އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ އަސްކަރީ ހަނގުރާމައިގެ ތެރެއިން، އެ ގައުމުގެ ބާކީ އޮތް ބައި އެއްކޮށް ސުންނާފަތިކޮށްލަން ޖެހިދާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ.
ޓްރަމްޕް މިފަދައިން ވިދާޅުވީ އެމެރިކާގެ 2026 ވަނަ އަހަރުގެ މިޑްޓާމް އިންތިޚާބަށްފަހު، މި ހަނގުރާމައާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ޓްރަމްޕް ވިދާޅުވީ ވީވަރަކުން އީރާނުގެ ބާކީ އޮތް ބައި ހަލާކުކޮށްނުލުމަށް އެމަނިކުފާނު އިސްކަންދެއްވާ ކަމަށެވެ. ނަމަވެސް އެފަދަ ފިޔަވަޅެއް އަޅަން މަޖުބޫރުވެދާނެ ކަމަށާއި، އިތުރު ހަމަލާތަކެއް ދިނުމަށް ނިންމަވައިފިނަމަ އެކަން މާ ލަސްތަކެއް ނުވެ އެންމެންނަށްވެސް އެނގިގެންދާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން މިހާރު ހިންގާ އަސްކަރީ އޮޕަރޭޝަންތައް މިވަގުތުން ފެށިގެން ހުއްޓާލި ކަމުގައި ވިޔަސް، ގައުމު އަލުން އާރާސްތުކުރަން އީރާނަށް 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ އީރާނުގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ އިތުރުން ވައިގެ ދިފާއީ ނިޒާމުތައް އެއްކޮށްހެން ސުންނާފަތިވެފައިވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ވާހަކަތައް ޓްރަމްޕް ދައްކަވާފައި މިވަނީ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީތަކާ ގުޅިގެން ސިޔާސީ ގޮތުން ބޮޑެތި ބަހުސްތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީއަކީ ހިނގަމުންދާ ހަނގުރާމައާއި ތެލުގެ އަގު އުފުލުމުގެ ސީދާ ނަތީޖާއެއް ކަމަށް ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވި ނަމަވެސް، ޓްރަމްޕް ވަނީ އަސްކަރީ ފިޔަވަޅުތަކުގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. ޓްރަމްޕް ވިދާޅުވީ ކުރު މުއްދަތަކަށް އިގްތިސާދީ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް، ދިގު މުއްދަތުގެ ރައްކާތެރިކަމަށްޓަކައި މި އަސްކަރީ ފިޔަވަޅުތައް ކޮންމެހެން މުހިންމު ކަމަށެވެ.
އީރާނަށް އިތުރު ހަމަލާތަކެއް ދޭނެ ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްވި މި އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޔަސަމިން އަންސާރީ ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. އޭނާ ވަނީ 90 މިލިއަން މީހުންގެ އާބާދީއެއް އޮތް މުޅި ގައުމެއް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ތުހުމަތުކުރައްވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަންސާރީ ވިދާޅުވީ، 90 މިލިއަން މީހުންގެ އާބާދީއެއް އޮތް ގައުމެއް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް އަނެއްކާވެސް ދެއްވާފައިވާ ކަމަށާއި، އެއީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް ކަމަށެވެ. އަދި ހައުސް އާއި ސެނެޓުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން އަލުން ހޯދުމަށްފަހު، ޓްރަމްޕް އަމިއްލަ އިޚްތިޔާރުގައި ފައްޓަވައިގެން އުޅުއްވާ މި ނުރައްކާތެރި ހަނގުރާމަ ވަގުތުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!