"މިހާރުވެސް ގޮނޑުދޮށަށް ބޮޑެތި ރާޅު ބިންދާ އަޑުއިވުނީމަ އެހަނދާންތައް އާވޭ! އެއީ ދުވަހަކުވެސް ހަނދާންނެތޭނެ ދުވަހެއް ނޫން! އެއީ އަހަރެންގެ ޙަޔާތުގައި ކުރިމަތިވި އެންމެ ބިރުވެރި ދުވަސް! "

އެއީ މީގެ 18 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގެ ބިރުވެރިކަން ތަޙައްމަލް ކޮށްފައިވާ ތ. ވިލުފުށީ މުޙައްމަދު ޝިޔާހު ( އަސްލުނަމެއްނޫން ) އެދުވަސް ސިފަކޮށްދިން ގޮތެވެ.

Ad
rt

ހެނދުނު 9 ޖަހާކަންހާއިރު ޝިޔާހު އޭނާގެ މަންމަ އަދި ކޮއްކޮއާއިއެކު އަތިރިމައްޗަށް ދިޔައީ ބައްޕަ ފުރުވާށެވެ. އޭރު އަތިރިމަތީގައި ބައިވަރު މީހުން އެއްވެ ތިއްބެވެ. މޫދާއި ދިމާއަށް ބަލަހައްޓައިގެން ހުރި ޝިޔާހުގެ ލޮލުގައި އަޅައިގަތީ ނޫކުލައިގެ މާކަނޑެވެ. ކަނޑުން ނަގާ ރާޅުތަކަށް ކޮންމެވެސް ބަދަލެއް އަންނަކަށް އޭނާއަށް ފާހަގަކުރެވުނެވެ. ކުދިރާޅުތަކާއިއެކު ފެންނަ ހުދުކުލައިގެ ފޮނުތައް ބޮޑެތިވާހެން އޭނާއަށް ހީވިއެވެ. ޝިޔާހު އަވަސް އަވަހަށް މަންމައަށް އެމަންޒަރު ދެއްކިއެވެ. އެވަގުތު އެކަން މަންމަގެ ސަމާލުކަމަށް އަތުވެއްޖެއެވެ. މަންމައަށްވެސް ފާހަގަ ކުރެވުނީ ތަފާތުކަމެއް އުޅޭކަމެވެ. ކައިރީގައި ތިބި މީހުންނަށްވެސް އެމަންޒަރު މަންމަ ދެއްކިއެވެ. ނަމަވެސް އެމީހުން އެހާ ބޮޑަށް އެކަމާ އަޅައެއް ނުލިއެވެ. އެއީ މާބޮޑުކަމެއް ކަމަކަށް އެމީހުން ނުދެކުނެވެ.

ބައްޕަމެން ފުރުމުން، މަންމައާއިއެކު ޝިޔާހުވެސް ހިނގައިގަތީ ގެއަށްދާށެވެ. ގެއަށް ނުދެވެނީސް އަލިފާނޯތް ގޮވަމުން ބޮޑުދައިތަ ދުވެފައި އަންނަ މަންޒަރު ފެނުނެވެ. ކިހިނެއްވީތޯ ސުވާލުކުރުމާއެކު ބޮޑުދައިތައަށް ބުނެވުނީ ހަމައެކަނި ރާޅެކެވެ. ރަނގަޅަށް އެހެން ނުބުނެވެނީސް ޝިޔާހުމެންގެ ފައިދަށުން ރާޅު ދެމިގަނެފިއެވެ. އެއީ ފައިތިލަ ތެމޭވަރުގެ ކުޑަ ރާޅެކެވެ. އޭރު އޭނާގެ މަންމަގެ އުރުގައި ކޮއްކޮ އިނެވެ. ޝިޔާހު ހުރީ މަންމަގެ އަތުގައި ހިފައިގެންނެވެ. ބޮޑުދައިތަގެ އެދުމުގެ މަތިން ޝިޔާހުމެން ގޮސްވަނީ މާ ދުރުނޫން ހިސާބެއްގައި ހުރި ގެއަކަށެވެ. އޭރު އެގޭތެރެވެސް އޮތީ މީހުން ފިތި، ބާރުވެ ތޮއްޖެހިފައެވެ. މާގިނަ ވަގުތެއް ނުނަގާ ބިޔަ ބޮޑު ރާޅަކުން ރަށުތެރެ ދޮވެލައިފިއެވެ. ރާޅާއިއެކު އެސަރަޙައްދުގައި ތިބި ހުރިހާ އެންމެން އޮޔާ ދަމައިގަތެވެ. އޭރު ސަލާމަތް ވާންވެގެން އެގޭ ފުރާޅުމަތީގައިވެސް އެއްބަޔަކު ތިއްބެވެ. އެމީހުން ބުނާގޮތުން ރާޅުގެ އުސްމިން ފެނި، އެމީހުންވެސް ތިބީ ވަރަށް ބިރުގަނެފައެވެ. ގޭތެރޭގައި ތިބި މީހުންވެސް ބިރުން ރުޔެވެ. ޝިޔާހުގެ މަންމަގެ ހިތުގައި އޮތް ބިރުވެރިކަމަކީ އުމުރުން ދުވަސްވެފައިވާ ބައްޕަ އާއި ގޭގައި ދެން ތިބި ދަރީންގެ ޙާލެއް ނޭނގުމެވެ.

ފަނަރަ ވަރަކަށް މިނެޓް ފަހުން ރާޅުގެ އަޑު މަޑުވެއްޖެއެވެ. އެހެންކަމުން ރައްކާތެރިކަން ހޯދަން އޭރު ވަދެތިބި ގެއިން ނިކުތްއިރު ފެނުނީ ހިތްދަތި މަންޒަރުތަކެކެވެ. ގޭގޭގައި ހުރި ބޮޑެތި ކަޅުހަންތައްވެސް މަގުމަތީގެ އެތަން މިތަނުގައި ހުއްޓެވެ. ކުނިބުނިން މަގުމަތި އޮތީ ފުރިފައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހިތްދަތިކަމާއި ބިރުވެރިކަމެވެ. ޝިޔާހުގެ މަންމައަށް ގޭތެރެއިން ނިކުމެވުމާއެކު ދުއްވައިގަތީ ގޭގައިތިބި ދަރީން ހޯދުމަށެވެ. އެހެނަސް ގެއާއި ހަމައަށް އާދެވުނު އިރު ގޭގެ ޙާލަތު ފެނި، ވީ ދެރައަށްވުރެ ބޮޑަށް ދަރީންނަށް ވާނެގޮތެއް ނޭނގޭތީ އެމީހުން މާ ބިރުގަނެއްޖެއެވެ. މަންމަ ކައިރިން ދުރަށް ދާކަށް ޝިޔާހުއަކަށް ނުކެރުނެވެ. އޭރުވެސް ކުޑަކޮއްކޮ އިނީ މަންމަގެ އުރުގައެވެ. ދޮންތަމެން ދުށިންތޯ ފެންނަ ކޮންމެ މީހަކު ގާތު މަންމަ އެއްސެވެ. އެގޮތަށް ހިނގަމުން ގޮސް ޝިޔާހުގެ ކާފަގެ ޙާލަކީ ކޮބައިތޯ ބެލުމަށް ބޭބެގެއަށް މަންމަ ދިޔައެވެ. އެވަގުތު އެތަނުން މަންމަގެ އާއިލާގެ އިތުރު މީހަކާ ދިމާވެއްޖެއެވެ. މަންމަގެ ގައިގައި އޮޅުލައިގަނެ، ރޮއިރޮއިފައި އޭނާގެ އެންމެ ކުޑަކުއްޖާ ގެއްލިގެން އަދިވެސް ނުފެންނަ ވާހަކަ ބުންޏެވެ. އޭރުވެސް ބައެއް މީހުން ނިޔާވެއްޖޭ ގޮވާއަޑު އިވި ޝިޔާހުމެން ތިބީ ހިތްދަތިވެފައެވެ. ޝިޔާހުގެ ދޮންތަމެން ފެނުނު މީހަކުވެސް ދިމާލެއް ނުވިއެވެ. އަވައްޓެރިންނާ ބައެއް ރައްޓެހިންގެ ޚަބަރެއް އަދިވެސް ނުވެއެވެ. އެކަމުގެ ސަބަބުން ހިތުގައިވާ ބިރުވެރިކަން ކުޑައެއް ނުވެއެވެ. މަންމަމެން މަސައްކަތްފެށީ ގެއްލިފައިވާ މީހުން ހޯދާށެވެ. ބޭބެ މެންނާއެކު ޝިޔާހުވެސް އެމަސައްކަތުގައި އުޅުނެވެ.

ބޭބެ އޭނާގެ ހަގު ދަރިފުޅު ހޯދަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ މަގެއްމަތީ އޮތް ބޯޗަކަގަނޑެކެވެ. ކުނިބުންޏާއިއެކު ބޮޑެތި ގާތައް އެތަނަށްވަނީ ޖަމާވެފައެވެ. ބޭބެ އެތަން ހާވާލީ، ދަރިފުޅު ފެންނާނެ ކަމުގެ އުއްމީދުގައެއްނޫނެވެ. އެއީ އެތަނުގައި ދަރިފުޅު އޮތްނަމަވެސް ދިރިހުންނާނެކަމުގެ އުއްމީދު ކުޑަކަމުންނެވެ. އަދި އެޙާލުގައި ދަރިފުޅު އޮންނަތަން ދެކެން ބޭނުން ނުވާތީއެވެ.

ނަމަވެސް ކުޑަކުއްޖެއްގެ އަތްތިލަ ސިފަވުމާއެކު ބޭބެ އެއަތުގައި ހިފާ، ކުނިތައް އެއްފަރާތްކުރިއެވެ.ތެޅިތެޅި އޮތް ހިތަކައިގެން އަވަސް އަވަހަށް ބޭބެ އެކުއްޖާ ޗަކަގަނޑުގެ ތެރެއިން ނެގިއެވެ. އެއީ ބޭބެގެ ދަރިފުޅުކަމެއް ، އެހެން މީހެއްގެ ދަރިއެއްކަމެއް ވަކިވާވަރަށްވުރެ އެކުއްޖާގެ ޙާލަތު ގޯހެވެ. އެކުއްޖާ ނެގުމާއެކު ޚަރަކާތްކުރަން ފެށުމުން ދިރިހުރިކަން ޔަޤީން ކުރެވުނެވެ. ނަމަވެސް އޭނާގެ ލޮލާ މޫނު ވަކިވާ ވަރަށްވުރެ ބޮޑަށް އޮތީ ޗަކައިން ތަތްވެފައެވެ. ލޮނާއި ޗަކަ ބޮވިފައިވުމުގެ ސަބަބުން ކުއްޖާގެ ޙާލަތު އޭރު ވަރަށް ދަށެވެ. ނަމަވެސް މާތްﷲގެ ވާގި ފުޅާއެކު އެކުއްޖާގެ ފުރާނަ ސަލާމަތްކުރެވުނެވެ. ޗަކަގަނޑުގައި މަރާހަނގުރާމަކުރަމުން އެދިޔައީ އަމިއްލަ ދަރިޔަކަށް ނުވިޔަސް، އެއީ ކޮންމެވެސް މީހެއްގެ ލޯބިލޯބި ދަރިއެކެވެ. ޝިޔާހުގެ ބޭބެ މިއަދުވެސް އެކަމާ ޝުކުރު ކުރެއެވެ.

ދެވަނަ ރާޅެއްގެ ވާހަކަ ދައްކާ އަޑު އިވިގެން ރަށުތެރޭގައި ތިބި މީހުންތައް ދޯނިފަހަރަށް އަރާ، ރައްކާތެރިކަން ހޯދިއެވެ. އެދުވަހުގެ މެންދުރު ފަސްވަންދެން އެންމެންވެސް ތިބީ ފަޅުތެރޭގައި ހުރި ދޯނިތަކުގައެވެ. އަތިރިމައްޗަށް ރައްޔިތުން އެއްވި ވަގުތު ޝިޔާހުގެ ދޮންތަމެން ބައްދަލުވިއެވެ. ނަމަވެސް ރަށުން ގިނަ މީހުން ގެއްލި ނިޔާވެފައިވާކަން އެނގުމުން އުފާވާކަށް ނޭނގުނެވެ. އޭރުވެސް އެމީހުންނަށް ތިބެވުނީ ހިތްބިރުގަނެފައެވެ.

އެދުވަހު އެއްވެސް ތާކަށް ގުޅޭނެ ގޮތެއް ނުވާތީ ރާއްޖޭގެ އިތުރު ރަށްރަށުގެ ޚަބަރެއް ނޭނގެއެވެ. އެދުވަހު ފުރައިގެން ދިޔަ ބައްޕަގެ ޙާލެއްވެސް ނޭނގެއެވެ. ޝިޔާހުމެންގެ އިތުރުން މަންމަވެސް އެކަމާ ވަރަށް ރުޔެވެ. ދޯނިތައް ފަޅުތެރޭގައި ދުއްވަ ދުއްވާފައި އިތުރު ރާޅެއްގެ އިޝާރާތެއް ނެތުމުން އެންމެން ރަށަށް ފޭބިއެވެ. އެއަށްފަހު، ރަށުގެ ރައްޔިތުން ރަށް ހުސްކޮށް، ކައިރި ރަށްރަށަށް ފުރަފުރައިގެން ދިޔައެވެ. އާއިލާ އާއިއެކު ޝިޔާހު ދިޔައީ ބުރުންޏަށެވެ. އެރަށުގައި ޝިޔާހުމެން ހަތަރު އަހަރު ދިރިއުޅުނެވެ. އެންމެ ފުރަތަމަ ޝިޔާހުގެ އާއިލާއާއިއެކު ވިލުފުށީގެ ހަ އާއިލާއެއް ދިރިއުޅުނީ އެންމެ ދެކޮޓަރީގެ ގެއެއްގައެވެ. ދަތިއުނދަގޫ ވާނެވަރު ހިތަށް ވަޒަންވެސް ނުކުރެވެއެވެ. އެރަށަށް އެމީހުން ދިޔައީ ހުސްއަތާއެވެ. ލާނެ އަންނައުނާ ކާނެ އެއްޗެހިވެސް ދިނީ ބުރުނީ މީހުންނެވެ. މިއަދުވެސް ވިލުފުށީ ގިނަ އާއިލާތައް ބުރުނީ މީހުންގެ ދީލަތި އެހީތެރިކަމާ، ހެޔޮކަން ހަނދާންކުރެއެވެ.

އިންޑޮނޭޝިއާގެ ސްމަތްރާއަށް އައި ބާރުގަދަ ބިންހެލުމުން އުފެދުނު ސުނާމީގައި ތ. ވިލުފުއްޓަކީ ގިނަ ޢަދަދެއްގެ މީހުން ނިޔާވެފައިވާ ރަށެކެވެ. އޭގެ ފަހުން ގިނަ އަހަރުތަކެއް ފާއިތުވެފައިވީ ނަމަވެސް އަދިވެސް އެކަށީގެންވާ ބޯހިޔާވަހިކަން ލިބިފައިނެތްކަން އެރަށުގެ ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް އެރަށަށްވަނީ ލިބިފައެވެ. އެ ކާރިޘާއަށްފަހު އެތައް އަހަރެއް ފާއިތުވެއްޖެއެވެ. އެހެނަސް އިއްޔެ ހިނގި ކަމެއްހެން މިއަދުވެސް އެމީހުންގެ ހިތުގައި އެދުވަހުގެ ހަނދާންތައް ބިންވަޅުނެގިފައިވެއެވެ.