ރާއްޖޭގައި އުފެއްދޭ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުމުގައި ނަގާ ޑިއުޓީ ބޮޑުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި، ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަށް ސަރުކާރުން ރަސްމީކޮށް ކުރިއަށް ގެންގޮސްފައި ވަނީ ކ. ކާށިދޫގަ އެވެ. މި ހަރަކާތްތަކުގެ ތެރެއިން އެ ދުވަސްތައް ފާހަގަ ކުރުމަށް ބާއްވާ ރަސްމީ ރޭ ވަނީ އެ ރަށުގައި ބާއްވާފައެވެ.
އެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. މިގޮތުން ރާއްޖޭގައި ފަސޭހައިން އުފެއްދެން ހުރި އުފެއްދުންތައް އުފައްދައި މާކެޓަށް ނެރުމުގެ މަސައްކަތް ކުރެވެމުންދާ ކަމުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި ހެއްދޭނެ 17 ބާވަތެއް ފާހަގަކޮށް، އެބާވަތްތައް ހައްދާ ފަރާތްތަކުގެ ހުރިހާ އުފެއްދުންތައް އެގްރޯ ކުންފުންޏަށް ގަނެ މާކެޓްކޮށްދޭނެ ކަމުގެ ޔަޤީންކަން އެފަރާތްތަކަށް ދީފައި ވާނެ ކަމަށެވެ. އަދި ރާއްޖޭގައި އުފެއްދޭ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުމުގައި ނަގާ ޑިއުޓީ ބޮޑުކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ގައިންގަޔަށް ނާރާބަލިތައް އިތުރުވުމުގައި، ބޭނުންކުރެވޭ ކާނާ އެއީ ސަބަބަކަށް ވެދާނެކަން ފާހަގަކުރައްވައި ރައީސްގެ ވާހަކަފުޅުގައި ވަނީ، އޯގަނިކް ފާމިންގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ކުރިއަރާފައިވާ ޤައުމުތަކުން މިހާރު ބަދަލުވަމުން ދަނީ، އޯގަނިކް ފާމިންއަށް ކަމަށް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ދަނޑުވެރިކަން ކުރާ ފަރާތްތަކުން ވެސް، އޯގަނިކް ފާމިންއާއި ދޭތެރޭގައި ވިސްނުން ގެންގުޅުމަކީ މުހިއްމުކަމެއް ކަމަށެވެ. އެހެން ނަމަވެސް ކުއްލިއަކަށް މުޅިން އޯގަނިކް ފަރމިންއަށް ބަދަލުވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.
މިގޮތުން އެމަނިކުފާނު ވަނީ، ކުއްލިއަކަށް އޯގަނިކް ފާމިންއަށް ބަދަލުވުމަށް ސްރީލަންކާއިން އެޅި ފިޔަވަޅާއި އެކު އެޤައުމުގެ އިޤުތިޞާދަށާއި ދަނޑުވެރިކަމަށް ވެގެން ދިޔަ ގޮތުން މިސާލު ނަންގަވާފައެވެ.
ރޭގެ ޖަލްސާގައި ވަނީ، ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރައްވަމުންގެންދަވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން 9 ފަރާތަކަށް ހަނދާނީފިލާ ދެއްވައިފައެވެ. އެފަރާތްތަކަށް ހަނދާނީފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!