ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Ad
rt

ރައީސް އޮފީހުން މައުލޫމާތު ހާމަކުރައްވާފައިވާ ގޮތުގައި، މިބައްދަލުކުރެއްވުމުގައި ކުރިނބީ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެމްބަރުން ވަނީ ކުރިނބީގެ ތަރައްޤީއަށް މިހާރު ހިންގެމުންދާ މަޝްރޫޢުތަކާއި އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސް ޞާލިޙަށް ދަންނަވާފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް 100 އަހަރަށް އަމާޒުކޮށް ކުރިނބީ ކައުންސިލުން އެކުލަވާލާފައިވާ ލޭންޑްޔޫސް ޕްލޭންގެ މަޢުލޫމާތު އެކައުންސިލުން ރައީސާއި ޙިއްޞާކޮށްފައެވެ.

''ކުރިނބީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ދަތިކަމާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ރަށުގެ ރައްޔިތުން މޫދަށް އެރޭނެ ތަނެއް ނެތުމުގެ ދަތިކަން ހިމެނޭ'' ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މިބައްދަލުވުމުގައި ކުރިނބީ ކައުންސިލުން ވަނީ، އެރަށުގެ ތަރައްޤީއަށް މިހާތަނަށް އެންމެ ގިނަ މަސައްކަތްތައް ކޮށްދެއްވާފައި ވަނީ މިސަރުކާރުންކަން ފާހަގަކުރައްވައި، ރައީސް ޞާލިޙާއި ބައްދަލުވުމުން ރައްޔިތުން އިތުރަށް ބޭނުންވާ ކަންކަން ފުރިހަމަވެގެންދާނެކަމުގެ ޔަޤީންކަން ލިބިގެންހިނގައްޖެކަމުގައި ވިދާޅުވެފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ، ކުރިނބީ ކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަން ފާހަގަކުރައްވާފައެވެ.

މިގޮތުން ކައުންސިލް އިދާރާގެ މަސައްކަތާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ފާހަގަކުރައްވައި، ރަށުގެ ބަނދަރުގެ ސައިޒް ބޮޑުކުރުމަށް ރައްޔިތުން ބޭނުންވާތީ އެކަމުގައ ހޯދޭނެ ހައްލަކާއި ގުޅޭ ގޮތުން ގުޅުންހުރި އިދާރާތަކާއި އެކު މަޝްވަރާކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ހެދުމުގެ މަސައްކަތް ބަނދަރުގެ މަސައްކަތް ކުރިޔަށްދާއިރު އެމަސައްކަތާއި އެކު ކުރިޔަށް ގެންދެވޭނެ ގޮތެއް ބައްލަވައި ދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.