ހދ. ނޮޅިވަރަމުގައި ނިޔާވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނިޝާމާގެ ފިރިމީހާ، އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް މިއަދު މަރުވެފައިވާއިރު އޭނާގެ ހަށިގަނޑު މާލެ މިރޭ ވަޅުލައިފިއެވެ.

ފައިސަލް މަރުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު 08:28 ހާއިރު އެވެ. އޭނާ އަށް ކޭއާރުއެޗުގެ އައިސީޔޫގައި ފަރުވާދޭން ފެށީ އޭނާ ހައްޔަރުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ލިބުނު އަނިޔާގެ ސަބަބުންނެވެ.

Ad
rt

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފައިސަލްގެ ހަށިގަނޑު މިހާރު މާލެ ގެނެސް ޢާއިލާއާއި ހަވާލުކޮށްފައި ވާކަމަށެވެ.

ޢާއިލާއާއި ހަވާލުކުރުން ފައިސަލްގެ ޖަނާޒާ މިރޭ ވަނީ ބާއްވަފައެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިރޭ 23:30 ގައި އާސަހަރާ މިސްކިތުގައެވެ. އަދި އެއަށްފަހު އޭނާ ވަޅުލާފައި ވަނީ އާސަހަރާގައެވެ.

ނިޝާމާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ފައިސަލް ނިޔާވެއްޖެ

ފައިސަލް އަކީ އދ. ފެންފުށްޓަށް ނިސްބަތްވާ މީހެކެވެ. އޭނާ ނިޝާމާއާއި ކައިވެނިކޮށްގެން ދިރިއުޅެމުން ދިޔައީ ނިޝާމާގެ ރަށް ނޮޅިވަރަމްގައެވެ.

ނިޝާމާގެ މަރުގެ ތުހުމަތުގައި ފައިސަލް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަދި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.

ނިޝާމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައި، އެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ކުރިން ވިދާޅުވެފައެވެ.