ހދ. މަކުނުދޫއަށް އުފަން އިއްޒާ އަޙުމަދު ނިޒާރު ޅެންވެރިކަމުގެ ގުލްޒާރުގައި އާންމު ނަމުންނަމަ އިއްޒަ އަކީ ކުރީއްސުރެ ވެސް އަޅުގަނޑުގެ ގާތް އެކުވެރިއެކެވެ. އޭރުވެސް އިއްޒައަކީ ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުންނަ ކުއްޖެއްގެ ގޮތުގައި ސްކޫލް މުދައްރިސުންނަށް ވެސް ވަނީ ފާހަގަކުރެވިފައެވެ. އެހެނަސް އޭނާގެ ކިބައިގައި ފޮރުވިފައިވާ ޅެންވެރިކަމުގެ ހުނަރު ހުރިކަން އޭރު ޚުދު އިއްޒައަކަށް ވެސް ނޭނގެއެވެ. އެއަހަރު ސްކޫލްގައި ބޭއްވި އަދަބީ ހަރަކާތްތަކަށް ކުދިން ތައްޔާރުކޮށްދިނުމުގައި އިސްދަރިވަރެއްގެ ޙައިޞިއްޔަތުން އިއްޒަ މަސައްކަތްކުރިއެވެ. އެގޮތުން އިއްޒަ ހަދާފައިވާ ޅެންތަކާއި، ރައިވަރު އަދި ލަވަތައް އަޅުގަނޑަށް ފުރަތަމަ އަޑުއިވުނީ މަކުނުދޫ ސްކޫލްގައި 2010 ވަނަ އަހަރު ބޭއްވުނު ޑްރާމާ މުބާރާތަކުންނެވެ. އެމުބާރާތުން އެއްވަނަ ލިބުނީ ވެސް އިއްޒަގެ މޭސްތިރިކަމުގެ ދަށުން ޑްރާމާ ފަރިތަކުރި ހައުސްއަށެވެ. އެހިސާބުން ރަށުފެންވަރުގައި އިއްޒަގެ ނަން ވިދާލިއެވެ. އަދި ރަށު މީހުންގެ ލޯތައް އޭނާއަށް އަމާޒުވެ، އެއީ އުއްމީދީ ދަރިއެއްގެ ގޮތުގައި ތުންތުންމަތިން ވާހަކަ ދެކެވެންފެށިއެވެ.

ޙަޤީޤަތަކީ ޝާއިރީ ދުނިޔެއަށް އޭނާއަށް ވަންނަން ފުރަތަމަ ހުޅުވުނު ދޮރަކީ ވެސް އެއީއެވެ. ދިވެހި އަދަބިއްޔާތަށް ލޯބިކުރާ ދަރިއެއް ފަދައިން އެ ރޮނގުން ކުރިއަށްދާން ބޭނުންވީ މީހުންގެ ޕޮޒިޓިވް ކޮމެންޓްތަކުގެ ސަބަބުންނެވެ. އެންމެ ފުރަތަމަ އޭނާ ބޭނުންވީ ވާހަކަލިޔުމުން ކުރިއަށްދާށެވެ. އެހެނަސް އެކަން ދޫކޮށްލީ އަދަބީ ރޮނގުން ތަފާތު ހުނަރެއް ދަސްކުރުމުގެ މަޤްޞަދުގައެވެ. އެހެންކަމުން ޅެން ހެދުމަށްޓަކައި އަމިއްލައަށް މަސައްކަތް ކުރަންފެށިއެވެ. އިއްޒަ ބުނިގޮތުގައި އެކަން ކުރަންފެށުމުން އެއީ ކުރެވިދާނެކަމެއްކަން އޭނާއަށް ޔަޤީންވިއެވެ. އެހެންކަމުން އެފަންނު އިތުރަށް ކުރިއަރުވަން އަތުކުރިއޮޅާލީ ހުދު އޭނާ އެކަނިމާއެކަންޏެވެ. އަދަބީވެށީގެ ތެރެއަށް ވަންނަން އޭނާ މަސައްކަތްކުރީ ގިނިކަންޏާއެވެ. ނަމަވެސް ދާއިރާއަށް ނުކުމެވުމާއެކު، އެކި ފަރާތްތަކުން އޭނާ ކުރިއަށްދިޔުމަށް އެކިގޮތްގޮތުން ވެދޭ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރާކަމުގައި އޭނާ ބުންޏެވެ. ޚާއްސަކޮށް އިއްޒަގެ ދޮންތައާއި ދޮންތަގެ އާއިލާ، ފިރިމީހާއާއި އޭނާގެ އާއިލާ އަދި ރައްޓެހިންގެ އެއްބާރުލުން އިއްޒަ ފާހަގަކުރިއެވެ. އޭގެ އިތުރުން އޭނާ ޅެންވެރިކަމުގެ ދުނިޔެއަށް އައުމާއެކު އެންމެ ބޮޑު އެހީތެރިކަމެއް ދެއްވި އަޝްރަފް ސަރ، އީސަ ސަރ އަދި ތޭރަވާ ސަރ އާއި އާދަމް ޙަލީމް ސަރގެ ނަން ވަކިން ފާހަގަކޮށް ޝުކުރު އަދާކުރިއެވެ.

Ad
rt
އިއްޒަ، ދިވެހި ބަހާއި، ޅެންވެރިކަމުގެ ބައެއް ޚިދުމަތްތެރީންނާއެކު، ފޮޓޯ: އިއްޒަ/ފޭސްބުކް

އެންމެ ފުރަތަމަ ހެދި ޅެން އިއްޒަ ހަނދާން ނެތް ނަމަވެސް، އެޅެން ހެދުމަށްޓަކައި އަމިއްލަ ނަފްސަށް އޭރު ދެއްކި ހިތްވަރު، ހަމަ މިއަދުވެސް އޭނާ ދައްކައެވެ. އޭރާއި މިހާރުގެ ތަފާތަކީ ޅެން ހަދަން އޭރު ނުފަރިތަވެފައި މިހާރު ފަރިތަކަމެވެ. އޭރު ލަސްވެފައި މިހާރު އަވަސްކަމެވެ. ޚިޔާލަށް އަންނަ ކޮންމެ ކަމަކަށް ވެސް ޖެހިލުމެއްނެތި ޅެމެއް ހަދާލުމަކީ އޭނާއަށް އުނދަގޫކަމެއް ނޫނެވެ. ރޭގަނޑު ނިދަން އޮށޯވެ އޮންނައިރު ހިތްއެދޭ "ކާފިޔާ" އެއް ހިތަށް ވަނުމާއެކު، ނިދި އޭނާ ދޫކޮށް ފިލައެވެ. މޮޅު ބަސްކޮށާރުތަކުން އިއްޒަ ވިރުވާއަޅާފައިވާ ޅެންތައް އޭނާ ހަދަނީ ހަމައެކަނި މޭޒުދޮށުގައި އިނދެގެންނެއް ނޫނެވެ. ކުރުގޮތަކަށް ބުނާނަމަ ޖެހުނުތާކު އިނދެގެން އޭނާ ޅެންހަދައެވެ. ކައްކަން އުނދުންކައިރީ ހުރެގެންވެސް ބައިތުތައް ގަތާލައެވެ. އެކުވެރިންނާއެކު ދަތުރުގޮސް އުޅެމުން ވެސް "ބަނޑުވަށްއަކުރު"ތައް އެއްހަމަކޮށްލައެވެ. އޭނާގެ ވާހަކަތަކުން ޅެން އެއްފަރާތްކޮށްލެވޭނެ އެއްވެސް ކަމެއް އޭނާއަށް ނުވާކަހަލައޭ އަހަރެން ހިތަށް އަރަމުންދިޔައެވެ.

މިއަހަރުގެ ޅެންވެރިންގެ ދުވަހު އިއްޒަގެ ޝުއޫރު ޅެންބަހުން

"ވަޒީފާގައި އުޅެމުންވެސް ޅެން ހަދަން! ދިރިއުޅުމުގެ އެހެން މަސައްކަތްތައް ކުރަމުންވެސް ޅެން ހަދަން! ހުރިހާވެސް ކަމަކީ ޓައިމް މެނޭޖްކުރުން. ވަޒީފާއަށްވެސް ދޭންވާ ވަގުތު ދީފަ، ދިރިއުޅުމުގެ ކަންތައްތަކާއި ދަރިފުޅަށްވެސް ދޭންޖެހޭ ވަގުތު ދީފަ ޓައިމް މެނޭޖްކުރީމަ ކުރިއަށްދާން އުނދަގުލެއް ނޫން." ޅެންހެދުމަށް އޭނާ ވަގުތު ހޯދާގޮތް އިއްޒަ ބުނެދިނެވެ.

މައިގަނޑު ގޮތެއްގައި މިހާރު އޭނާ ކުރަމުން އަންނަ މަސައްކަތަކީ އެކި އުމުރު ފުރާތަކުގެ މީހުންނަށް ޅެންވެރިކަން އުނގަންނައިދިނުމެވެ. އޭގެއިތުރުން އަދަބީ މުބާރާތްތަކަށް ޅެންހަދައިދޭކަމުގައި އޭނާ ބުންޏެވެ.

ޅެންވެރިކަމުގެ ކޯސްތައް ހިންގުމަށްޓަކައި އޭނާ ރަށްރަށަށް ދަތުރުކޮށްފައިހުރި ފޮޓޯތައް މީސްމީޑީއާއިން އަޅުގަނޑަށް ފެނެއެވެ. އެތައް ރަށަކަށް ދަތުރުކޮށް، އެތައް ބަޔަކަށް އިއްޒަ ކިޔަވައިދޭ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯތައް ދައުރުވަމުންދެއެވެ. އޭރު ހިތަށް އަރަނީ އަންހެނަކަށް އެއީ ފަސޭހަކަމެއްބާވައެވެ؟ ދަރިފުޅާ ނުލާ ދަތުރުކުރަންޖެހޭތީ، އުނދަގޫތަކާއި ދަތިތަކެއް ހުންނާނެއޭވެސް ހިތަށް އަރައެވެ.

"ކޯސްތައް ހިންގުމަށްޓަކައި ރަށްރަށަށް ދަތުރު ކުރާއިރު ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެލިބޭ މެހެމާންދާރީ އާއި މީހުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި ލޯބި. ދެން އެންމެ ބޮޑު ގޮންޖެހުމަކީ ދަރިފުޅު ދޫކޮށްލާފަ އެދާ ދިޔުން. އެކަން ވޭ ވަރަށް އިމޯޝަނަލީ ކަމަކަށް. ސްކޫލަށްދާ ކުއްޖެއްވީމަ ކިޔެވުން އެއްފަރާތްކޮށްލާފައި ގޮވައިގެން ދާކަށް ބޭނުމެއް ނޫން. ވަރަށް ބޮޑެތި ޒިންމާތަކެއް ފަހަތަށް ދޫކޮށްފަ ދާންމިޖެހެނީ. އެކަމަކު ފިރިމީހާ އެހާ ސަޕޯޓިވް ވީމަ، ވިސްނަންޖެހޭ އިތުރުކަމެއް ނޯވެ! " ހިނިތުންވެ އިނދެ އިއްޒަ ކިޔައިދިނެވެ.

ޅެންވެރިކަމުގެ ހުނަރު ދަސްކޮށްދިނުމަށް އިއްޒަ ކުރަމުންދާ މަސައްކަތުގެ ތެރެއިން ދެ ރަށެއްގައި ޅެންވެރިކަން ދަސްކޮށްދޭ ކޯސްތައް ކުރިއަށް ގެންދިޔުމުގެ ތެރެއިން، ފޮޓޯ: އިއްޒަ/ފޭސްބުކް

އިއްޒައަށް ލިބުނު އެންމެ ބޮޑު ކުރިއެރުންކަމުގައި އޭނާ ޤަބޫލުކުރަނީ އޭނާއަށް މި ފަންނު ދަސްވިގޮތެވެ. އަދި މިކަން ދަސްކުރަން އޭނާ ކުރި މަސައްކަތެވެ. ދެން އޭނާ ފާހަގަކުރަނީ މީހުންގެ މެދުގައި ލިބުނު މަޤްބޫލްކަމާއި ލޯތްބެވެ. ޅެންވެރިކަމުގެ ދުނިޔެއަށް ނިކުމެވިއްޖެކަން އޭނާއަށް ފުރަތަމަ އިޙްސާސްކުރެވުނީ ދިވެހިބަހުގެ އެކަޑަމީން އިއްޒަގެ ޅެންތަކަށް ޚާއްސަކޮށްގެން ފޮތެއް ނެރެވުނު ދުވަހެވެ. އެ ފޮތުގެ ޞަފްޙާތައް އެއްކޮޅުން އަނެއްކޮޅަށް އުކާލެވޭއިރު އެ ފެންނަނީ ކަށިން ހިތްވަރު ނެރެގެން އޭނާ ކުރި މަސައްކަތެވެ.

އެތައް އޮޅިއެއް ގިރާކުރަމުން ގޮސް ކާމިޔާބީއާއި ހަމައަށް ވާޞިލްވެވުނުކަމުގެ ހެކިތަކެވެ. އަދި އެއީ އިއްޒަގެ އަމިއްލަގަލަމުގެ ދެއްޔެވެ. މިހާރު އެފަންނުން އޭނާގެ އެދުރުކަމުގެ ދަށުން ރާއްޖޭގެ އެތައް ކުދިންނެއް ދަރިވަރުވެފައިވާނެއެވެ.

އިއްޒަ ކިޔަވައިދިން ޅެންވެރިކަމުގެ ކޯހެއް ނިންމައި ބައިވެރިއަކަށް ހަނދާނީ ލިޔުން ދެނީ

މިހާތަނަށް އޭނާއަށް ލިބުނު ކާމިޔާބީތަކުގެ ތެރޭގައި އިއްޒަ އެންމެ ފުރަތަމަ އުފުލާލީ 2021 ވަނަ އަހަރު ދިވެހިބަހާ ސަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޒުވާނުންގެ އެވޯޑެވެ. އެއަށްފަހު ދިވެހިބަހާ ސަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ރެހެންދި އެވޯޑް އޭނާއަށް ލިބުނީ މިއަހަރެވެ.

" މަންމައަށް ތި އެވޯޑު ލިބުނީ އާރާ ބަސްއަހާތީ! " މިއީ އިއްޒަގެ 5 އަހަރުގެ ދަރިފުޅު އެދުވަހު އޭނާ ފެނުމުން ބުނެލި ޖުމްލައެވެ. އިއްޒަ އެހެން ބުނުމުން ޚުދު އަހަރެންގެ ލޮލުންވެސް ކަރުނަ ހިލުނެވެ. ތެދެކެވެ. އެއް ރަށުން އަނެއްރަށަށް ފަންނު ފޯރުކޮށްދޭން ޒުވާން ޅެންވެރިޔާއަށް ދަތުރު ކުރެވެނީ އޭނާގެ ލޯބިވާ ދަރިފުޅު ބަސްއަހައިގެން ހުންނާތީއެވެ. އެކުޑަކުޑަ ދަރިފުޅަށް އެދުވަހު އިޙްސާސް އެކުރެވުނީ މަންމަގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ވެވުނު ޤުރުބާނީއެވެ.

ޅެންވެރިކަމުގެ ދާއިރާއިން އިއްޒަ ވަނީ ގައުމުގެ އެންމެ އުހަށް ދަތުރުކޮށް، އެންމެ ޝަރަފްވެރި އެވޯޑްތައް ހޯދާފައި، ފޮޓޯ: އިއްޒަ/ފޭސްބުކް

އިއްޒަ ޔަޤީންކުރާގޮތުގައި އޭނާގެ ކާމިޔާބީގެ ފަހަތުގައިވަނީ ނަމާދާއި ދުޢާއެވެ. ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާ ކަމަކަށް އެދި ދުޢާ ދެންނެވުމުން އެކަން ފަހިވެގެން ދާނެކަމުގައި އިއްޒަ ޔަޤީންކުރެއެވެ. އިއްޒަ ބުނިގޮތުގައި އޭނާގެ ކާމިޔާބީގެ އަސްލަކީ ދުޢާ އާއި އެކަމަށްޓަކައި އޭނާ ކުރާ އަގުހުރި މަސައްކަތެވެ.

ކޮންމެ ހަފްތާއަކު އެއްފަހަރު ފޭސްބުކަށް ދޫކޮށްލާ އޭނާގެ ފަށުވި ޅެންތަކަށް ކޮމެންޓްތައް އޮހޮމެންދެއެވެ. އިއްޒަދެކެނީ އެއީ މީހުންގެ ލޯތްބާއި އިޙްތިރާމްގެ ގޮތުގައެވެ. ކޮންމެ ކޮމެންޓެއް ވަކިވަކިން އޭނާ ކިޔާކަމާއި ހިތުގެ އެންމެ ފުންމިނުން އޭނާގެ ޅެންތަކަށް ލޯބިކުރާ އެންމެންނަށް ޝުކުރުއަދާކަމުގައިވެސް އޭނާ ބުންޏެވެ.އިއްޒަ ޤަބޫލުކުރާ ގޮތުގައި އޭނާއަށްވުރެ ފުންނާބު އުސް ޅެންވެރީންގެ ފަރާތުން ލިބޭ ކޮމެންޓްތަކަކީވެސް އޭނާއަށް ލިބޭ އިތުރު ހިތްވަރަކާއި އުފަލެކެވެ. ޚުދު އަހަރެންވެސް ބުނާހިތްވަނީ ގޭތެރޭގައި އިނދެގެން ހެދި ޅެންތަކާއިއެކު، ކޮކާލެއް ފަދައިން އެ އުދުއްސައިގަތީ މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ޅެންވެރިޔާއެވެ.

މިދާއިރާއިން ދަތުރުކުރަން ބޭނުންވާ މަންޒިލަށް މިހާރު އާދެވިއްޖެކަމުގައި އޭނާ ބުންޏެވެ. އެހެނަސް އަދިވެސް އޭނާ ހިނގަންޖެހޭ މަގު އޮތީ ކުރިއަށެވެ. ތަފާތަކީ މިހާރު އެމަގު އޮތީ ބޯޖަންގައްޔެއްފަދައިން ނޫންކަމެވެ. އެމަގަކީ ދާންބޭނުންވާ ކޮންމެ ގޮތަކަށް އޭނާއަށް ދެވޭނެހާ ސާފު، އަލި މަގެކެވެ. އެމަގު ކޮށާ އަލިކުރީ ޚުދު އޭނާގެ އަތުންނެވެ. އެހެންކަމުން ދުވަހަކުވެސް ޝާއިރީ ގަލަން އަތުން ދޫކޮށްލާކަށް އޭނާ ބޭނުމެއްނުވެއެވެ. އަދިވެސް އިއްޒަ އެހުރީ ހިތްވަރާއެކު ކުރިއަށްދާށެވެ.

އިއްޒާއަކީ ތިލަދުންމަތި ފަޚްރުވެރިވާފަދަ މޮޅު ފަންނުވެރިއެކެވެ.ހުނަރުވެރިއެކެވެ. އަދި ލިބިފައިވާ ފަންނުގެ އެހީގައި އިތުރު ޅެންވެރީންތަކެއް އުފެއްދުމަށް ގަދައަޅާ މަސައްކަތްކުރަމުންދާ ލީޑަރެކެވެ. ތިލަދުންގެ ޓީމުން އެދެނީ އިއްޒައަށް ކުރިމަގުގައި އިތުރު ކާމިޔާބީތަކާއި ކުރިއެރުން ލިބުމެވެ.