ށ. މާއުނގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި މާއުނގޫދޫ ކައުންސިލުގެ ރައީސް އާދަމް ސަލީމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްޓީސީސީން ބުނީ, ދަނޑުވެރިކަމާއި ކަންނެލީގެ މަސްވެރިކަމަށް މަޝްހޫރު މާއުނގޫދޫ ބަނދަރު ތަރައްގީކޮށް ނިމުމުން ލަފާފުރުމުގެ ދަތިތައް ހައްލުވެ, އިގްތިސާދީ ފައިދާތައް ލިބިގެންދާނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 59,013.29 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 48 ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި 362 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި 312 މީޓަރުގެ އެއްގަމުތޮއްޓެއް ލުމާއި 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
މީގެ އިތުރުން 90 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ނެރު ބައްތިއާއި މަގުބައްތި ހަރުކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 59.71 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!