ކުރީގެ ޢަދަދާއިގުޅޭ،

" އެހެންތަ؟ އޭޑީކޭގަތަ ވިހަނީ ؟ "ޝެރީން ސުވާލުކުރަން ފެށުމުން ޝާމިންއަށް އުނދަގޫވާންފެށިއެވެ. އާނއެކޭ ބުނަން މުނާ އަނގަ ހުޅުވާލުމާއެކު ޝާމިން ވާހަކަ ދައްކަންފެށިއެވެ.

Ad
rt

" ނޫން.. ނޭނގެ އަދި! " ރުންކުރު ގޮތަކަށް ޝާމިން އެހެން ބުނުމުން މުނާ ހިތްހަމައެއް ނުޖެހުނެވެ.

" ބޮޑަށް ހީވަނީ މިތަނުގައިހެން ވިހާނީ.. އަންނަން ވާނެ އިނގޭ! " މުނާ ބޭނުންވީ ޝެރީން އާއި ރަޙްމަތްތެރިކަން ބާއްވާށެވެ. އެހެނަސް އެކަން އެހެންވިޔަ ދޭކަށް ޝާމިން ބޭނުމެއް ނޫނެވެ.

" ޝާމިން އަހަންނަށް އަންގާލައްޗޭ! އޭރުންނެއްނު އަންނަން އެނގޭނީވެސް! މިހާރު މާލޭގަައިތަ އުޅެނީ ؟ " ޝެރީން ސުވާލުކޮށްލީ މުނާއާއެވެ. އެހެނަސް މުނާއަށްވުރެ ކުރިން ޝެރީންއަށް ޖަވާބުދިނީ ޝާމިންއެވެ.

" އަދި އުޅޭނެ ވަކި ތަނެއް ނުނިންމަން..މުނާ ދެން ހިނގާ ދާން. ނަންބަރު ވަރަށް ކައިރިވެއްޖޭ "

މުނާގެ އަތުގައި ހިފާލަމުން ޝާމިން ތެދުވިއެވެ. ޝާމިންގެ އެ ޢަމަލުން މުނާ ހުރީ ވަރަށް ބޮޑަށް ލަދުގަނެފައެވެ. ޝެރީން އެތަނުގައި ހުއްޓާ ޝާމިން އަވަސް އަަވަހަށް ކައުންޓަރާއިދިމާއަށް ހިނގައިގަތެވެ. އޭރުވެސް އޭނާ މުނާގެ އަތުން ދުލެއް ނުކުރެއެވެ.

" ޝާމިން.. ކީއްވެތަ އެހެން ތިހެދީ؟ އެއީ ޝާމިންގެ ފްރެންޑެއްނޫންތަ؟ އޭނަ ކިހާ ލަދުގަންނާނެ ތިހެން ހެދީމަ.." ހިތްހަމަ ނުޖެހިފައި ހުރެ މުނާ ކުދި ކިޔަމުންދިޔައެވެ.

" އޭނަ ކީކޭ ހިތަށް އަރާނީ.. އަހަންނަކަށް ނޭނގެ ޝާމިން ތިހާ ރޫޑް ވާންވީ ސަބަބެއް... "

މުނާގެ ބަނދިފަތި ހުއްޓޭ ގޮތް ނުވުމުން ޝާމިންގާތަށް ރުޅިއައެވެ.

"މުނާ ޕްލީޒް! ކޮންމެ ކޮންމެ މީހަކީ ގާތްކުރަން ޖެހޭނެ މީހެއް ނޫނޭ! ވަކި ހަމައެއްގަ ބަހައްޓަން ޖެހޭނީ! "

ޝާމިންގެ އަޑުގައި ހަރުކަށިކަން އެކުލެވިފައި ހުރުމުން މުނާ މައިތިރިވިއެވެ. އެހެނަސް އޭނާ އަދިވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ. އިރުއިރުކޮޅުން ޝެރީން ފެނޭތޯ ބަލަން ފަރާތް ފަރާތަށް މުނާއަށް ބަލަންވެސް ބެލެއެވެ.

" އަހަރެން ބޭނުން ޝާމިންގެ ފަރާތުން މަޢާފަށް އެދެން އޭނަ ގާތު.. "

" މަޢާފަށް އެދެން ޖެހޭވަރުގެ ކަމެއް މަ ކޮށްފިތަ؟ ތިހާވަރަށް މީހުންނަށް ހެޔޮއެދޭކަށް ނުވާނެ! "

ޝާމިންގެ ފަރާތުން ކުރި ނުލިބުމުން އެވާހަކަ ދެއްކުން މުނާ ހުއްޓާލިއެވެ.

މެންދުރުގެ އެންމެ ހޫނުގަދަ ވަގުތެވެ. ފައިހާ އުޅެނީ ބަދިގޭގައެވެ. ސޯފާގައި ރީހާން އިނީ ޓީވީ ބަލާށެވެ. އޭރު އާލް ފޮތެއް ހިފައިގެން އެއްޗެއް ކުރަހަން އުޅެއެވެ.

" ފައި! މަ ކީމެއްނު ޝާމިންއެއްގެ ވާހަކަ! އޭނަ ވައިފް ވިހަން އެޑްމިޓްކޮށްފި! ދާންވާނެދޯ! " ބާރުބާރަށް ރީހާން ގޮވާލިއެވެ. އޭރު ބަދިގޭގެ މަސައްކަތްތައް ނިންމާލުމަށްފަހު ފައިހާ އަންނަތަން ރީހާންއަށް ފެނުނެވެ.

" އާނ ކީއްވެ ނުދާންވީ؟ ރީހާންގެ އެކުވެރިންނަކީ އަހަރެންގެވެސް އެކުވެރިންނެއްނު!"

" ދޭ ފެންވަރައިގެން އަންނަން ކުކުޅުރިހައިން ފެންވަރައިގެންތަ ތިއައީ؟ ހާދަ ވަހެއް އެބަހުއްޓޭ! ދޭ ފެންވަރައިގެން އަންނަން!" ސޯފާމަތީގައި އޮތް ކުޝަން ނަގާ ނޭފަތްމަތީގައި އަޅަމުން ރީހާން ފައިހާއަށް ދިމާކޮށްލިއެވެ. އެއާއިއެކު އާލްވެސް ރީހާންއާ އެއްބައިވެލިއެވެ.

" ތެދެކޭ މަންމާ! ވަރަށް ނުބައިވަސް ދުވާ! "

" އޯކޭ އޭ އޯކޭ އޭ! އަދި އާލްވެސް ހުންނާނީ ޑެޑީ ބަޔަށް.. މަންމި މިދަނީ.. ދެން ނުވެސް އަންނާނަން! " ފައިހާ ބާރުބާރަށް ހިނގާފައި ކޮޓަރިއާއި ދިމާލަށް ދިޔައެވެ. އެވަގުތު އާލް ރީހާންގެ އުނގަށް އަރާ ރީހާންގެ ގައިގައި ބައްދާލިއެވެ. ރީހާންގެ އޯގާތެރިކަމުން އާލް މިހާރު ރީހާންދެކެ ވަރަށް ލޯބިވެއެވެ. ބައްޕައެއްގެ ލޯބި އެންމެ ބޭނުންވި ދުވަހު އޭގެ އެންމެ ފުރިހަމަ ދަރަޖައަށް މިހާރު ރީހާންގެ ފަރާތުން އާލްއަށް ލިބެމުންދެއެވެ.

މާދަމާ ފުރަންޖެހޭތީ ރީހާން ދިޔައީ ޝާމިންއާއި ބައްދަލްކޮށްލާށެވެ. އެތައް ދުވަހަކަށްފަހު ކޮފީމޭޒެއްދަށުން ދެމީހުން ބައްދަލްވުމުން އެކަކު އަނެކަކުގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ.

" ލައްކަ ގަނޑު ގަނެފިންދޯ އެދުވަސްތަކުގަ؟ "

ރީހާން، ޝާމިންއާ ދިމާކޮށްލިއެވެ. ކޯކްފުޅި މަތިކަނޑާލަމުން ޝާމިން ބޯހޫރާލަމުން ވާހަކަ ފެށިއެވެ.

" ނޫނޭ! މަށެއް ގަނޑެއް ނުގަންނަން! މަށަށް ހަމަ ނުވީ އެކަން! މުނާއަށް ދޯކާއެއް ދޭން ބޭނުން ނުވީ! ޝެރީންއަކީ ބަލާލަންވެސް އެހާ ރީތި، ދެން ވަރަށް މޮޅުވެސް ކުއްޖެއް! އެކަމަކުވެސް އަހަންނަށް މުނާގެ މަޤާމަށް އިތުރު އެއްވެސް މީހެއް ނުގެނެވޭނެ!"

ޝާމިންގެ ވާހަކަތައް އަޑުއަހަން އިނދެ ރީހާން ބޯޖަހާލީ ޝާމިންގެ ނިންމުމަށް އިޙްތިރާމްކުރުމުގެ ގޮތުންނެވެ. ހަމައެވަގުތު އިއްޔެ ހޮސްޕިޓަލްގައި ހިނގާދިޔަ ކަންތައްތައްވެސް ރީހާންއަށް އޭނާ ކިޔައިދިނެވެ.

" މަށަށް ހީވާ އެއްޗެއް ބުނަންތަ؟ އޭނަ ރާއްޖެ އެއައީ ސީދާ ޝާމިން ހޯދަން! އިއްތިފާޤުން ދެން އިއްޔެ ތި ބައްދަލްވީ.. މުނާ ގާތްކޮށްގެން އޭނަ އެއުޅެނީ ރީތި އެއްޗެއް ކުޅޭނަމޭ ހިތާ! "

ރީހާންގެ ވާހަކަތައް ޝާމިންވެސް ޤަބޫލުކުރެއެވެ.

" މަށަށް އެނގެޔޭ އެކަން! އަދި އިނގޭތަ މުނާ މީ އެއްވެސް ބޮލެއް ހުންނަ މީހެއްނޫން! އޭނަ ސިމްޕަތީ ވެއްޖެއްޔާ ދެން މަގޭ ދުވަސް އެދިޔައީ!" ޝާމިން ކޯކް ތަށިން ކޯވަރެއް ދަމާލިއެވެ.

" އާނ މީހަކު ބުނެފިއްޔާ ފިރިމީހާވެސް ދީފާނެ! އެހާވެސް މީހުންނަށް ހެޔޮވާން އުޅޭނީ."

ސަމާސާއަކަށް ހަދާފައި ޝާމިން ބުނެލިއެވެ. ބޯޖަހާލަ ޖަހާލާ ރީހާން އިނީ އުފާވެރި މޫޑެއްގައެވެ.

" އަހަރެން ދެން ވިސްނަނީ ވިހައިގެން ރަށަށް ބަދަލުވާން! މަންމަގެ ގެވެސް ކުއްޔަށް ދޫކޮށްލާނީ! އޭރުން މަށާ ކޮއްކޮއަށްވެސް ލާރި ލިބޭނެތާ! "

ޝާމިންގެ ހިޔާލުހުރިގޮތް ރީހާންއާ އޭނާ ހިއްސާކުރިއެވެ.

" މަށަކަށް ނުފެނޭ ތިހެން ހަދާކަށް! ކޮންމެ ގޮތެއްވިޔަސް ދަރިން ލިބުނީމަ ދެން އުޅެންވާނީ ޞިއްޙީ ޚިދުމަތް އަވަހަށް ލިބޭ ތަނެއްގަ! ދަރިން ގޮވައިގެން އެއްތަނުން އަނެއްތަނަށް ދުވަންވީމަ ހާދަ ކަންބޮޑުވާ މީހުން އުޅެޔޭ! އަނެއްކޮޅުން ޝާމިން އަދި ކިޔަވަންވެސް ޖެހޭނެއެއްނު! "

ރީހާންއަކީ އަބަދުވެސް ޝާމިންގެ ދެކެމުން އަންނަ ހުވަފެންތަކުގައި ކުލަޖައްސައިދިނުމަށް އެހީތެރިކަންދޭ ހަމައެކަނި އެކުވެރިޔާއެވެ. އޭނާ އަބަދުވެސް ޝާމިންއަށް އެކަން ކާމިޔާބުކުރުމަށް ހިތްވަރުދެއެވެ.

" މުނާވެސް އަސްލު ބޭނުންވަނީ މާލޭގަ އުޅެން! އޯކޭ ދެން ބޭބީ ލިބުނީމަ ތިކަމާ ވިސްނާނަން! ޝެރީންގެ ވާހަކަތައްވެސް އަހަރެން މުނާއަށް ކިޔައިދޭނަން. އެކަމު ދެން ވިހާ ގަދަވީމަ."

" އާނ އެވާހަކަ ދައްކާނެ ކަމެއްނެތް މިހާރަކުއެއް! ހަމަޖެހިލާފަ ރަނގަޅު ވަގުތެއްގައި ކިޔައިދީ! "

ތަފާތު ވާހަކަތަކުގައި ރީހާން އާއި ޝާމިން ވަގުތު ގުނަމުން ދިޔައެވެ.

" އަހަންނަށް އޭނަ ފެނިއްޖެ! އޭނަ ހުރީވެސް މާލޭގަ!"

ޝެރީން ދެރަވެލާފައި ވާހަކަ ދެއްކީ ލަތީފްއާއެވެ. އޭރު ލަތީފް އުޅެނީ އޮފީސް މަސައްކަތެއްގައި އަވަދިނެތިއެވެ. އެހެންކަމުން ޝެރީންގެ ވާހަކަތަކަށް އޭނާއަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ.

" އަންކަލް! އަޑުއަހާބަލަ! ޝާމިން އެބައުޅެޔޭ މާލޭގަ! އަހަރެން ކިހިނެއްތަ ހަދަންވީ ؟ "

ޝެރީން ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ.

" އޭނަ ހުރީ ވައިފް ގޮވައިގެން އޭޑީކޭގަ! އަހަރެން ފެނުނީމަވެސް ޝާމިންގެ މޫނުމަތިން ނަފްރަތު ނޫން އިތުރު އެއްޗެއް އަހަންނަކަށް ނުފެނުނު! އަންކަލް! އޭނަ ކީއްވެތަ އަހަރެން ދެކެ އެހާ ފޫހިވަނީ؟ އަހަރެން ހުތުރީތަ؟"

ޝެރީން އެހެން ބުނުމުން ކުރަން ހުރި މަސައްކަތްތައް ހުއްޓާލުމަށްފަހު ލަތީފް ބަލާލިއެވެ.

" ދަރިފުޅާ! މާ އަވަހަށޭ ތި ކަންބޮޑުވަނީ. ތިހެން އުޅެގެން ކަންތައްތަކެއް ކާމިޔާބެއް ނުވާނެ! ޝެރީން ފުރަތަމަ ދަސްކުރަންވީ ކެތްތެރިވާން! ބޮޑެތި ކަންތައްތައްވާނީ ލަހުން.. އެއީ ކުއްލިއަކަށް އަވަސް އަވަހަށް ނިންމާލެވޭ ކަންކަމެއް ނޫނޭ! އަދިވެސް ވަރަށް ވަގުތު ނަގާނެ! "

އޭނާ ބޭނުންވީ ޝެރީންއަށް ވިސްނައިދޭށެވެ. އެހެނަސް ޝެރީންއަށް ވިސްނުނީ މުޅިން ގޯސްކޮށެވެ.

" އަންކަލްވެސް ބޭނުމެއްނޫންދޯ އަހަންނަށް ޝާމިން ލިބޭކަށް! އަންކަލްގެ ވާހަކަވެސް މިހާރު ބަދަލުވެއްޖެހެން ހީވަނީ.."

ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޝެރީން އިށީނދެލިއެވެ.

" ނޫން! ތިހެން ނުވިސްނާ! ދަރިފުޅަށް އެނގޭތަ ؟ އަހަރެމެންނަށް މިކުޅެވެނީ ބައެއްގެ ދިރިއުޅުމާއޭ! އެހެންވީމަ އަދި ޓައިމް ބޭނުންވާނެ ! އަވަސް އަރުވާލައިގެން އުޅެން ހަދައިގެން ތިމާއަށް ލިބޭނީ ކޮޅުކެހި! އަންކަލް ބުނަމެއްނު އަބަދުވެސް ކަންތައްތައް ނިންމަން ސިކުނޑި ބޭނުން ކުރާށޭ! ހިތުން ނުވިސްނާށޭ! ހިތުން ވިސްނީމައޭ ގޯސްހެދެނީ.."

ކުޑަކުއްޖަކު ފަދައިން އަޑުއަހަން އިނދެ ޝެރީން އިސްޖަހާލިއެވެ. ޝެރީންގެ ގޮތް އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ލަތީފެވެ. އަމިއްލަ ދަރިޔަކު ނެތުމުން ލަތީފް ދެކެނީ ޝެރީން އަކީ އޭނާގެ ދަރިއެއްފަދަ ކުއްޖެއްގެ ގޮތުގައެވެ. އޭނާ އިންތިހާއަށް ޝެރީންދެކެ ލޯބިވެއެވެ.

ރީހާންގެ ފޮއްޓަށް އެއްޗެހި އެޅުމަށްފަހު ފައިހާ އޮށޯވެލީ ފޯން ބަލަން އޮތް ރީހާން ގާތުގައެވެ.

" ކޮބާ؟ އާލް ނިދީތަ؟ " ފައިހާއަށް ބަލާލަމުން ރީހާން އެހެން ބުނުމާއެކު ފައިހާ ބޯ ޖަހާލިއެވެ.

" މިއައީ ދެންމެ ބަލާލާފަ! ނިދިފަ އޮތީ! ރީހާންގެ މަންމަވެސް އެބައޮތް އެކޮޓަރީގަ ޓީވީ ބަލަން! "

އާލްއަށް ރީހާން ތައްޔާރުކޮށްދިން " ކިޑްސްރޫމް " އަކީ ވަރަށް ރީތި ކޮޓަރިއެކެވެ. ނޫކުލައިން ޒީނަތްތެރިިކޮށްފައިވާ އެކޮޓަރީގައި އާލް ބޭނުންވާފަދަ ބައިވަރު ކުޅޭއެއްޗެހިވެސް ބަހައްޓާފައި ހުރެއެވެ. އާލްގެ އުފަލަކީ ފައިހާގެވެސް އުފާކަން ރީހާންއަށް އެނގެއެވެ. އެހެންކަމުން ފައިހާގެ ލޯތްބަށްޓަކައި އޭނާ އާލްއާއިމެދުގައިވެސް ނުހަނު އޯގާތެރިކޮށްހިތައެވެ.

" އެހެންތަ؟ ފައި އަހަރެން ފުރާތީ ދެރަވަނީދޯ! މިއަދުވެސް އަހަންނަށް ހީވިއޭ ފައި ވަރަށް ދެރަވެފަ ހުންނަހެން! "

ބާލީސް ދަށަށް ފޯނު ލުމަށްފަހު ރީހާން ފައިހާގެ ގައިގައި ބައްދާލިއެވެ.

" ހޫމް.. ވަރަށް ދެރަވޭ! ވަރަށް އުނދަގޫވެސް ވޭ ރީހާން ދާތީވެ! ބޭނުންވަނީ އަބަދުވެސް ރީހާން ހުންނަން އަހަރެންގާތު "

ފައިހާ ރީހާންގެ އަތުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.

" ކާކުތަ ބޭނުން ނުވާނީ އެކުގަ އުޅެން؟ އަދި އިރާދަކުރެއްވިއްޔާ އާދެވޭނެ! ދެރަނުވޭ! ހަދިޔާއެއް ދީފަތަ ދާންވީ؟ "

ރީހާން ފައިހާގެ ކޮލުގައި މޫނުޖައްސާލުމާއެކު ފައިހާ ހީލިއެވެ.

" ނޫން ނޫން.. ރީހާންއަށް މާލެ އާދެވުނު ދުވަހަކުން ބޭނުންވަނީ.. "

" ހާދަ ސީރިއަސްވީ.. ޝާމިންގެ ވައިފް ވަރަށް ދުވަސް ވަންދެން އުޅުން ދުރުގަ ޕްރެގް އިރުގައިވެސް.. އެކަމަކު އަހަރެން ބޭނުމެއްނޫން ފައިހާ އެގޮތަށް އުޅޭކަށް.. "

ރީހާން އަނެއްކާވެސް ފައިހާއާއި ގާތަށް ޖެހިލަމުން ވާހަކަދެއްކިއެވެ.

" އެމީހުން މިހާރު މާލެ އައިވާހަކަ ބުނީމެއްނު! އަހަންނާ މީޓްވެސް ކޮށްނުދީ ފުރައިގެން ތިދަނީ.."

ފައިހާ އެޝަކުވާ ކުރާނެކަން ރީހާންއަށް އެނގެއެވެ. މުނާ ބަލިވެއުޅޭކަމުގައި ބުނެ ރީހާން ފައިހާ ހަމަޖައްސާލިއެވެ.

އޭޑީކޭގެ ޕްރައިވެޓް ރޫމަށް މުނާ ބަދަލުކުރުމާއެކު ދަރިފުޅުވެސް ގެނެއްސިއެވެ. ނިދާލާފައިއޮތް ދަރިފުޅަށް ބަލަން ހުރެ ޝާމިން މުނާއަށް ބުނެލިއެވެ.

" މާޝާﷲ މިއޮތީ ހަމަ މަންމި! ހަމަ ތިހާ ލޯބި ! "

ދަރިފުޅުގެ އަތުގެ އިނގިލިތަކުގައި އަތް ޖައްސާލަމުން ޝާމިން މުނާއަށް ބަލައިލިއެވެ. ވެފައިވާ ވަރުބަލިކަމުން އޭރުވެސް މުނާއަށް އޮތީ ނިދިނިދިއެވެ.

" ލޯބި އަވަހަށް ނިދޭތޯ ބަލާލާ! އަހަރެން އިންނާނަން ބޭބީ ގާތު! ސޮފާ ވެއްޖެ ބޭރަށް ނިކުމެ ބޭހެއް ގަންނަން! "

މުނާގެ ބޮލުގައި ޝާމިން ފިރުމާލުމާއެކު އޭނާގެ ދެލޯ މެރިއްޖެއެވެ.

" އަައްސަލާމްޢަލައިކުމް..."

ރޫމް ދޮރު ހުޅުވާލާފައި ސަލާމްގޮވާލިއަޑަށް ޝާމިން ބަލައިލިއެވެ. ބޮޑު މާބޮނޑިއެއް ހިފައިގެން އައިސް ހުރި ޝެރީން ފެނުމުން ސިހިފައި ޝާމިން ބަލާލީ ނިދިފައިއޮތް މުނާއާއި ދިމާލަށެވެ. މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު ޝެރީން އައިސް މާބޮނޑި ޝާމިންގެ އަތަށް ދިއްކޮށްލިއެވެ. ހިތްހަމަ ނުޖެހިފައި ހުރެ ޝާމިން ބަލަމުން ދިޔައީ ޝެރީންގެ މޫނަށެވެ.

" މަރުޙަބާ ޝާމިން! "

" ކިހިނެއް އެނގުނީ ؟ " ޝާމިން ރުންކުރުގޮތަކަށް ސުވާލުކުރިއެވެ. އެއާއެކު ޝެރީން ގާތަށް އައީ ހިންޏެވެ.

" އަހަންނަށްވެސް ހަމަ އެނގިދާނެއެއްނު! ޝާމިންގެ ދެމަފިރިންނާ އެ ދަރިފުޅާއެކު އަހަރެންގެ ހެޔޮދުޢާ ވާނެ އިނގޭ"

ޝެރިން އެހެން ބުނުމުން ޝާމިން ހުރީ ފާޑަކަށް ޝެރީންއަށް ބަލާށެވެ. އެއްދުވަސް ތަނެއްގައި ކިތަންމެ ގާތްކޮށް އުޅުނު ކަމުގައި ވިޔަސް މިހާރު ޝާމިން ޝެރީންދެކެ ބިރުގަނެއެވެ.

"އަން. މީގަ ނުހިފާނަންތަ؟ "

ދެވަނަ ފަހަރަށް މާބޮނޑި ދިއްކޮށްލުމާއެކު ޝާމިން ޝެރީންއަށް ފުރަގަސްދިނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

" ކީއްކުރަން ގެނައި ރަތް ފިނިފެންމާތަކެއް؟ އަހަންނަށް އެނގޭ ޝެރީންގެ ނިޔަތް! އަހަންނަށް ރަނގަޅީ ޝެރީން ދެން މިތަނަށް ބައްޔާ! މާބޮނޑި ހިފައިގެންދޭ!"

މާބޮނޑީގައި ޝާމިން ނުހިފުމުން، މާބޮނޑި ޑަސްބިނަށް ލުމަށްފަހު ޝެރީން ނިކުމެގެން ދިޔައެވެ.

ޝެރީން ނިކުތުމާއެކު ޝާމިން ބަލާލީ އެ މާބޮނޑިއަށެވެ.

" ޝާ..މިން.." އެވަގުތު ޝާމިން ސިހުނީ ބަލިއަޑަކުން މުނާ ގޮވާލިއަޑަށެވެ. އަވަސް އަވަހަށް މުނާއަށް ބަލާލުމަށްފަހު އޭނާގެ ގާތަށް ދިޔައެވެ.

" ކިހިނެއްވީ ؟ "

" ތެދުވެލަން ބޭނުން.. ނިދުނީމަ ކުޑަކޮށް އޯކޭ ވެއްޖެ! " ބޯ ހިއްލާލަމުން މުނާ ވާހަކަދައްކަންފެށިއެވެ.

" ރިއްސާތަ؟ " މުނާގެ ދެކޮނޑުގައި ހިފަހައްޓާލަމުން ލޯތްބާއެކު ޝާމިން ބުނެލިއެވެ. އެއާއެކު މުނާ ތެދުވަން މަސައްކަތްކުރިއެވެ.

" ކުޑަ އުނދަގުލެއް ހުންނަނީ. އަނެއްހެން އޯކޭ ކަންނޭނގެ! ފާހާނާކޮށްލަން ދާން ބޭނުން.." ޝާމިންގެ އެހީގައި މުނާ ތެދުވެގެން ހިނގައިގަތެވެ. އެވަގުތު އެއްލި ކަޅިއަކުން އޭނާއަށް ފެނުނީ ފާޚާނާ ކައިރީގައި ހުރި ޑަސްބިނުގައި އޮތް ރަތްކުލައިގެ މާބޮނޑިއެވެ. މާބޮނޑި ބޮޑުކަމުން ޑަސްބިނުގެ ތެރެއަށް ނުވެސް ފެތެއެވެ. ހައިރާންކަމާއެކު މުނާ ބަލާލީ ޝާމިންގެ މޫނަށެވެ. އޭރު ޝާމިންގެ މޫނުމަތީގައިވެސްވަނީ ނުތަނަވަސްކަމާއި ހާސްކަމެވެ.

" މީ؟ ކޮން މާބޮނޑިއެއް؟ ކީއްވެ ޑަސްބިނުގައި މިއޮތީ ؟"

ހުއްޓި ހުރެ މުނާ ޝާމިންއާއި ސުވާލުކުރިއެވެ. މުނާ އެހާލުގައި ހުއްޓާ ފާޅުގައި ދޮގެއް ހަދާކަށްވެސް އޭނާއަކަށް ނުކެރުނެވެ.

" ޝާމިން؟ ކިހިނެއްވެފަ ތިހުރީ؟ " ބުނާނެ އެއްޗެއް ނޭނގި ހުއްޓާ މުނާގެ އަޑު އަނެއްކާވެސް ޝާމިންގެ ކަންފަތުގައި ޖެހުނެވެ.

" އެއީ... އެއީ ޝެރީން ގެނައި އެއްޗެއް! " ޝާމިން ބުންޏެވެ. އޭނާގެ ޖަވާބުން މުނާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

" ޝެރީންއޭ؟ އެއްކަލަ ދުވަހު ދިމާވި ކުއްޖާދޯ؟ ދެން ކީއްވެ ޑަސްބިނުގައި މިއޮތީ؟"

މުނާ ވާހަކަ ދެއްކީ ހިތްހަމަ ނުޖެހޭގޮތަކަށެވެ. އެހެންކަމުން ޝާމިންގެ ހިތް ހާސްވަމުންދިޔައެވެ.

" ތީ.. އެއީ.. ރަތްކުލައިގެ މާ ނުވާނެ ބަހައްޓާކަށް! އެހެންވެގެން... "

ޝާމިން އަޅައަޅައިގަންނަ ކަހަލަ ގޮތަކަށް ވާހަކަ ދެއްކިއެވެ. ޝާމިންގެ ޖުމްލައިން މުނާ ފެށީ ހޭށެވެ.

" ސާބަސް! ތީ ކުރީގެ ބޯދާ ވާހަކަތައް! ބަލަ ޝާމިން ގެންނަ ރެޑްރޯސްތައްވެސް އަހަރެން ބަހައްޓަނީ ރޫމްގަދޯ! ދެން އޭނަ މިތަނަށް އައިސް ކިހާ ދެރަވާނެ! އޭނައަށް ރީތިވީމަ ދޯ ރަތްވިޔަސް އެ ގެނައީ.."

ޝާމިންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް މުނާއަށް އޮޅުވާލެވުނީތީ އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެހެނަސް އެވަގުތު އިތުރަށް އެވާހަކަތައް ދައްކާކަށް އޭނާއަކަށް ނުކެރުނެވެ. މުނާއަށް ލިބޭނެ ހިތްދަތިކަން އޭނާއަށް ހަމަ ރަނގަޅަށްވެސް އެނގެއެވެ.

އާލްގެ އަތުގައި ހިފައިގެން ފައިހާ ދިޔައީ މުނާއަށް ގޮވާލާށެވެ. ބެލް ޖެހުމާއެކު ދޮރު ހުޅުވީ ޝާމިންއެވެ.

" ރީހާން ހުއްޓާ ނާދެވުނީ މާ ބިޒީވެގެންދޯ؟ އަބަދު ކައްކާފަ ކާންދިނުންދޯ ކަމަކީ" ފައިހާއަށް ދިމާކޮށްލުމުގެ ގޮތުން ޝާމިން ބުންޏެވެ. އެއާއިއެކު ލަދުން ހުރެ ފައިހާ ހީލިއެވެ.

" މީތަ ފައި؟ އާލްވެސް އައިތަ؟ ޝާމިން ދޭބަލަ އައިސްކްރީމް ގެނެސްދޭން އާލްއަށް! "

މުނާވެސް ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. އޭރު އޭނާގެ އަތުގައި ތުއްތު ދަރިފުޅު ނިދާފައި އޮތެވެ. ޝާމިން އާލް ގޮވައިގެން ކޮޓަރިން ނިކުތުމާއެކު މުނާގެ އަތުން ބޭބީ ނަގާ ފައިހާ އިށީނދެލިއެވެ.

" މާޝާﷲ .. ހަމަ މުނާ މިއޮތީ.. ހާދަ ވައްތަރޭ! ކޮންނަމެއްތަ ކިޔަނީ؟"

" ޝާއިނާ! ރީތިތަ؟ " މުނާ އަވަސް އަވަހަށް ބުނެލިއެވެ. އެއާއިއެކު ނަން ވަރަށްވެސް ލޯބިކަމުގައި ފައިހާ ބުންޏެވެ.

" އަހަރެންވެސް ވަރަށް ބޭނުން މިހާރު ގަރލްއެއް! " ފައިހާ ހީލަމުން ބުންޏެވެ.

" އިރާދަކުރެއްވިއްޔާ ލިބޭނެ ގަރލްއެއް! ފައިހާ ސައިބޯން އާދޭ އަހަންނާއެކު. ޝާމިންގެ ކޮއްކޮ އެދިޔައީ ސައިހަދަން!"

މުނާ މަޑުމަޑުން އެނދުން ތެދުވެގެން ހިނގައިގަތެވެ. ނިދިފައި އޮތް ޝާއިނާ އެނދުގައި ބާއްވާލުމަށްފަހު ފައިހާވެސް މުނާގެ ފަހަތުން ހިނގައިގަތެވެ.

އާލް ހުރީ ޝާމިންގެ މަސްޓޭންކް ބަލާށެވެ. ކައިރީގައި ޝާމިންވެސް ހުއްޓެވެ. ކުއްލިއަކަށް އޭނާގެ ފޯން ރިންގްވާން ފެށުމުން ޝާމިން ފޯނަށް ބަލައިލިއެވެ. އެއާއިއެކު އޭނާގެ ހިތް ނުތަނަވަސްވާންފެށިއެވެ. މުނާމެންނަށް ނޭނގި އޭނާ ބޭރަށް ނިކުމެ ފޯނަށް ޖަވާބުދިނެވެ.

" ޝެރީން ޕްލީޒް! އަހަންނަށް އުނދަގޫ ނުކުރޭ! އަހަރެންގެ ދިރިއުޅުން ހަލާކުކުރަން ނޫޅޭ ހެޔޮނުވާނެ!"

ޝާމިން ވާހަކަ ދެއްކީ ސިއްރުން ކަހަލަ ގޮތަކަށެވެ.

" އަހަރެން މިއުޅެނީ ޝާމިންގެ ދިރިއުޅެން ހަލާކުކުރާކަށް ނޫނޭ! އާބާދު ކުރަން! މިއުޅެނީ ލޯބިން ފުރިގެންވާ ދިރިއުޅުމެއް ހޯދައިދޭން! "

މަސްތީ ރާގަކުން ޝެރީން ބުންޏެވެ. އެއާއިއެކު ޝާމިންގެ އަޑު ބާރުވިއެވެ.

" އަހަރެން ބޭނުންވާ ކަހަލަ ލޯބިން ފުރިގެންވާ ދިރިއުޅުމެއް ހޯދައިދޭން ޝެރީންއަށް އެނގޭނެތަ؟ "

ހިތްހަމަނުޖެހިފައި ހުރެ ޝާމިން ފަހަތް ބަލާލުމާއެކު އޭނާއަށް ސިހުން ލިބުނެވެ. ފަހަތުގައި ހުރި މުނާ ފެނުމުން ޝާމިންއަށް ފޯން ތިރިކޮށްލެވުނެވެ. ނަމަވެސް އަވަސް އަވަހަށް މުނާ ޝާމިންގެ އަތުގައި ހިފެހެއްޓިއެވެ. އޭރު ޝާމިންހުރީ ގައިން ބާރު ހުސްވެ މާޔޫސްވެފައެވެ. ޝާމިންގެ އަތުތެރޭގައި އޮތް ފޯން ފަސޭހަކަމާއެކު މުނާ ނެގިއެވެ.އަދި ސްޕީކަރ އޮން ކޮށްލިއެވެ.

" ކިތައް ފަހަރު ބުނިއްޔާތަ ޝާމިން ޤަބޫލުކުރާނީ! ކުރިން ބުނިހެން މިހާރުވެސް ކިހާވަރަކަށް މިބުނަނީ އަހަރެން މި ދުނިޔެއިންވެސް އެންމެ ލޯބިވާ އިންސާނާއަކީ ތިއީއޭ! މުނާ އާއި އެއްފަދައިން އަހަރެންވެސް ޝާމިންގެ ދިރިއުޅުމުގައި ހިއްސާކޮށްދީ! އަހަރެން ޝާމިންދެކެ ލޯބިވާވަރު ޝާމިންއަށް އޮޅިފައެއް ނޯންނާނެ!"

އެހިސާބަށް ވާހަކަ ދިޔުމާއެކު މުނާ ފޯންކަނޑާލިއެވެ. އަދި ޝާމިންގެ ފޯން އޭނާގެ އަތަށް ދިއްކޮށްލުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ. މުނާގެ އިންތިޒާރުގައި އެތެރޭގައި އިން ފައިހާއަށް މުނާ ރޮމުން ރޮމުން ދާތަން ފެނުނެވެ. އެއާއެކު ފަހަތުން ޝާމިންވެސް ދިޔަތަން ފެނުނެވެ.

" ޕްލީޒް މުނާ! އަހަންނާ ވާހަކަ ދައްކަބަލަ! "

އެނދުމަތީގައި އިން މުނާގެ އަތުގައި އަތްޖައްސާލަމުން ޝާމިން ވާހަކަ ދައްކަން ފެށިއެވެ.. އެހެނަސް މުނާއަށް ހަމަ ރޮވެނީއެވެ. އޭނާގެ ހިތަށް އަރާ ފައިބަމުންދާ ޝަކުވާތައް އަޑުއަހަން ޝާމިން ބޭނުމެވެ. އެހެނަސް ޝާމިންގެ އެއްވެސް ވާހަކައަކަށް މުނާ އަނގަޔަކުން ނުބުންޏެވެ.

" ދެރަނުވެބަލަ! ތި ހިތަށްއަރާ ގޮތަކަށް އެއްވެސް ކަމެއް ނުވެޔޭ! އަހަންނަށް ޝައްކު ނުކުރައްވާ މުނާ "

ކަންތައްވީގޮތް ބަލަން ބޭނުންވާތީ މުނާވެސް ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ރުއިން ހުއްޓާލިއެވެ. އަދި އޭނާ އެތައް އިރެއް ވަންދެން އެހެން އިނުމަށްފަހު ވާހަކަ ދައްކަންފެށިއެވެ.

" ޝާމިން އޭނާއާއި ރައްޓެހިވެގެން އުޅޭކަމެއް ނޫނީ ނޫޅޭ ކަމެއްވެސް އަހަންނަކަަށް ނޭނގެ! އަހަރެން ދެރަވީ އަހަންނަށް އޮޅުވާލީމަ! ހިލޭ އަންހެނެއްގެ ހިތުގައި ޝާމިންއާއިމެދު އެހާ ބޮޑު ޝައުޤުވެރިކަމެއް އުފެދިގެން އެދަރަޖައަށް ދާންޖެހުނީމަ! އަދި ޝެރީން އަހަންނާ ބައްދަލް ވުމުންވެސް އޭނާގެ އެއްވެސް ވާހަކައެއް އަހަރެންގާތު ނުބުނެ! އެންމެ ފަހުން އެ ރަތްމާބޮނޑީގެ އަސްލުވެސް މި އެނގުނީތާ! އެދުވަހު ކަންތައްވީގޮތެއްވެސް އަސްލު ނޭނގެ! "

ތުރުތުރުއަޅާ އަޑަކުން މުނާ ވާހަަކަ ދައްކަމުންދިޔައެވެ. އޭރުވެސް ޝާމިންގެ ހިތްވަނީ ބިރުގަނެފައެވެ.

** ނުނިމޭ **

ސިލްސިލާ ވާހަކަ: ޙައްޤުގައި (15)

ސިލްސިލާ ވާހަކަ: ޙައްޤުގައި (15)

(ނިމުނީ)