނުކެރިފައެވެ. ޒައިންވެސް ހުރީ ފޫހި ފާޑަކަށް ނަދާއަށް ބަލާށެވެ.

" މީހަކު އެހާ ރުޅި އަންނަން ޖެހޭވަރުގެ އެއްޗެއް މަ މިތާ ބުނެފިންތަ؟ އަހަރެން އުޝާއާމެދު ހަމްދަރުދީވެގެން ބުނި އެއްޗެއް އެއީ! ޒައިންގެ މަންމަ އެހާ ރުޅި އަންނަން ޖެހުނު ސަބަބެއް އަހަންނަކަށް ނޭނގުނު! މީހަކު އުޝާ ރޭޕްކޮށްގެންތަ ބަނޑުބޮޑުވީ އެންމެންތައް އުޝާއާހެދި ހޭބަލިވެގެން މިއުޅެނީ؟ އުޝާއަށްވެސް އެނގިގެން ގަސްތުގައި ކުރިކަމެއްނޫންތަ ތީ؟ ހަމަ އަހަރެން އެއްޗެއް ބުނާއިރަށް ޒައިންގެ މަންމަ އަހަރެން އެބަވާލީ! "

ރުޅިއައިސް ރަތްވެގެން ނަދާ ބާރުބާރަށް ކިޔަމުންދިޔައެވެ. އޭރު ރުޅިއައިސްގެން އޭނާގެ ދެލޮލުން ފެން އާދެއެވެ.

" ނަދާ ހަމަޖެހިބަލަ ދެން! ބޭކާރު ވާހަކަ ގިނަ ނުކުރާށޭ މަ ބުނަނީ އެހެންވެގެން! ދައްކަން ނުޖެހޭ ވާހަކަ ދެއްކީމަ މަންމަވެސް ރުޅިއައީ!"

ޒައިންގެ އަޑުވެސް ބާރުވިއެވެ. ބޮލުގައި އަތް ޖައްސާލައިގެން އުޝާ އިނީ އިސްޖަހައިގެންނެވެ.

" ޒައިންއަށްވެސް ރަނގަޅުވާނީ މަންމަ ދައްކާ ވާހަކަ! ދެން އަހަރެން މީ ކާކުތަ؟"

އެހެން ބުނުމަށްފަހު ދުވަމުން ދުވަމުން ނަދާ ސިޑިއާދިމާލަށް ދިޔައެވެ. ނަދާ ދިޔުމާއެކު ޒައިން ފުން ނޭވާއެއް ދޫކޮށްލަމުން ކާމޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެލިއެވެ.

" ކަންތައްތައް މާ ގޯސްވަނީދޯ! އުޝާ މިކަންކަމާ ވިސްނާކަށް ނުވާނެ އަސްލު! "

މާނިޙް އިށީނީ ސީދާ އުޝާގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. އެއާއެކު އުޝާ މާނިޙްއަށް ބަލާލިއެވެ.

" ބައެއްގެ ދިރިއުޅުން ހަލާކުވުމަށްވުރެ ރަނގަޅުވާނީ އަހަރެންވެސް ގޮތެއް ހޯދައިގެން މިގެއިން ދިޔައްޔާ ކަންނޭނގެ! "

އުޝާ އެހެން ބުނުމާއެކު ޒައިންއަށް މަޑަކުން ނީންދެވުނެވެ.

" ކޮން ގޮތެއް؟ އުޝާއަށް އެންމެ ރައްކާތެރިކަން ލިބޭނީ މިގެއިން! މަންމަމެން އުޝާ ގެނައީ މިގެއިން ފޮނުވާލާކަށް ނޫނޭ! އެމީހުންނާމެދު އެއްފަހަރުވެސް ވިސްނާލަބަލަ! "

މާނިޙްގެ ކުރިމަތީގައި އެފަދަ ގޮތަކަށް އުޝާ ވާހަކަ ދެއްކުމުން ޒައިން ހުރީ ހިތްހަމަ ނުޖެހިފައެވެ. މާނިޙް އުޝާ ބޭނުންވެގެން އުޅޭކަން ޒައިންއަށް ހަމަ ރަނގަޅަށް އެނގެއެވެ. އެކަމަށް ހުރަސް އަޅަން ކުރެވުނުހާކަމެއް ކުރަން ޒައިން ބޭނުންވެއެވެ.

" އެކަމަކު އުޝާވެސް ދިރިއުޅުމެއް ފަށަން ޖެހޭނެއެއްނު! "

މާނިޙް ވިސްނާލަމުން ބުނެލިއެވެ. ހަމަ އެއާއެކު އުޝާ މަޑުމަޑުން ތެދުވިއެވެ. އޭނާގެ ދިރިއުޅުމާމެދު އެހެންމީހުން ގޮތްކިޔާކަށް އޭނާ ބޭނުމެއް ނޫނެވެ. ބޮޑު ބަނޑާއެކު މަޑުމަޑުން އޭނާ ހިނގައިގަތުމުން މާނިޙް ބުނެލިއެވެ.

" ދަނީތަ؟ "

" އާނ! އޮށޯވެލަން މިދަނީ! " އިތުރަށް މަޑުނުކޮށް އުޝާ ހިނގައިގަތެވެ. އުޝާ ދިޔުމާއެކު ޒައިންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

" މަށަށް ކުރެވުނު މޮޔަކަމެއް އެއީ! ހާދަ އުނދަގުލޭ ނަދާއާއެކު ދިރިއުޅެން.. ހާދަ އުނދަގުލޭ! "

ޒައިން ދެއަތުން އިސްތަށިގަނޑުގެ ތެރެއަށް އަތްކޮށްޕާލިއެވެ.

" ދޫކޮށްލަންވެސް ބޭނުން! އެކަމަކު... އެކަމަކު މަންމަމެންވެސް ލަދުގަންނާނެތީވެ އަދިވެސް މި ހިފަހައްޓަނީ! ނަދާގެ ބައްޕައަކީ މަ ބައްޕަގެ ބެސްޓްފްރެންޑް! ލޯބިވެގެން މަ ބޭނުންވެސް ވެގެން މެރީ ކުރީ! އެކަމަކު ކައިވެންޏަށްފަހު މުޅިން މަންޒަރު ބަދަލުވެއްޖެ! އޭނަ ކިތަންމެ ރީއްޗަސް ، އުޅުން ހަޑި ކަމުން ފޫހިވޭ މިހާރު"

ހިތުގައި ހުރި ހުރިހާ އުދާސްތަކެއް މާނިޙްއަށް އޭނާ އިއްވާލިއެވެ.

" އެހެންވެ ދޯ ކަލޭ އެހާ ފިކުރުބޮޑުވެގެން ތިއުޅެނީ؟ މަށަށް ހީވަނީ ނަދާވެސް އޯކޭވާނީ އުޝާ މިގެއިން ދިޔައީމަހެން.. މަ އިންނަން އަހައިފިއްޔާ އުޝާ އޯކޭ ވާނެބާ؟"

ޖެހިލުމެއްނެތި މާނިޙް އެހެން ބުނުމުން ޒައިންއަށް ލިބުނީ ސިހުމެވެ.

" އަސްލުވެސް ކަލޭ އެކަން ކުރަންވެގެންތަ ތި ވިސްނަނީ؟"

" އާނ! މަށަށް އަބަދުވެސް އޭނަ ވަރަށް ކަމުދޭ! ދެން ކަލޭ ސެޓުކޮށްގެން އުޅުނީ ނަމަކަށެއްނު! އުޝާވެސް އޭރު ސީރިއަސް ނުވާތީތާ އެހެން މީހަކާ އެ ރައްޓެހިވީ. މިބުނީ އޭނަ ޕްރެގްވީ.."

އުޝާއާމެދު އޭނާ ވަރަށް ވިސްނާފައިހުރިކަން ޒައިންއަށް އެނގުނެވެ.

" ކައެ ލޯބިވަނީތަ އުޝާދެކެ؟"

ޒައިންއަށް އަހާލެވުނީ އަވަސް އަވަހަށެވެ. އެއާއެކު މާނިޙް ލަދުގަންނަ ފަދަ ގޮތަކަށް ހިނިގަނޑެއް ޖަހާލިއެވެ.

" އެހެންވެގެންތާ އެހާވަރުން މިއުޅެނީ އެކަމާ! "

" އުޝާ އޯކޭއެއް ނުވާނެ! އޭނަ މަ ގާތު ބުނި ބޭބީގެ ބައްޕައަށް އޭނަ އިންތިޒާރުކުރާ ވާހަކަ! އަދި އެހެން މީހަކަށް ބައްޕަ ކިޔުއްވާކަށް ބޭނުމެއް ނޫނޯ! އެހެންވެ އޭނައެއް ނީންނާނެހެން ހީވަނީ!"

ޒައިން ބޭނުންވީ މާނިޙްގެ ވިސްނުން އެއްކޮށް ބަދަލުކޮށްލާށެވެ. އަދި އޭނާ އުޝާއާމެދު ކުރަމުންދާ އުއްމީދުތައް ނިމުމަކަށް ގެންނާށެވެ.

" އޯހް! އެހެންތަވަނީ؟ މަށަށް މިއުޅެނީ އުޝާގާތު އެވާހަކަ ދައްކަން ނުކެރިގެން! ކަން ތިހެން އޮތަސް، ޒައިން އުޝާގާތު އަހާލަބަލަ ނޭނގޭކަމަށް ހަދާފަ ވިޔަސް..."

މާނިޙް ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ.

" ހޫމް މަ އަހާފާނަން.. މާދަމާ އެކަމު.."

އެންމެ ފަހުން ޒައިން އެކަމަށް އެއްބަސްވިއެވެ.

***

" އަހަރެން ބުނެފަ އޮންނާނީ، ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިޔަޔަސް، ކޮންމެ އެއްޗެއް އޭނަ ބުންޏަސް އަމީރާ އޭނަޔާ ދިމާލަށް އެއްވެސް އެއްޗެއް ބުނެގެން ނުވާނެޔޭ! މަ ނުބުނަންތަ އެހެންނެއް؟ "

އަމީރާއަށް ފުރަގަސްދީގެން ހުރެ ފަހުމީ ވާހަކަ ދެއްކީ ހިތްހަމަނުޖެހިގެންނެވެ. ހެޑްބޯޑުގައި ލެނގިލައިގެން ދެފައި ދަމާލައިގެން އެނދުމަތީގައި އިން އަމީރާ އަދިވެސް އިނީ ވަރަށް ކަންބޮޑުވެފައެވެ.

" އަހަރެން ވަރަށް ކެތްކުރީމޭ އެއްޗެއް ނުބުނެވޭތޯ! އެކަމަކު ދެން އަބަދު އަބަދު އުޝާއަށް ދިމާކުރާތީ ބުނެވުނީ! އެކަން ހުއްޓުވަން ވެގެން ބުނީ!"

" ނަޒީރުގެ ދެމަފިރިންނަށް ތިކަން އެނގިއްޖެއްޔާ އަހަރެން އެމީހުންނަށް ދައްކާނީ ކޮން މޫނެއް؟ އެމީހުން ނަދާ ފޮނުވީވެސް އަހަރެމެންވީމަ ހަމަ.. އަހަރެން ވަރަށް ލަދުގަނެއްޖެ ތިކަމާ!"

ފަހުމީ އަދިވެސް ހުރީ ރުޅިއައިސްފައެވެ.

" ދެން އަހަރެން ނަދާ ގާތު މާދަމާ މަޢާފަށް އެދޭނަން.. "

އެހެން ބުނުމަށްފަހު އަމީރާ އެނދުގައި އޮށޯވެލިއެވެ. ހީވާގޮތުން ދެން އިތުރަށް އެމައުޟޫއަށް ވާހަކަ ދައްކަން އޭނާ ބޭނުން ނުވަނީއެވެ.

***

މާނިޙް ދިޔުމާއެކު ޒައިން ސިޑިން އެރީ ދުވެފައެވެ. ހިނގާދިޔަ ކަންތަކާ ބެހޭގޮތުން ނަދާއާ ވާހަކަ ދައްކާ، މަންމައާ ދެމީހުންގެ ގުޅުން ރަނގަޅުކުރަން މަސައްކަތްކުރަން އޭނާ ބޭނުންވެއެވެ. ދިޔަ ބާރުމިނުގައި ގޮސް ކޮޓަރި ދޮރު ހުޅުވާލިއިރު ނަދާ ފާޚާނާއިން ނިކުންނަނީއެވެ. އޭނާއަށް ބަލާލަުމުން ވަރަށް ވަރުބަލިވެފައިހުރިކަން އެނގެއެވެ.

" ހޮޑުލެވުނީ"

އަވަސް އަވަހަށް ނަދާ ބުނެލިއެވެ.

" ގޭސްވީތަ؟ "

އަވަސް އަވަހަށް ގޮސް ޒައިން ހުއްޓިލީ ނަދާގެ ކުރިމަތީގައެވެ. އެއާއެކު ނަދާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހިނިތުންވުން ފާޅުވިއެވެ.

" ވެދާނެއެއްނު ބަނޑުބޮޑީކަމަށްވެސް..."

ނަދާ އެހެން ބުނުމުން ޒައިން އެއްމިޔަކަނުން ހީލިއެވެ.

" ބޭސްކާއިރު ބަނޑުބޮޑެއް ނުވާނެ! ގޭސްވެގެން ތިއުޅެނީ ނަދާ ނުކާތީވެ"

ޒައިން އެނދުމަތީގައި އިށީންނަމުން ޖީބުން ފޯންނެގިއެވެ.

" އަހަރެން މިމަހު ބޭހެއް ނުކަމޭ! އަހަރެން ބޭނުންވަނީ ބޭބީއެއް! "

ނަދާ އެހެން ބުނުމާއެކު ޒައިން ސިހިފައި ނަދާއަށް ބަލާލިއެވެ. އަދި އޭނާއަށް ކޮޅަށްވެސް ތެދުވެވުނެވެ.

" އަހަންނަށް ހީވަނީ ބަނޑުބޮޑީހެން.. އަލެ ދޭބަލަ ކިޓެއް ގަނެގެން އަންނަން.. ޕްލީޒް.. އަހަރެންގެ ހިތް ވަރަށް ބާރަށް އެބަ ތެޅޭ!"

އަވަސް ހިތަކައިގެން ނަދާ އައިސް ޒައިންގެ މޭގައި ލެނގިލިއެވެ.

" ކީއްވެ ބޭސް ނުކެއީ؟ އަހަރެން ބުނީމެއްނު އަހަރެން އަދި ރެޑީއެއް ނޫނޭ"

ޒައިންއަށް ބުނެލެވުނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެންނެވެ. އެކަމާ ނުހަނު ހައިރާންވެގެން ނަދާއަށް ޒައިންއާ ދުރަށް ޖެހިލެވުނެވެ.

" ޒައިން އުފަލެއް ނުވޭތަ؟ އަހަރެމެން ދެމީހުންނަށް ކުއްޖަކު ލިބޭކަށް ޒައިން ބޭނުމެއް ނުވޭތަ؟ "

ދެއަތުން ޒައިންގެ މޫނުގައި ހިފަހައްޓާލަމުން ނަދާ ބުނެލީ ދެރަވެގެންނެވެ. ޒައިން ނަދާގެ އަތުގައި ހިފާ ތިރިކޮށްލަމުން ނަދާއަށް ފުރަގަސްދިނެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (21)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (21)

*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*

(ނިމުނީ)