މަލިކުގެ މަސްހޫރު ޔޫޓިއުބާއެއް ކަމަށްވާ މުހައްމަދު ސޯދިގު، އާޖެންޓީނާގެ ކުޅަދާނަ ފޯވާޑް ލިއޮނަލް މެސީގެ ފޮޓޯއެއް ސޯދިގު ދިރިއުޅެމުންދާ ރަށުގެ ފަރުބޭރު 15 މީޓަރު އަޑީގައި ހަރުކޮށްފިއެވެ.
ޔޫޓިއުބްގައި 22 ހާހަށްވުރެ ގިނަ މީހުން ސަބްސްކުރައިބްކޮފައިވާ ސޯދިގު ދިރިއުޅެނީ މަލިކުގެ އަތޮޅުގައި ހިމެނޭ، މަލިކާއި ޖެހިގެން އޮންނަ ކަވަރަތީގައެވެ. އޭނާ މެސީގެ ފޮޓޯ ހަރުކުރީ އެރަށުގެ ފަރު ބޭރު އަޑީގައެވެ.
ޔޫޓިއުބްގައި މަޝްހޫރުކަން ހޯދާފައިވާ ސޯދިގު ''ތިލަދުން'' އަށް ދިން ބަސްދީގަތުމެއްގައި ބުނީ ވޯލްޑް ކަޕް ފެށިގެން އާޖެންޓީނާ ކުޅެމުން އަންނަ ކޮންމެ މެޗެއްގައި އޭނާގެ ފްލޯވާސްއަށް އޭނާގެ ޗެލެންޖެއް ޢިއުލާން ކުރަމުން އަންނަ ކަމަށެވެ. އޭނާ އެ ޗެލެންޖު ޢިއުލާން ކުރަމުން އައީ އެ މެޗެއްގައި އާޖެންޓީނާ މޮޅުވެއްޖެނަމަ ކުރާނެ ކަމެއް ބުނަމުންނެވެ.
މިގޮތުން ޢިއުލާންކުރި ޗެލެންޖުތަކުގެތެރޭގައި އެ ޓީމު ކުއާޓާ ފައިނަލް މެޗުން މޮޅުވެއްޖެނަމަ ކަނޑު މެދުގައި ބިރިޔާނީ ކައްކައިގެން ކާނެކަމަށް ޗެލެންޖު ކުރިއެވެ. އަދި އެ މެޗުން ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސްގެ މައްޗަށް އާޖެންޓީނާ ކުރި ހޯދުމުން ސޯދިގު ވަނީ އޭނާގެ ޗެލެންޖާ އެއްގޮތަށް އެކަންކޮށްފައެވެ. އޭނާ ވަނީ ކުޑަ ދޯންޏެއްގައި އިނދެ ބިރިޔާނީ ކައްކައިގެން ކައިފައެވެ.
ސޯދިގު ދޯނީގައި ބިރިޔާނި ކަނީ، ފޮޓޯ: ސޯދިގު
ސެމީ ފައިނަލްގައި އާޖެންޓީނާ މޮޅުވެއްޖެނަމަ މެސީގެ ފޮޓޯ ރަށުގެ ފަރު ބޭރު އަޑީގައި ހަރު ކުރާނެ ކަމަށް ބުނެ އޭނާ ޗެލެންޖު ކުރިއެވެ. އެ މެޗުގައި ވެސް އާޖެންޓީނާ ވަނީ މޮޅުވެފައެވެ. އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާގެ މައްޗަށް 3-0 ގެ ނަތީޖާއިން އާޖެންޓީނާ ކުރި ހޯދުމުން ސޯދިގުވަނީ އޭނާ ޗެލެންޖާ އެއްގޮތައް ކަންތައް ކޮށްފައެވެ. މިގޮތުން މެސީގެ ފޮޓޯއެއް ކެންވާސް އެއްގައި ޕްރިންޓްކޮށް، ފިލައެއްގައި ތަތްކުރުމަށްފަހު އެ ފޮޓޯ ކެފިއެވެ. އެ ފޮޓޯގެ ބޮޑުމިނުގައި 4 މީޓަރު ހުންނާނެ ކަމަށް އޭނާ ބުންޏެވެ. އެއަށްފަހު ސޯދިގު ވަނީ ޑައިވަރުންގެ ގްރޫޕެއްގެ އެހީތެރިކަމާއެކު އެ ފޮޓޯ ގެންގޮސް އޭނާ ދިރިއުޅޭ ރަށުގެ ފަރު ބޭރުން 15 މީޓަރު އަޑީގައި ހަރުކޮށްފައެވެ.
''މިއީ ވޯލްޑްކަޕްގެ ފޯރި އިތުރުކޮށް، ޒުވާނުން މިކަމުގައި އުފަލާއެކު ބައިވެރިވުން އިތުރުކުރުމަށް ކުރިކަމެއް''
ސޯދިގު ތިލަދުންއާއި ވާހަކަދައްކަމުން ބުނެފައިވެއެވެ.
ދުނިޔޭގައި ވެސް މިވަގުތު ހުރި އެންމެ ކުޅުދާނަ އެއް ފުޓްބޯޅަ ކުޅުންތެރިޔާ މެސީ، މިރޭ އޭނާގެ ޓީމާއެކު ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން ފްރާންސް ބަލިކުރާށެވެ. މިރޭގެ މެޗަށް އިއުލާން ކުރާނެ ޗެލެންޖަކާއިމެދު އޭނާ ދަނީ ވިސްނަމުންނެވެ. އަދި އޭނާ ކުރަންވީ ކޮން ޗެލެންޖެއްތޯ އޭނާގެ ފްލޯވާސްއާއި ވަނީ ސުވާލުކޮށްފައެވެ.
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރޭ ރާއްޖޭ ގަޑިން 20:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!