ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެކަން ކުރެވޭ ވަރުގެ ބަޔަކާ ނޫންކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ރެއެވެ. މާލޭގައި އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.
މި ޚަބަރު ގެނެސްދީ އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރަކަށް އިޝާރާތް ކުރައްވައި ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އޭނާ އުފަން ހއ. ބާރަށާއި ޖެހިގެން އޮންނަ ހަނިމާދޫގައި ތަރައްގީވެފައި އޮންނަ އެއާޕޯޓެއް އޮތުމަކީ އުފާވާނެ ކަމެއް ކަމަށެވެ. ނަމަވެސް އެ މަޝްރޫޢު ހަވާލުކުރީ އެކަން ކުރެވޭވަރު ބަޔަކާ ނޫންކަމަށް ވިދާޅުވެފަވެއެވެ.
''އަހަރެމެން ރަށާ އިންވެގެން ތަރައްޤީވެފައި އޮންނަ އެއާޕޯޓެއް އޮތުމަކީ ޝައްކެތް ނެތް އަހަރެމެންވެސް އުފާވާނެ ކަމެއް. ނަމަވެސް ތިޔަ ސޮއިކުރީ އެއާޕޯޓު ތަރައްޤީ ކުރެވޭ ވަރުގެ ބަޔަކާއެކު ނޫންކަން ޔަޤީން. 3 އަހަރު ވަންދެން ރަންވޭ މަތީ ފީތާ ހިފާގެން މިންއަޅަން އުޅުނު ބަޔަކަށް ޒަމާނީ ފެންވަރުގެ އެއާޕޯޓެއް ތަރައްޤީ ކުރެވިދާނެކަމާ މެދު ވަރަށް ބޮޑަށް ޝައްކު އުފެދޭ.'' ޝުޖާއު ވިދާޅުވެފަވެއެވެ.
އޭނާ ވަނީ އެ މަޝްރޫޢު ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލު ކުރުމަކީ ބޮޑު ތިލަދުންމަތީގެ މީހުން ''ގުނބޯ ހެއްދުން'' ކަމަށް ސިފަ ކުރައްވާފަ އެވެ.
''މިވަރަށް އަހަރެމެން ހިސާބު މީހުން ގުނބޯ ހައްދަން ހެޔޮނުވާނެ. އަހަރެމެން ހިސާބު މީހުންނަށްވެސް މިހާރު އެނގޭ މަސައްކަތު އުޅޭއިރު ބޮލުގައި އޮންނަ ސޭފްޓީ ހެލްމެޓްގައި ކޮންކްރީޓް ގަށާ މީހުންނާއި ބިމުއަޑިން ހޮޅިއަޅައި މަތިންދާ ބޯޓުގެ ބަނޑުދަށުން މައްޗަށް ބޯޓަށް ތެޔޮ އަޅާ ހޮޅި ނެރޭ ފެންވަރުގެ މީހުން ވަކިކުރަން.'' ޝުޖާއު ވިދާޅުވެފަވެއެވެ.
އެކަން ރައީސް ޔާމީން ވެލާނާ އެއަރޕޯޓް ތަރައްޤީ ކުރެއްވި އިރު ވަނީ ދައްކުވާފައި ކަމަށާއި، ބޮޑު ތިލަދުންމަތީ މީހުންނަށްވެސް އެތަން ފެނުނު ކަމަށް އޭނާ ވިދާޅުވެފަ ވެއެވެ.
އަހަރެމެން ރަށާ އިންވެގެން ތަރައްޤީވެފަ އޮންނަ އެއަރޕޯޓެއް އޮތުމަކީ ޝައްކެތް ނެތް އަހަރެމެންވެސް އުފާވާނެ ކަމެއް.ނަމަވެސް ތިޔަ ސޮއިކުރީ އެއަރޕޯޓު ތަރައްޤީ ކުރެވޭ ވަރުގެ ބަޔަކާއެކު ނޫންކަން ޔަޤީން.3 އަހަރު ވަންދެން ރަންވޭ މަތީ ފީތާ ހިފާގެން މިންއަޅަން 1/3 https://t.co/gUOVAulWNT
— Ibrahim Shujau (@IbrahimShujaau) September 25, 2022
ޝުޖާއުގެ ފާޑުކިޔުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުންޏަށް އަމާޒުކުރެއްވިއިރު، އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރު ފަހުކޮޅު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި، 2024 ގައި އެ މަޝްރޫއު ނިމި، ހިދުމަތް ދޭން ފެށޭނެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި މަޝްރޫއު އަށް 2.1 ބިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފައެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެއެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަސީލަތްތައް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެކަމަށް ވެސް ބުނެފަ ވެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތް ހިންގަން ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ބަޖެޓް ކުރިނަމަވެސް އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!