ހއ. ހޯރަފުށީގައި ދެ މީހަކަށް އެއް ގޯއްޗެއް ދޫކޮށްފައިވާ މައްސަލާގައި އެ ދެ މީހުންނަށް ވަކި ދެ ގޯތި ދިނުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ހޯރަފުށީ ކައުންސިލުން މި ގޮތަށް ނިންމީ އެކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 52 ވަނަ ޢާންމު ބައްދަލުވުމުގައެވެ.

Ad
rt

ހޯރަފުށީގެ ދެ ރައްޔިތަކަށް އެއް ގޯއްޗެއް ދޫކުރެވިފައިވުމުން ހޯރަފުށީ ކައުންސިލުން ވަނީ އެ ދެ ރައްޔިތުންނަށް ވަކި ދެ ގޯތި ދިނުމަށް ޕްލޭނިން މިނިސްޓްރީގެ ލަފަޔަކަށް އެދިފައެވެ. އެކަމަށް ޕްލޭނިން މިނިސްޓްރީން ލަފާ ދީފައި ވަނީ ޤާނޫނާއި އުސޫލުގެ ތެރެއިން އެ ދެ މީހުންނަށް ގޯތި ހަމަޖައްސައި ދިނުން އެންމެ ރަނގަޅު ކަމަށެވެ.

ހޯރަފުށީ އަޅިވިލާގެ މުހައްމަދު ޒަކަރިއްޔާ އަށާއި އެރަށު ދޭލިޔާގެ އަދުނާން ހަސަނަށް އެއް ގޯއްޗެއް ދޫކުރެވިފައި މައްސަލާގައި ޕްލޭނިން މިނިސްޓްރީގެ ލަފާ ހޯދުމަށްފަހު ހޯރަފުށީ ކައުންސިލުން ވަނީ އެ ދެ މީހުންކުރެ ކޮންމެ މީހަކަށް ވަކި ގޯއްޗެއްދީ އެ މައްސަލައަށް ހައްލު ހޯދައިދޭން ނިންމާފައެވެ.

މިގޮތުން އެއިން ކޮންމެ މީހަކަށް 2400 ފޫޓްގެ ގޯއްޗެއް ދޫކުރުމަށް އެކައުންސިލުން ނިންމާފައިވެއެވެ.