އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ ހަ ވޯލްޑް ކަޕާއި ހަ ޔޫރަޕިއަން ޗެމްޕިއަންޝިޕް ހިމެނޭ ގޮތަށް، ކާމިޔާބީން ފުރިގެންވި 23 އަހަރުގެ ދިގު ކެރިއަރު ނިންމާލާފައެވެ.
ޕޯޗުގަލްގެ ފުޓްބޯޅަ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔަރވިކަން އިއްޔެ އިޢުލާންކޮށްފައިވާއިރު، އޭނާ މި ކުޅިވަރު ދޫކޮށްލަނީ ދުނިޔެ ދުށް އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ދުވަހަކުވެސް ފޮހެވިގެން ނުދާނެ ފަދަ ނަމެއް ބިނާކުރުމަށްފަހުގައެވެ.
ޕޯޗުގަލް ޤައުމީ ޓީމަށް 234 މެޗު ކުޅެދީ 146 ލަނޑު ޖަހާފައިވާ އުމުރުން 41 އަހަރުގެ ރޮނާލްޑޯ އަކީ ބައިނަލްއަޤްވާމީ މެޗުތަކުގައި އެންމެ ގިނަ މެޗު ކުޅެދީފައިވާ، އަދި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާގެ ދުނިޔޭގެ ރެކޯޑު އޮތް ކުޅުންތެރިޔާއެވެ.
އޭނާ ވަނީ ހަ ވޯލްޑް ކަޕާއި ހަ ޔޫރަޕިއަން ޗެމްޕިއަންޝިޕް ހިމެނޭ ގޮތަށް، ކާމިޔާބީން ފުރިގެންވި 23 އަހަރުގެ ދިގު ކެރިއަރު ނިންމާލާފައެވެ.
ރޮނާލްޑޯ ޕޯޗުގަލް ޤައުމީ ޓީމަށް ފުރަތަމަ މެޗު ކުޅުނީ ކޮން އިރަކު؟
ރޮނާލްޑޯ ޕޯޗުގަލްގެ ސީނިއަރ ޓީމަށް ފުރަތަމަ މެޗު ކުޅުނީ އުމުރުން 18 އަހަރުގައި، ކަޒަކިސްތާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އޭނާ ކުޅެން އެރީ ހާފް ޓައިމްގައި ލުއިސް ފީގޯގެ ބަދަލުގައެވެ.
އެ ދުވަސްވަރު ފީގޯ 7 ނަންބަރު ޖާޒީ ބޭނުންކުރަމުން ދިޔުމުން، ރޮނާލްޑޯ ބޭނުންކުރީ 17 ނަންބަރު ޖާޒީއެވެ. ރޮނާލްޑޯ ދާއިމީ ގޮތެއްގައި 7 ނަންބަރު ޖާޒީ ނަގައި، އޭނާގެ "CR7" ބްރޭންޑާ ގުޅުވާލީ 2006 ވަނަ އަހަރު ފީގޯ ރިޓަޔަރވުމާ ގުޅިގެންނެވެ.
ޕޯޗުގަލް އަށް ރޮނާލްޑޯ އެންމެ ފަހުން މެޗެއް ކުޅުނީ ކޮން އިރަކު؟
ރޮނާލްޑޯ ޕޯޗުގަލް ޓީމުން އެންމެ ފަހުން ފެނިގެންދިޔައީ ސެޕްޓެމްބަރު 24 ގައި ވޭލްސް އަތުން 1-0 އިން މޮޅުވި މެޗުގައެވެ. އެ މެޗުގެ 67 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.
ޖެހިގެން އައި މެޗުގައި އޭނާ ބެންޗުގައި ބޭންދުމަށް ކޯޗު ޖޯޖް ޖީސަސް ނިންމި ނިންމުމަކީ، ދެމީހުންގެ ދެމެދުގައި ބޮޑު މައްސަލައެއް އުފެދި، އޭގެ ސަބަބުން ޤައުމީ ޓީމު ދޫކޮށްލަން މެދުވެރިވި މައިގަނޑު ސަބަބެވެ. މި މައްސަލައިގައި އޭނާ ވަނީ 30 ދުވަހަށް ސަސްޕެންޑްކޮށް، 255 ޔޫރޯ (285 ޑޮލަރު) އިން ޖޫރިމަނާކޮށްފައެވެ.
ރޮނާލްޑޯ އިތުރު މެޗެއް ކުޅޭނެތަ؟
ނޭޝަންސް ލީގުގެ ގްރޫޕް A4 ގެ އެއްވަނައިގައި އޮތް ޕޯޗުގަލް، ގްރޫޕްގެ ފަހު ދެ މެޗުގައި، ނޮވެމްބަރު 14 ވަނަ ދުވަހު ބްރާގާގައި ދެވަނައިގައި އޮތް ޑެންމާކާ ދެކޮޅަށް ކުޅުމަށްފަހު، ދެން ވޭލްސްއާ ދެކޮޅަށް ނުކުންނައިރު، މިއީ ރޮނާލްޑޯގެ ބައިނަލްއަޤްވާމީ ތަފާސްހިސާބުތައް އިތުރަށް މަތިކުރުމަށް އޭނާއަށް ލިބޭނެ އެންމެ ފަހު ފުރުޞަތެވެ.
ކްލަބް ފެންވަރުގައި ބަލާއިރު، ސައުދީ ޕްރޯ ލީގުގައި އަލް ނަޞްރާ އެކު އޭނާ ދެން ކުޅޭ މެޗު އޮންނާނީ ނޮވެމްބަރު 20 ގައި އަލް ޤާދިސިއްޔާއާ ދެކޮޅަށެވެ.
ޕޯޗުގަލް ޓީމާއެކު ރޮނާލްޑޯ ހަދާފައިވާ ރެކޯޑުތަކަކީ ކޮބާ؟
ފުޓްބޯޅައިގައި ރޮނާލްޑޯގެ އެތައް ގިނަ ރެކޯޑުތަކެއް ވެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ދުނިޔޭގެ ތާރީޚުގައި ބައިނަލްއަޤްވާމީ މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ (146 ލަނޑު) އަދި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ (234 މެޗު) ޝަރަފެވެ.
އޭނާ ވަނީ ވިދިވިދިގެން 23 އަހަރު (2004 އިން 2026 އަށް) ޕޯޗުގަލް އަށް ކޮންމެ އަހަރަކުވެސް ލަނޑު ޖަހާދީފައެވެ. އަދި އޭނާއަކީ ވޯލްޑް ކަޕްގެ 27 މެޗުން 11 ލަނޑު ކާމިޔާބުކޮށް، އެ މުބާރާތުގައި އެ ޤައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ވެސް މެއެވެ.
ޕޯޗުގަލް އާ އުސްމިންތަކަކަށް ގެންގޮސްދީ، ބޮޑެތި މުބާރާތްތަކުން ގަވާއިދުން ފެންނަ ޤައުމަކަށް ހެދުމުގައި ރޮނާލްޑޯ ކޮށްދިން އަގުހުރި ޚިދުމަތްތައް، ހަމައެކަނި ތަފާސްހިސާބުތަކަކުން ބަޔާނެއް ނުކޮށްދެވޭނެއެވެ.
އޭނާގެ ކެޕްޓަންކަމުގެ ދަށުން ޕޯޗުގަލް ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށް އެ ޤައުމުގެ ފުރަތަމަ ބޮޑު މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި އޭގެ ފަހުން 2019 އަދި 2025 ވަނަ އަހަރުގެ ނޭޝަންސް ލީގު ތަށިވެސް ހޯދައިދިނެވެ.
އޭނާގެ ދައުރުގައި ޕޯޗުގަލް ވަނީ ކޮންމެ ފަހަރަކުވެސް ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ. ނަމަވެސް އޭގެ ކުރިން އެ ޤައުމަށް ވޯލްޑް ކަޕަށް ދެވިފައިވަނީ ހަމައެކަނި 1966، 1986 އަދި 2002 ގައެވެ.ހަމައެފަދައިން، ޔޫރޯގައި ވެސް ރޮނާލްޑޯގެ ކުރިން ޕޯޗުގަލް ކުޅެފައިވަނީ އެންމެ ތިން ފަހަރު އެވެ. އެއީ 1984، 1996 އަދި 2000 ގައެވެ. ނަމަވެސް އޭނާ ގައުމީ ޓީމާ ގުޅުނު ފަހުން، އެ މުބާރާތުގެ ކޮންމެ އެޑިޝަނަކަށް ވެސް އެ ޓީމު ވަނީ ކޮލިފައިވެފައެވެ.
ރޮނާލްޑޯގެ އަތުގައި ހުރީ ބައިނަލްއަގުވާމީ ކޮން ރެކޯޑުތަކެއް ހެއްޔެވެ؟
2024 ވަނަ އަހަރުގެ ޔުއެފާ ޔޫރޯ ކޮލިފައިން މެޗެއްގައި އައިސްލެންޑާ ދެކޮޅަށް ކުޅެ، ފިރިހެނުންގެ ބައިނަލްއަގުވާމީ 200 މެޗު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށް ރޮނާލްޑޯ ވިއެވެ.
އަދި ޔޫރަޕުގެ ގައުމީ ޓީމަކަށް ބައިނަލްއަގުވާމީ 100 ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔަކީ ވެސް އޭނާއެވެ. އޭނާ ވެގެންދިޔައީ ބައިނަލްއަގުވާމީ 10 ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ނަމަވެސް ވޯލްޑް ކަޕުގައި އަލްޖީރިއާ އަތުން 3-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި 11 ވަނަ ހެޓްރިކް ހަދައިގެން ލިއޮނެލް މެސީ ވަނީ އެ ރެކޯޑު ފަހަނައަޅައި ގޮސްފައެވެ.
ވޭތުވެދިޔަ ހޫނުމޫސުމުގައި ރޮނާލްޑޯ ވެގެންދިޔައީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ކުޅެ، އަދި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. މި ދަތުރު ފެށުނީ 2006 ވަނަ އަހަރު އެންގޯލާއާ ދެކޮޅަށް ކުޅުނު އޭނާގެ ފުރަތަމަ މެޗުންނެވެ. އަދި އެ މުބާރާތުގައި އޭނާގެ ފުރަތަމަ ލަނޑު ޖެހީ އީރާނާ ދެކޮޅަށެވެ. އޭނާގެ ވޯލްޑް ކަޕުގެ އެންމެ ފަހު ލަނޑަކީ 2026 ގެ ގަދަ 32 ގެ ބުރުގައި ކްރޮއޭޝިއާއާ ދެކޮޅަށް ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެވެ.
މީގެއިތުރުން، އުމުރުން 41 އަހަރާއި 147 ދުވަހުގައި ލަނޑު ޖަހައިގެން، ވޯލްޑް ކަޕް ނޮކްއައުޓް މެޗެއްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު ވެސް އޭނާ ހޯދިއެވެ.
ޔޫރަޕުގެ ބައްރަށް ބަލާއިރު، އެންމެ ގިނަ ޔޫރަޕިއަން ޗެމްޕިއަންޝިޕް މުބާރާތް ކުޅުމުގެ ރެކޯޑާއި (6)، އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑާއި (30)، އަދި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު (14) ވެސް އޮތީ ރޮނާލްޑޯގެ އަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!