ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ބޭއްވި ޚާއްޞަ ފޯރަމެއްގައި، ރާއްޖޭގެ ޑައިބެޓީސް ޕްރޮޓޮކޯލް ރަސްމީކޮށް އިފްތިތާޙުކޮށް، އަތޮޅުތަކުގައި ހަކުރުބައްޔަށް ފަރުވާދިނުމާއި ބަލިމީހުން ބެލެހެއްޓުމުގެ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ.
"މޯލްޑިވްސް ފޯރަމް އޮން އާލީ އެކްޝަން އޮން ޑައިބެޓީސް 2026" ގެ ނަމުގައި މި ފޯރަމް ކުރިއަށް ގެންދިޔައީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މިނިސްޓްރީ އޮފް ހެލްތު އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގުޅިގެންނެވެ. މިއީ ރާއްޖޭގައި ހަކުރުބަލިން ރައްކާތެރިވުމާއި، ބަލި އަވަހަށް ދެނެގަތުމުގެ އިތުރުން ބަލި މެނޭޖްކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ކަމާގުޅޭ ދާއިރާތަކުގެ ގާތްގަނޑަކަށް 60 ބައިވެރިންނާ އެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލާ ޤީލާ ޢަލީ އަދި ޑަބްލިއުއެޗްއޯ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މިސް ޕޭޑެން އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ޑައިބެޓީސް ޕްރޮޓޮކޯލް އިފްތިތާޙުކޮށްދެއްވުމުގެ އިތުރުން، ގައިންގަޔަށް ނާރާ ބަލިތަކާއި ހަކުރުބަލިން ރައްކާތެރިވުމަށް އެޅިދާނެ ޢަމަލީ ފިޔަވަޅުތަކާއި ސިޔާސަތުތަކާ ގުޅޭގޮތުން ޞިއްޙީ ދާއިރާގެ މާހިރުން ހިމެނޭ ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ފޯރަމްގެ ސެޝަންތަކުގެ ތެރެއިން ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް) ގެ ސީއީއޯ ޢާއިޝަތު ޝިރުހާނާ އާއި އެ ޖަމްޢިއްޔާގެ މެޑިކަލް ޑިރެކްޓަރ ޑރ. އާމިނަތު މަލްހާ ސަޢީދު ވަނީ ޚާއްޞަ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން ނެޝަނަލް ޑައިބެޓީސް ސެންޓަރ (އެންޑީސީ) ގެ ފަރާތުން ސީނިއަރ ކޮންސަލްޓަންޓް އިން އިންޓަރނަލް މެޑިސިން، ޑރ. މޫސާ މުރާދު ވެސް ވަނީ މި ދާއިރާއާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ހިމެނޭ ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.
ރާއްޖޭގައި ހަކުރުބަލި ކޮންޓްރޯލްކުރުމަށާއި، ފަރުވާދިނުމުގެ އިތުރުން ބަލިމީހުންގެ ހާލަތު ބެލެހެއްޓުމުގެ (ފޮލޯ-އަޕް) ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ގިނަ މަޝްވަރާތަކެއް ކުރެވުނެވެ. އެގޮތުން އަތޮޅުތަކުގެ ޕަބްލިކް ހެލްތް ޔުނިޓްތަކާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ބައިވެރިންގެ ތަޖުރިބާތަކާއި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް މި ބައްދަލުވުމުގައި ވަނީ ހިއްސާކޮށްފައެވެ.
މީގެއިތުރުން އެންސީޑީ އެކްޝަން ޕްލޭންގެ ދަށުން އިސްކަންދޭންޖެހޭ ދާއިރާތައް ދެނެގަނެ، އެކަންކަމަށް ހުށަހަޅާނެ ޙަރަކާތްތަކާއި ޒިންމާތައް ކަނޑައެޅުމަށްޓަކައި ވޯކިންގ ގްރޫޕް ސެޝަންތަކެއް ވަނީ ބާއްވާފައެވެ. މި ސެޝަންތަކުގައި ބައިވެރިން މަޝްވަރާކޮށް އެކުލަވާލި ޕްރެޒެންޓޭޝަންތައް ހުށަހަޅައި، އެ ހުށަހެޅުންތަކުން ނުކުމެދާނެ ނަތީޖާތަކާ މެދު ވަނީ ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކޮށްފައެވެ.
މި ފޯރަމް ނިންމާލާފައިވަނީ މުޅި ޕްރޮގްރާމްގެ އިވެލުއޭޝަން ސެޝަނަކާއި، ނިންމުމުގެ ވާހަކަތަކުގެ އިތުރުން ކުރިއަށް އޮތްތަނުގައި މި މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާ މެދު ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ. ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއްގެ ގުޅުން ހަރުދަނާކޮށް، ހަކުރުބަލި ތަޙައްމަލުކުރާ މީހުންނަށް ލިބޭ ފަރުވާ ރަނގަޅުކުރުމާއި، ބަލި ދުރާލާ ދެނެގަތުމަށް ގުޅިގެން މަސައްކަތްކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!