ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރަފީނިއާ، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2030 ވަނަ އަހަރުގެ ނިޔަލަށް އައުކޮށްފިއެވެ. ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑާއެކު އައު އެއްބަސްވުމެއް އެކުލަވާލިކަން ބާސެލޯނާއިން ވަނީ ބުރާސްފަތި ދުވަހު ރަސްމީކޮށް އިޢުލާނުކޮށްފައެވެ.
އުމުރުން 29 އަހަރުގެ ރަފީނިއާ މީގެކުރިން ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ. ނަމަވެސް، ޓީމުގެ އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާގެ އެއްބަސްވުން އައުކުރުމާއެކު، އިތުރު ދެ އަހަރަށް އޭނާ އެ ކްލަބުގައި މަޑުކުރާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
އިނގިރޭސިވިލާތުގެ ލީޑްސް ޔުނައިޓެޑް ދޫކޮށް 2022 ވަނަ އަހަރު ބާސެލޯނާއާ ގުޅުނު ފަހުން، ރަފީނިއާ ވަނީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެފައެވެ. އޭނާ ވަނީ ސްޕެނިޝް ލީގުގެ ތަށި ތިން ފަހަރަށް ހޯދުމުގައި ބާސެލޯނާއަށް އެހީތެރިވެދީފައެވެ. މީގެ ތެރޭގައި އެންމެ ފަހުން ޓީމުން ކާމިޔާބުކުރި ދެ ލީގު ތަށި ވެސް ހިމެނެއެވެ.
ހަމަލާގެ ކުރީ ސަފުގައި ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްއާއެކު ރަފީނިއާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ޓީމުގެ އެޓޭކިން ލައިން ވަރުގަދަކޮށް، އިދިކޮޅު ޑިފެންސްތަކަށް ނުރައްކާ ކުރުމުގައި މި ދެ ކުޅުންތެރިންގެ ޕާޓްނާޝިޕް ބޮޑު ދައުރެއް އަދާކުރެއެވެ.
ބާސެލޯނާގެ މައިގަނޑު ސްޓްރައިކަރެއްގެ ދައުރު އަދާކުރަން ފެށިފަހުން، ރަފީނިއާ ދަނީ މި ސީޒަނުގައި އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް ހުރިހާ މުބާރާތެއްގައި ކުޅުނު 13 މެޗުން 19 ލަނޑު ކާމިޔާބުކޮށްފައެވެ.
މީގެއިތުރުން، ސްޕެނިޝް ލަލީގާގައި 15 ލަނޑު ޖަހައިގެން ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައިގައި އޮތީވެސް ރަފީނިއާއެވެ. އައު އެއްބަސްވުމާއެކު ކްލަބުން އޭނާއަށް އޮތް އިތުބާރު ހާމަވެގެން ގޮސްފައިވާއިރު، ރަފީނިއާގެ ލަނޑުތަކާއެކު ބާސެލޯނާ އަންނަނީ މި ސީޒަނުގައިވެސް ކާމިޔާބީތަކަކާ ދިމާއަށް މިސްރާބު ޖަހަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!