ހަނިމާދޫ ހަސަނަކީ "ކުރިން ކަނާއަތްތެރިއެއް" ދިރިއުޅުމަށް ބިންދާލި ރާޅާއެކު، ފަތަން ޖެހިފައިވަނީ އެއްއަތުން!

photo_2022-09-09 06.02.27

ހދ.ހަނިމާދޫ ޝަބްނަމްގެ ހަސަން މުޙައްމަދަކީ ކުރިން ކަނާއަތްތެރިއެކެވެ. ކުޑަކުޑަ ތަދާއި އެކު ދިރިއުޅުމަށް ބިންދާލި ބިޔަ ރާޅާއި އެކު ފަތަން ޖެހިފައިވަނީ އެއްއަތުންނެވެ.

މިއީ، އެއްވެސް ބައްޔެއްގެ އިހުސާސެއް ނެތި ފުރިހަމަ ސިއްހަތަކާއި އެކުގައި މީގެ ދެ އަހަރެއްހައި ދުވަސް ކުރިން ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށް ބުރަކޮށް މަސައްކަތް ކުރަމުން އައި ޒުވާނެއްގެ ވާހަކަ އެވެ. މިއީ އުމުރުން ޒުވާން ދުވަސްވަރު ހަސަންގެ ދިރިއުޅުމަށް އެތައް ހުރަސްތަކެއް ކުރިމަތިވި ގޮތުގެވާހަކައެވެ.

ކަނާއަތްތެރިއަކަށް އެ އަތް މުހިންމުވާނެ ވަރަކީ އެއްވެސް އިންސާނަކަށް އިތުރަށް ބުނެދޭން ޖެހޭނެ ކަމެއް ނޫންކަން ޔަޤީނެވެ. ކަނާއަތުގެ އަތްތިލައާއި ނުލާވެސް ދިރިއުޅުމާއިގެން ކުރިއަށް ދިޔުމުގައި ހަސަން ދައްކަމުން އަންނަނީ ހިތްވަރެވެ. އެއް އަތުން މަސައްކަތް ކުރަން ޖެހުނު ނަމަވެސް ހަސަން ހުރީ އޭނާގެ ކުޑަކުޑަ އާއިލާގެ ޒިންމާތައް އަދާކުރުމަށް ދެފައިމަށްޗަށް ތެދުވެ ހިތްވަރާއި އެކުގަ އެވެ. ނަމަވެސް އެ ހުރަސްތައް ގިރާކުރުމަށް މިއަދު ހަސަނަށް ހުންނަން ޖެހިފައިވަނީ ވާއަތުގެ އަތުކުރި އޮޅާލައިގެންނެވެ.

ދިރިއުޅުމުގައި އެކި މީހުންނާއި ކުރިމަތިލާން ޖެހެނީ އެކިކަހަލަ އިމްތިހާނާއެވެ. އަހަރުމެންނަށް އޮތީ މި އިމްތިހާން ތަކާއި ކުރިމަތިލައި މަސައްކަތްކުރުމެވެ.

މިވާހަކަ އަސަރާއި އެކު "ތިލަދުން" އަށް ހިއްސާކުރަމުން ހަސަން ކިޔައިދިން ގޮތުގައި، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހަސަން މަސައްކަތް ކުރަމުން އައީ އެމްޓީސީސީ މުވައްޒަފެއްގެ ގޮތުގައި ހަނިމާދޫގެ މަގުހެދުމުގެ މަސައްކަތުގައެވެ. އެ މަސައްކަތުގައި އުޅެމުން އައި ދުވަސްވަރު، ކަނާއަތުގެ ކުޑަވައި އިނގިއްޔާއި ކަށި އިނގިއްޔާއި ދެމެދުން ތަދެއް ފާހަގަ ކުރެވުނެވެ.

ދެ އިނގިލީގެ ދެމެދުން ފާހަގަ ކުރެވުނު ކުޑަކުޑަ ތަދަކީ ހަސަނުގެ މުޅި ހަޔާތް ބަދަލު ކޮށްލުވާވަރުގެ ތަދެއްކަމުގައި އޭރު އޭނާ ނުދެކެއެވެ. ދޭތެރެއަކުން ރިއްސާލި ނަމަވެސް އެއީ ނުރައްކާތެރި ސިގުނަލެ ކަމެއް ނޭނގެއެވެ.

ދޭތެރެއަކުން ތަދުގެ އިހުސާސް ކުރެވޭތީ ހަސަން ފުރަތަމަ ޑޮކްޓަރަށް ދެއްކީ ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށެވެ. ޑޮކްޓަރު ބެއްލެވުމަށް ފަހު ދެއްވި ޖަވާބަކީ އެތަނުގައި ޓިއުމަރެއް އުފެދިފައިވާ ކަމަށެވެ. އެމްއާރުއައި ހެދުމަށް ފަހު އެކަން ޔަޤީން ކުރުމަށެވެ. ކުޅުދުއްފުށީ ރީޖަނަށް ހޮސްޕިޓަލަށް ދެއްކުމުން ވެސް ހަމަ ލިބުނީ ހަމަ އެ ޖަވާބެވެ.

ލަސްނުކޮށް އިތުރު ފަރުވާއަށް ހަސަން މާލެ އައި ނަމަވެސް ހާލަތު ދިމާވީ ވަރަށް އުނދަގޫކޮށެވެ. ސަބަބަކީ ކޯވިޑްގެ ބަލިމަޑުކަން ރާއްޖޭގައި ވެސް ފެތުރި ދަތުރު ފަތުރުގެ ނިޒާމްގެ އިތުރުން އާންމު ގިނަ ޚިދުމަތްތަކަށް ވެސް ހުރަސް އެޅިފައި އޮތުމެވެ.

މާލެ އައުމަށް ފަހު ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭގެ އިތުރުން އަޖީއެމްއެޗަށް ވެސް ދައްކައި އެމްއާރުއައި ހެދުމަށް ފަހު ރާއްޖޭގެ ޑޮކްޓަރުން ލަފާދީފައި ވަނީ ލަސްނުކޮށް އޮޕަރޭޝަން ކުރުމަށް އިންޑިއާއަށް ދިއުމަށެވެ. ނަމަވެސް އެއީ ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަނދުކޮށްފައި އޮތް ވަގުތައް ވުމުން އެކަމުގައި ވެސް ހަސަންއަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވިއެވެ.

ނަތީޖާއެއްގެ ގޮތުން ރާއްޖެއިން އޮޕަރޭޝަން ކުރަން ނިންމައި، ޓްރީޓޮޕް ހޮސްޕިޓަލުން ކުޑަ އޮޕަރޭޝަނެއް ކުރުމުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. ލިބުނު ތަސައްލީއާއިއެކު ހަސަން އެނބުރި އައީ ރަށަށެވެ. ރަށަށް އައިސް ކަރަންޓީން މުއްދަތު ނުނިމެނީސް އަނެއްކާވެސް އެތަނުގައި ރިއްސަން ފެށިއެވެ.

އެތަނުގައި ރިއްސަން ފެށުމުން އިތުރު ފަރުވާއަށް އަނެއްކާ ވެސް ހަސަން ފުރައިގެން ދިޔައީ މާލެއަށެވެ. މާލެ ގޮސް އޭޑީކޭއަށާއި އައިޖީއެމްއެޗަށް ދެއްކުމުން ލިބުނީ އެއް ޖަވާބެކެވެ. ދެ ހޮސްޕިޓަލުން ބެއްލެވި ޑޮކްޓަރުން ވެސް ހަސަންގެ އަތުގައި ކެންސަރުގެ އަސަރެއް ހުރިކަމުގައި ވިދާޅުވިއެވެ. ޑޮކްޓަރު ލަފާދިނީ ލަސްނުކޮށް ފުރައިގެން އިންޑިއާއަށް ދިއުމަށެވެ.

އިންޑިއާއަށް ދާން މަސައްކަތް ފަށައިގަން ނަމަވެސް އެކަމުގައި ވެސް ބޮޑެތި ތަކުލީފްތަކާއި ކުރިމަތިލާން ޖެހުނެވެ. ސަބަބަކީ ކޯވިޑްގެ ހާލަތަށް ވުމެވެ.

އިންޑިއާއަށް ގޮސް ހެދި ޓެސްޓުތަކަށް ފަހު އެތަނުގެ ޑޮކްޓަރުން ހަސަންގެ އަތުގެ އިނގިލީގައި ރިއްސަނީ ކެންސަރުގެ ސަބަބުން ކަން ޔަޤީން ކޮށްދިނެވެ. ލަސްނުކޮށް އެބައި ކަނޑާފައި ނެގުމަށް ޑޮކްޓަރު ލަފާދިނުމާއިއެކު ކަނާއަތުގެ ކުޑަވައި އިނގިއްޔާއި ކަށިއިނގިލީގެ އިތުރުން މެދު އިނގިލި ބުރިކޮށްލީއެވެ.

ތިން މަސްދުވަހު އިންޑިއާގައި ތިބުމަށް ފަހު އިތުރަށް ޓެސްޓުތައްހަދައި ފަސޭހަވެގެން ހަސަން އެނބުރި ރަށަށް އައީ ޑޮކްޓަރުގެ އެދުމުގެ މަތިން ތިން މަސްކޮށްފައި އެނބުރި އިންޑިއާއަށް ދިއުމަށް އަޒުމް ކޮށްގެންނެވެ. ތިންމަސް ކޮށްފައި އިންޑިއާއަށް ގޮސް ބެލުމުން އެތަނުގެ ހާލަތު ރަނގަޅު ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ހަމަސް ފަހުން ދައްކަން އައުމަށް ޑޮކްޓަރު ލަފާދިނުމުން ހަސަން އެނބުރި ރާއްޖެއައީ ބަލި މުޅިން ފަސޭހަވީކަމުގެ އުންމީދުގައެވެ. ނަމަވެސް އެނބުރިއައިތާ ހަތަރު މަސް ދުވަސް ފާއިތުވިތަނާ އަނެއްކާ ވެސް އެތަން ފުއްޕާފައި ރިއްސަން ފެށިއެވެ.

ފުރައިގެން އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދެއްކުމުން އަނެއްކާ ވެސް ކެންސަރުގެ އަސަރު އެތަނުގައި ފެތުރެން ފަށާފައިވާކަން ޑޮކްޓަރު ޔަޤީންކޮށްދިނެވެ. ލަސްނުކޮށް އެބައި ބުރިކޮށްލުން ނޫން ގޮތެއް ނެތްކަމުގައި ޑޮކްޓަރު ވިދާޅުވިއެވެ.

ހަސަނުގެ އަންބަކާއި ދެ ކުދިން ތިބިއިރު، އެ ކުޑަކުޑަ އާއިލާގެ އެންމެހާ ކަންކަނަ ފުއްދުމަށް މަސައްކަތް ކުރުމަށް ދެ އަތުގެ މުހިންމުކަން ބޮޑުވެފައިވީ ވަގުތު، އެ ނޫން ގޮތެއް ނެތުމާއިއެކު ހަސަންގެ ކަނާއަތުގެ ކުޑަހުޅުގެ މަތިން ބުރިކޮށްލަން މަޖުބޫރުވިއެވެ.

ޑޮކްޓަރުގެ ލަފާގެ މަތީން ކޮންމެ ތިންމަހަކުން އެއްފަހަރު މާލެ ގޮސް ޓެސްޓް ހަދަން ޖެހެއެވެ. މީގެ އިތުރުން ކޮންމެ ހަމަހަކުން އެއްފަހަރު އިންޑިއާއަށް ގޮސް ޓެސްޓް ހަދަން ޖެހުމަކީ ބޮޑު ޚަރަދެކެވެ.

ހަނިމާދޫ ނޫރު މިސްކިތުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން އަންނަ ހަސަނަށް ލިބޭ މުސާރައިން އަނބިދަރިންގެ ހަރަދު ބެލެހެއްޓުމަށް ފަހު ބޭސް ފަރުވާއަށް ކޮންމެ ތިންމަހަކުން ނުވަތަ ހަމަހަކުން ބޮޑު ޚަރަދު ކުރަން ޖެހުން މި ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ.

ހަސަންގެ ހަޔާތުން އުނދަގޫ ދެ އަހަރު ފާއިތުވެގެން ދިޔައިރު މިއީ އާންމުންގެ އެހީތެރިކަމަށް އެދިފައިވާ ފުރަތަމަ ފަހަރެވެ. ހަސަން އެދެނީ އޭނާ އެ ހާލަތުން ވީއްލުމަށް ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީއެވެ.

ހަސަންއަށް ގުޅުއްވުމަށް: 7881159

އެކައުންޓް ނަމްބަރު: 7730000287689

ނަން: ހަސަން މުޙައްމަދު

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *