ފުލުހުންނަށް ހަމަލާދީ، އިންޒާރުދޭއިރު، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހަނު ހުންނަވާތީ މަކުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ކަންބޮޑުން ފާޅުކުރައްވައިފި އެވެ.
މެމްބަރު މިކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ތިން ފުލުހަކަށް ދިން ހަމަލާއާއި ގުޅިގެން، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ނެވެ.
މެމްބަރު ރާއީ ވިދާޅުވީ މަޖިލީހުން މިކަމަށް ކުއްލި ގާނޫނެއް ހަދާފަ ފޮނުވިދާނެ ކަމަށާއި އެހެންނަމަވެސް އެކަން ތަންފީޒު ކުރެވިގެންދާނެތޯ ވަނީ ސުވާލު ކުރައްވާފަ އެވެ.
ރާއީ ވިދާޅުވީ އަމީނީމަގުން ދާއިރު އިސްކަންދަރު ކޮށި ބޭރުގައި ފުލުހުންގެ ނަންތަކެއް ޖަހާފައި ހުންނާނެ ކަމަށާއި އެއީ އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރަނިކޮށް މަރާލާފައިވާ މީހުންގެ ނަންތައް ކަމަށެވެ.
"އަޅުގަނޑު ހަނދާން އެބަހުރި އަޅުގަނޑުމެން ޗުއްޓީއެއްގަ ތިބެ، ނުކުމެ ޓެރަރިޒަމް ގާނޫނެއް ހެދި. އަދިއަދަށް ދާންދެން ވެސް މަޖިލީހުގެ ހުރިހާ މެމްބަރުންނަށް އެނގޭނެ ތަންފީޒެއް ނުވޭކަން. ދެން މިކަމުގަ ވެސް އަޅުގަނޑު އަދިނުދެކެން ހޯމް މިނިސްޓަރ އެއްވެސްކަހަލަ ބަޔާނެއް ނުވަތަ އެއްވެސް އެއްޗެއް ވިދާޅުވެފައިވާ ތަނެއް."
ރާއީ ވިދާޅުވި އެވެ.
ރާއީ އިތުރަށް ވިދާޅުވީ މިއީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށާއި ކުރީގައި ހަމަލާދެނީ ވަކިވަކި ފުލުހުންނަށް ވަކިވަކި މީހުން ކަމަށެވެ. ނަމަވެސް މިހާރު މިފެންނަނީ ގްރޫޕު ހަދާފަ ފުލުހުންނަށް އޮގަނައިޒް ކުރެވިގެން ހަމަލާދޭ ތަން ކަމަށެވެ.
ފުލުހުންގެ ތެރޭގައި ވެސް ދެ ޖިންސުގެ މީހުން ހަރަކާތްތެރިވާކަން ފާހަގަކުރައްވާ ރާއީ ވިދާޅުވީ އަންހެން ފުލުހުން ވެސް ރޭގަނޑު މަގުތައްމަތީގައި ކަންކަން މޮނިޓަރކޮށް ހަރަކާތްތެރިވާ ކަމަށެވެ. އަދި ރާއީ ވިދާޅުވީ ސްކޫލު ކުދިން މަގުމަތިން ނަގައިގެން ގެންގޮސް ރޭޕް ކުރާތަން ފެންނަމުންދާ ކަމަށެވެ.
"އަޅުގަނޑުގެ ސުވާލަކީ އަންހެން ފުލުހުންނަށް ކިހާ ބިރުވެރިވާނެތޯއޭ އެބޭފުޅުންގެ ހިތުގަ ކިހާ ބިރުވެރިކަމެއް މިހާރު އޮންނާނެތޯއޭ އެބޭކަނބަލުންގެ ރައްކާތެރިކަމަކީ ކޮބައިތޯއޭ." ރާއީ ވިދާޅުވި އެވެ.
ރާއީ ވިދާޅުވީ ފުލުހުންގެ ތެރޭގައި ވެސް މައްސަލަތައް އެބައުޅޭ ކަމަށާއި ފުލުހުން ކުރާ ކަންތަކާއިމެދު ހިތްހަމަ ނުޖެހޭ ޒުވާނުންނާއި ގްރޫޕުތައް ވެސް އުޅޭ ކަމަށެވެ. އެހެންނަމަވެސް ފުލުހުންގެ ޔުނިފޯމު އަޅައިގެން ތިއްބާ އެގޮތަށް ހަމަލާ ދެވިގެން ނުވާނެ ކަމަށެވެ. އަދި މިއީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށާއި އެ ބިރުވެރިކަން އިންތިހާއަށް އެބައޮތް ކަމަށެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ އޮފް ޑިއުޑީގައި އުޅުނު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ތިން ފުލުހަކަށް ހަމަލާ ދިނުމަކީ ރާވައިގެން ގޭންގުތަކުން ހިންގާ ކުށްތަކުގެ ތެރެއިން ފުލުހުންނަށް އަމާޒުކޮށްގެންދޭ ހަމަލާތަކުގެ ތެރެއިން ނުރައްކާތެރި ހަމަލާއެއް ކަމަށެވެ.
ގާނޫނު ތަންފީޒުކުރުމާއި ކުށްވެރިން ހިފައި ހައްޔަރުކުރުމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރަން ތިބޭ ފުލުހުންނަށް އެފަދަ ހަމަލާދެމުންދާއިރު މިއަށްވުރެ ކުއްލި މައްސަލައެއް މި ރާއްޖޭގައި ނޯންނާނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!