ރާއްޖޭގައި ޝިޕިންގ ލޯ ނުވަތަ މެރިޓައިމް ޝިޕިންގ ގާނޫނެއް އެކުލަވާލުމަށް ގޮވާލައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރަރު ހުށަހަޅާފައިވަނީ މެރިޓައިމް އިންޑަސްޓްރީއަށް ނިސްބަތްވާ ގިނަ ފަރާތްތަކަކުން، އެ އިންޑަސްޓްރީގައި މަސައްކަތް ކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމުންދާތީ ކަމަށާއި މިހާރު ބޭނުން ކުރަމުން އަންނަ ދިވެހި ސީމަނުންގެ ފޮތަކީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން، އައިއެލްއޯގެ 1958 ވަނަ ކޮންވެންޝަންގެ ދަށުން ދޫކުރަމުން އަންނަ ފޮތެއް ނަމަވެސް އައިއެލްއޯގެ މިންގަނޑުތަކަށް އެ ފޮތް ނުފެތޭ ކަމަށް ރާއީ ވަނީ ވިދާޅުވެފައެވެ.

Ad
rt

މީގެ އިތުރުން އެފޮތުގެ ވެރިފަރާތަކީ ސީމަނެއް ކަން ދެނެގަންނާނެ އެއްވެސް ސަލާމަތީ ފީޗާއެއް ނުހުންނަ ކަމަށާއި އެކަމަކީ ބޯޑަރު ކޮންޓްރޯލް ކުރާ ފަރާތްތަކަށް 11 ސެޕްޓެމްބަރު 2000 އިން ފެށިގެން ސީރިއަސް ސެކިއުރިޓީ މައްސަލައަކަށް ވެފައިވާ ކަމަކަށް ވާއިރު، އެކަމުގެ ސަބަބުން ސީމަނުންނަށް ބައެއް ގައުމުތަކަށް ނުފޭބި، ޖޫރިމަނާތައް ކުރިމަތިވެ އެ ފަރާތްތަކަށް ވަޒީފާ ހޯދަން ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް ގަރާރުގައިވެއެވެ.

އެހެން ކަމުން އެގަރާރުގެ ބޭނުމަކީ ރާއްޖެއަށް އިމްޕޯޓުކުރާ މުދަލުގެ ފްރައިޓް ކޮންޓްރޯލް ކުރުން ކަމަށާއި ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ދިވެހި ޝިޕިން ލައިނެއް އުފެއްދުން ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.

މެމްބަރު ރާއީ ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ 1990 ގެ އަހަރުތަކުގައި ރާއްޖޭގައި 1000 އަށް ވުރެ ގިނަ ސީމަނުން ތިބި ކަމަށާއި އަދި އާމްދަނީގެ ގޮތުގައި 12 މިލިއަން ޑޮލަރު ރާއްޖެއަށް ލިބެމުން ދިޔަކަން އެނގޭ ކަމަށެވެ. ނަމަވެސް ސީމަނުން ނެތެމުން ގޮސް މިހާރު އެ އަދަދު 300 އަށް ދަށްވެފައިވާ ކަމަށެވެ.

އެހެންކަމުން މެރިޓައިމް އިންޑަސްޓްރީއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ގަރާރުގައި ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި އެކުވެރި ގައުމުތަކުގެ އެހީގައި ނުވަތަ ސަރުކާރުގެ ލޯން ސްކީމުގެ ދަށުން، މެރިޓައިމް އިންޑަސްޓްރީއަށް ދެ ޖިންސުގެ ދިވެހި ޒުވާނުން ތަމްރީނުކޮށް، ފަންނުގެ ތަޖުރިބާ ހޯދޭނެ ޕްރޮގްރާމްތައް ފަހިކުރުން ހިމެނެއެވެ.