އިނގިރޭސި ލީގުގައި އާދީއްތަ ދުވަހުހެރޭ ކުޅުނު މެޗުން ލިވަޕޫލް އަތުން ސިޓީބަލިވެ، ލީޑްސް ޔުނައިޓެޑް އަތުން އާސެނަލް މޮޅުވުމުން އާސެނަލްއަށް ލީގު ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިއްޖެއެވެ. މި ދެމެޗުވެސް ނިމުނީ 1-0 ގެ ނަތީނާއިންނެވެ.
ލިވަޕޫލް ދަނޑުގައި ކުޅުނުމެޗުން ފެނުނު ހަމަ އެކަނި ގޯލު ކާމިޔާބު ކޮށްދިނީ ސަލާހް އެވެ. މީ ލިވަޕޫލްގެ ކީޕަރ އެލިސަން ގެ އެސިސްޓެކެވެ. މީ މި ސީޒަންގައި އެލިސަންގެ ދެވަނަ އެސިސްޓެވެ. އަދި ސަލާހްގެ މި ގޯލާއި އެކު ޕްރިމިއާލީގުގައި ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ވަނީ ސަލާހް އަށް ލިބިފައެވެ. މި ލިސްޓުގެ އެއްވަނައިގައި ވަނީ ކުރިން ލިވަޕޫލަށް ކުޅުނު އިނގިރޭސި ފޯވާޑް ރޮބީ ފޮލާ އެވެ. މި ލިސްޓުގެ އެއްވަނަ މަގާމަށް އަރަން ސަލާހް އަށް ބޭނުންވަނީ 7 ގޯލެވެ.
ރޭގަ ކުޅުނު މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފައްދައިފައިވަނީ ސިޓީއިންނެވެ. ލިވަޕޫލުގެ ގޯލާއި އަމާޒުކޮށް ސިޓީއިންވަނީ ފަސް ހަމަލާއެއް ފޮނުވައިލާފައެވެ. ލިވަޕޫލަށް ގޯލާއި އަމާޒަށް ފޮނުވައިލެވުނީ 2 ހަމަލާއެވެ.
މި މެޗުގައި ލިވަޕޫލުގެ ކޯޗް ކޮލޮޕް އަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވައިލާފައެވެ.
އެންމެ ފަހުން މި ދެޓީމު ކުޅުނު 6 މެޗުންް ސިޓީ މޮޅުވެފައިވަނީ އެންމެ ފަހަރަކު އެވެ. 3 މެޗު ލޮވަޕޫލް ކާމިޔާބު ކުރިއިރު އަނެއް ދެމެޗު ނިމުނީ އެއްވަރު ވެގެންނެވެ.
މި ނަތީޖާއި އެކު ލިވަޕޫލުންވަނީ ތާވަލުގެ 8 ވަނަ އަށް ޖެހިލާފައެވެ.
އާދީއްތަދުވަހުގެ ރޭ ލީޑްސް ޔުނައިޓެޑް އަދި އާސެނަލް ބައްދަލުކުރި މެޗުގައި ފެނުނު ހަމައެކަނި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 35 ވަނަ މިނެޓުގައި އޮޑުގާޑް ގެ އެހީތެރިކަމާއެކު ބުކާޔޯ ސަކާ އެވެ.
ދާދި ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ގޯލާއި އަމާޒުކޮށް އާސެނަލްއިން ފަސް ހަމަލާ ފޮނުވާލިއިރު، ލީޑްސް ޔުނައިޓެޑް އިން ވަނީ ގޯލާއި އަމާޒަށް ހަތަރު ހަމަލާއެއް ފޮނުވައިލާފައެވެ.
މި ނަތީޖާއި އެކު ލީޑްސް ޔުނައިޓެޑް އޮތީ ތާވަލުގެ 15 ވަނައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!