މާއުނގޫދޫ ކައުންސިލްގެ މާލީއެހީގެ ދަށުން އެރަށު ސްކޫލުގެ ލައިބްރަރީ ތަރައްޤީކޮށް އިއްޔެ އަލުން ހުޅުވައިފިއެވެ.

މި މަސައްކަތް ފުރިހަމަކުރެވި، އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ލައިބްރަރީ އަލުން ހުޅުވިގެން ދިޔުމާއި ގުޅިގެން މާއުނގޫދޫ ކައުންސިލުން ވިދާޅުވީ، އުއްމީދަކީ ދަރިވަރުންނަށް ލުއިފަސޭހަ ޒަމާނީ ޚިދުމަތެއް މިލައިބްރަރީގެ ސަބަބުން ފަހިވެގެން ދިއުން ކަމަށެވެ.

Ad
rt

މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަމީމް ''ތިލަދުން'' އަށް ވިދާޅުވީ، އެރަށު ސްކޫލްގެ ލައިބްރަރީ އިމާރާތް އާބާތުރަ ފިލުވައި، އަލުން ހުޅުވުމަށް ކައުންސިލްގެ ބަޖެޓުން ލައްކައަކާއި ގާތް ކުރާ އަދަދަކަށް ވަނީ ރުފިޔާ ޚަރަދުކޮށްފައެވެ.

''މުޅިން އާ ރެކްތަކެއް މިހާރު ހުންނާނީ، އިމާރާތުގެ ސީލިންގ އެއްކޮށް ބަދަލުކޮށް، ކުރިން ހުރި މުށީގެ ބަދަލުގައި ނެވިލޯން އަޅައި މުޅި އިމާރާތް އެއްކޮށް އާބާތުރަފިލުވުމަށް ކައުންސިލުން ވަނީ މާލީ އެހީތެރިކަން ދީފައި'' އާދަމް ސަމީމް ވިދާޅުވިއެވެ.

މާއުނގޫދޫ ސްކޫލުގެ ލައިބްރަރީ ތަރައްޤީކޮށް އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: މާއުނގޫދޫ ކައުންސިލް

އެމަސައްކަތުގައި އަމަލީ މަސައްކަތް ކުރުމުގައާއި، ކަރަންޓް ވަޔާ ބަދަލުކުރުންފަދަ ކަންކަމުގައި ފެނަކަ ސީއެސްއާރުގެ ދަށުން އެހީތެރިކަން ލިބިގެން ދިޔަކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

މާއުނގޫދޫ ސްކޫލަކީ 200 އަށްވުރެ ގިނަ ދަރިވަރުން އުނގެނެމުންދާ ސްކޫލެކެވެ.