ކުނިމެނޭޖްކުރުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް- ޔޫޒް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާ އަލުން ކަނޑައަޅުއްވައިފިއެވެ.
އެ ލިސްޓް ކަނޑައަޅުއްވައި އެކަން ޢާންމު ކުރަށްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ރޭ ނެރުއްވި ޤަރާރެއްގައެވެ.
ކުރިން މި ލިސްޓު ކަނޑައަޅުއްވާފައި ވަނީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުންނެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ކުނިމެނޭޖްކުރުމުގެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ 8-1 ވަނަ މާއްދާ އުވިގެން ދިއުމާގުޅިގެން އަލުން މި ލިސްޓު ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައި އާންމުކުރައްވާފައެވެ.
ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެތީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް، ލިސްޓުގައި ބަޔާންކޮށްފައިވާ ވަކި ތާރީޚްތަކަކުން ފެށިގެން އެތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކަމުގައި މި ޤަރާރުގައި ބަޔާންކުރައްވާފައިވެއެވެ.
އެލިސްޓްގައި ހިމަނާފައިވާ ބާވަތްތަކަށް ބަލާއިރު، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅި 19 ޑިސެމްބަރު 2022 އިން ފެށިގެން އުފެއްދުން މަނާކޮށް، ހަމަ އެދުވަހުން ފެށިގެން ބާޒާރަށް ނެރުން ވަނީ މަނާކޮށްފައެވެ. ޕްލާސްޓިކުން ހަދާފައި ހުންނަ ކާ، ތަށި، އޫ، ވަޅި، ސަމުސާ، ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު ވެސް ވަނީ 19 ޑިސެމްބަރު 2022 އިން ފެށިގެން އުފެއްދުން މަނާކޮށް، ހަމަ އެދުވަހުން ފެށިގެން ބާޒާރަށް ނެރުން މަނާކޮށްފައެވެ.
މީގެ އިތުރުން ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮއްޓާއި، ބާޒާރު ކުރަން ބޭޏުން ކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު (އޮކްސޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގެ ނެތިފަނާވާ (ޑީގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭ ގޮތަށް) ވެސް ވަނީ 19 ޑިސެމްބަރު 2022 އިން ފެށިގެން އުފެއްދުން މަނާކޮށް، ހަމަ އެދުވަހުން ފެށިގެން ބާޒާރަށް ނެރުން މަނާކޮށްފައެވެ.
އިތުރު ބާވަތްތައް:


ތިމާވެށީގެ ރޮނގުން ސަރުކާރުން ގިނަ ސިޔާސަތުތަކެއް އެކަށަހަޅުއްވައި، ތަންފީޒު ކުރައްވަމުން އަންނައިރު ދުނިޔޭގެ އެންމެ ފުރަތަމަ "ޕާލޭ ފިއުޗަރ އައިލެންޑް ނޭޝަން" އަކީ ދިވެހިރާއްޖެ ކަމުގައި ސަރުކާރުން ވަނީ 26 ސެޕްޓެމްބަރު 2019 ގައި އިޢުލާނުކޮށްފައެވެ.
މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްކުރާ ޤައުމުތަކުގެ އެންމެ ކުރީގައި ހިމެނޭ ޤައުމެއްގެ ގޮތުގައި އޮތުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 2023 ވަނަ އަހަރުގެ ނިޔަލަށް "ސިންގަލް ޔޫސް ޕްލާސްޓިކް" ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ރާއްޖެއިން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!