ފުލުހުންގެ ސަފުތަކަކީ ހަރުދަނާ ބަދަހި ސަފަކަށް ހެދިއްޖެކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފުލުހުން ތަމްރީންކުރާ މަރުކަޒުގައި ހިންގި ފުރަތަމަ އަސާސީ ތަމްރީން ޕްރޮގްރާމުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

ފުލުހުންގެ ޚިދުމަތް މަދަނީ މުއައްސަސާއަކަށް ބަދަލުވެ، ފާއިތުވި 18 އަހަރުގެ ތެރޭގައި، މިހާރު މިދެކޭ ފަދަ ބޮޑު ކުރިއެރުމެއް ފުލުހުންގެ ޚިދުމަތަށް އައިސްފައި ނުވާކަން ފާހަގަކުރައްވާ އިމްރާން ވަނީ ރައީސް ސާލިހުގެ ވިސްނުންފުޅާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ޕޮލިސް ޑެސްކުގެ ޚިދުމަތް ފަށާފައިވާކަން ފާހަގަ ކުރައްވާފަ އެވެ. އަދި މިހާރު މިސްރާބު ފަށާފައި ވަނީ އަތޮޅުތަކުގެ ފުލުހުންގެ ހިދުމަތުގެ އިންގިލާބީ ބަދަލަކާ ދިމާލަށް ކަމަށެވެ.

އިންސާނީ ވަސީލަތާއި އުމްރާނީ ވަސީލަތުގެ ޙާލަތު، މި ސަރުކާރު ހަވާލުވިއިރު އޮތީ ވަރަށް ދަށްކޮށްކަމަށާއި އެގޮތުން މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ބޭނުންވާ މިންވަރާ އަޅަބަލާއިރު، އެކަށީގެންވާ މިންވަރާ ގާތަށް ވެސް އިންސާނީ ވަސީލަތް ޤާއިމުވެފައި ނެތް ކަން ވަނީ ފާހަގަ ކުރައްވާފަ އެވެ. އެހެންނަމަވެސް މިއަދުގެ ހާލަތު މުޅިން ތަފާތުކަަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އެގޮތުން ފުލުހުންގެ ޚިދުމަތް އިސްލާހުކުރުމަށް ފަށްޓަވާފައިވާ މަސައްކަތުގައި، ފުލުހުންގެ ލީޑަރޝިޕް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، ފުލުހުންގެ ސަފުތަކަކީ ހަރުދަނާ ބަދަހި ސަފަކަށް ހެދިއްޖެކަމަށް ވެސް ވިދާޅުވި އެވެ.