ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ޒޯން 1 ގެ ޚިދުމަތް "ބޮޑުތިލަދުންމަތި ގުޅާލުން" ރަސްމީކޮށް ރޭ އިފްތިތާޙް ކޮށްފިއެވެ.
މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ހއ. ދިއްދޫ ބަނދަރު ސަރަޙައްދުގައި ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.
އާރް.ޓީ.އެލްގެ ޒޯން 1 ގެ ޚިދުމަތް ރަސްމީ ގޮތުން ރޭ އިފްތިތާޙްކޮށްދެއްވުމުގެ ކުރިން ރައީސް ވަނީ، އާރް.ޓީ.އެލް ހައި-ސްޕީޑް ފެރީގައި، އިއްޔެ ހަވީރު، ހއ. އުތީމުން ހއ. ދިއްދޫއަށް ދަތުރުފުޅު ކުރައްވާފައެވެ.
ބޮޑުތިލަދުންމަތިން މި ޚިދުމަތް ފުރަތަމަ ފެށީ ހދ. އަތޮޅުގައެވެ. މިއީ މި ޚިދުމަތް ފުރަތަމަ ފެށި އަތޮޅު ވެސް މެއެވެ. ހދ. އަތޮޅުގައި މި ޚިދުމަތް ރަސްމީކޮށް ފެށީ މިއަހަރުގެ ޖޫން މަހުގެ 11 ގައެވެ. އެއަށްފަހު ހއ. އަތޮޅުގައި މިޚިދުމަތް ޖުލައި 3 ވަނަ ދުވަހު ރަސްމީކޮށް ފެށިއިރު، ށ. އަތޮޅުގައި މި ޚިދުމަތް ފެށީ މި ހިނގާ ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ.
އާރުޓީއެލް ފެރީގައި ރައީސް އުތީމުން ދިއްދޫއަށް ދަތުރުފުޅު ކުރައްވަނީ، މި ޚިދުމަތް އިފްތިތާހްކުރީ ރޭ ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި، ފޮޓޯ: ހަސަން އިމްސާދް
"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޙިދުމަތް ފަށާފައެވެ. މި ޒޯންގައި ބޭނުންކުރާ އާރް.ޓީ.އެލް ފްލީޓްގައި ޒަމާނީ 13 ފެރީ މިވަގުތު އޮތް އިރު، މި ޒޯނުގެ 41 ރަށަށް، ހަމަ ކޮންމެ ދުވަހަކުވެސް ދަތުރުތައް ކުރާނެއެވެ.
ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ސްޕީޑް ފެރީގެ ޚިދުމަތް މުޅިރާއްޖޭގައި ފެށިގެންދާއިރު، ރާއްޖޭގެ 188 ރަށުގައި ފެރީ ޓަރމިނަލްތައް ޤާއިމްކޮށް، މުޅި ރާއްޖޭގައި ޚިދުމަތް ދިނުމަށް 82 ހައި-ސްޕީޑް ފެރީ އުޅަނދެއް ދަތުރުތަކުގައި ބޭނުންކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!